ހަބަރު

މާލޭގެ ބައެއް ވަންވޭތަކަށް ބަދަލު ގެނެސްފި

މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގައި އަމަލު ކުރަން ޖެހޭ ވަންވޭ އުސޫލުތަކަށް ބަދަލު ގެނެސް މިއަދުން ފެށިގެން އެ ބަދަލަށް އަމަލު ކުރަން ފަށާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭގެ ވަންވޭތަކަށް ގެނައި ބަދަލުތައް ފާސްކުރީ މާލެ ސިޓީ ކައުންސިލުން މި މަހުގެ ތިންވަނަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެ ކައުންސިލްގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ބަދަލުތައް ގެނައުމަށް ހުށަހެޅުއްވީ ކައުންސިލް މެންބަރު އަހުމަދު ޒަމީރެވެ.

އެ ގޮތުން ގެނައި ބަދަލުތަކުގެ ތެރޭގައި އަލިކިލެގެފާނު މަގު ދެކުނުން އުތުރަށް ވަންވޭއަށް ދުއްވާ ގޮތަށް ހިމެނެ އެވެ. އަދި ހުސްނުހީނާ މަގު އުތުރުން ދެކުނަށް ދުއްވާ ގޮތަށް ހެދިއިރު، ދަރުމަވަންތަ މަގުގައި ދުއްވޭނީ ހުޅަނގުން އިރަށެވެ.

އަދި ހިތަށްފިނިވާ މަގާއި ހުސްނުހީނާ މަގާއި ނޫރާނީ ގޯޅިއާ ދެމެދު ދެކޮޅަށް ދުއްވޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. ކުޑަ ތުއްތު ހިނގުން މަގާއި، ލިލީ މަގާއި ދަރުމަވަންތަ މަގާ ދޭތެރޭ ވެސް މިހާރު ދެކޮޅަށް ދުއްވޭނެ އެވެ. އަދި ހިލާލީ މަގު، ބުރުޒު މަގާއި އަމީނީ މަގާއި ދޭތެރޭގައި ވެސް ދެކޮޅަށް ދުއްވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މާލޭގެ މަގުތަކުގެ ވަންވޭތަކަށް ބަދަލުތަކެއް ގެނައި އިރު، ކުރިއަށް އޮތް ތަނުގައި ޕާކް ކުރާނެ ބޮޑު ޖާގައިގެ ޒޯންތައް ގާއިމުކޮށް، ބޮޑު ސަރަހައްދެއްގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.