ދުނިޔެ

ބޮޑެތި ލުއިތަކާއެކު ސައުދީ ދުނިޔެއަށް ހުޅުވާލައިފި

Sep 28, 2019
2

ރިޔާދު (ސެޕްޓެމްބަރު 28) - ސައުދީ އަރަބިއްޔާގެ އިގުތިސޯދު ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރަން ފަށާފައިވާ މަސައްކަތުގެ ތެރެއިން ބޭރުގެ ޓޫރިސްޓުންނަށް އެ ގައުމު ހުޅުވާލައިފި އެވެ.

އިއްޔެ އިން ފެށިގެން ސައުދީ ސަރުކާރުން ވަނީ 49 ގައުމަކަށް ވިސާގެ ފަސޭހަ އުސޫލުތަކެއް ތައާރަފްކޮށް، ބޭރުން ދާ އަންހެން ޓޫރިސްޓުން ލާންޖެހޭ ހެދުމަށް ވެސް ލުއިތަކެއް ދީފަ އެވެ.

ސައުދީގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަލް-ހަތީބު ވިދާޅުވީ މިއީ އެ ގައުމުގެ ޓޫރިޒަމްގައި ތާރީހީ ފެށުމެއް ކަމަށެވެ.

އިއްޔެއާ ހަމައަށް ސައުދީން މައިގަނޑު ގޮތެއްގައި ވިސާ ދޫކޮށްފައި ވަނީ ހައްޖުވެރިންގެ އިތުރުން، ވިޔަފާރިވެރިންނަށާއި އެ ގައުމަށް ގެންދާ ބޭރުގެ މަސައްކަތްތެރިންނަށެވެ. އާ ބަދަލާއެކު، ޓޫރިޒަމް ސިނާއަތަށް ބޭރުގެ އިންވެސްޓްތައް ގެންދަން ވެސް ސައުދީން ވަނީ އަމާޒު ހިފާފަ އެވެ.

އަދި 2030 އާ ހަމައަށް ގައުމީ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީއަށް ޓޫރިޒަމުން ކުރާ ހިއްސާ ތިން ޕަސަންޓުން 10 ޕަސަންޓަށް އިތުރުކުރުމަށް ވެސް ސައުދީ ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.

"ބޭރުން ޒިޔާރަތްކުރާ މީހުން ހައިރާންކޮށްލާނެ. އަހަރެމެންގެ އެބަ އޮތް ވަރަށް މުއްސަނދި ތާރީހެއް. ސަގާފަތެއް އަދި ގުދުރަތީ ރީތިކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އަންހެން ޓޫރިސްޓުންނަށް ދީފައިވާ ލުއިތަކުގެ ތެރޭގައި، މުޅި ހަށިގަނޑު ނިވާވާ ގޮތަށް އަބާޔާ ލާން ނުޖެހުމުގެ އިތުރުން، އަންހެނުން އެކަނި ސައުދީއަށް ޒިޔާރަތްކުރެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު ހެދުން އެޅުމުގައި ސައުދީގެ ސަގާފަތާއި އާދަކާދައަށް އިހުތިރާމް ކުރުމަށް ޓޫރިޒަމް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

ނަމަވެސް، ރަލާއި އޫރުމަސް މަނާ ކުރުމުގެ އިތުރުން މައްކާ އަދި މަދީނާއަށް މުސްލިމުން ނޫން މީހުން ޒިޔާރަތް ނުކުރެވޭ ގޮތަށް އޮތް އޮތުން ސައުދީ ސަރުކާރުން ވަނީ ދަމަހައްޓައިފަ އެވެ.

ސައުދީ އަރަބިއްޔާއިން މިާރު ފެންނަމުންދާ އިޖުތިމާއީ، ސަގާފީ އަދި އިގުތިސޯދީ ބަދަލުގެ މޭސްތިރިއަކީ ވަލީއަހްދު މުހައްމަދު ބިން ސަލްމާނެވެ.

އެ ގައުމަކީ ޒަމާނީ މެދުމިނުގެ އިސްލާމީ ދައުލަތަކަށް އަނބުރާލުމަށް ޒުވާން މުހައްމަދު ބިން ސަލްމާން ވަނީ ވައުދުވެ ވަޑައިގެންފަ އެވެ

މިގޮތުން، ސައުދީ އަންހެނުންނަށް ފުޓުބޯޅަ މެޗުތައް ބަލަން ދަނޑަށްވަނުމުގެ އިތުރުން، ޒަމާނުއްސުރެ ފިރިހެނުންނަށް ހާއްސަ ބައެއް ވަޒީފާތައް، އަންހެނުންނަށް އަދާކުރެވޭގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.