ސަލްމާން ހާން

ސަލްމާން ކުޑައީދުގައި ނެރޭ ފިލްމަކީ "ރާދޭ" އެއް ނޫން

ވިހިވިހީގައި އަންނަ ފުރަތަމަ އީދު ދުވަހު ސަލްމާން ޚާންގެ ފިލްމެއް ރިލީޒް ކުރަން އޭނާ ވަނީ މާ ކުރިން ބުކް ކޮށްފަ އެވެ. ކުރިން ހަމަޖެހިފައި އޮތީ އެ ދުވަހު ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ "އިންޝާﷲ" ރިލީޒް ކުރާށެވެ. ނަމަވެސް ބާންސާލީ އާއި ސަލްމާނާ ޖެހުނު މައްސަލަތަކެއްގައި އެފިލްމު ވަނީ ހުއްޓިފަ އެވެ.

އެ ފިލްމު ހުއްޓުނަސް އެ ދުވަހު ސަލްމާންގެ ފިލްމެއް ރިލިޒް ކުރާނެކަން އޭނާ ވަނީ ހާމަކޮށްފަ އެވެ. ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އެ ފިލްމަކީ ޕްރަބޫދޭވާ ޑައިރެކްޓްކުރާ އަދި ވަކި ނަމެއް ހަމަނުޖެހޭ ފިލްމެކެވެ. ސަލްމާންގެ "ދަބަންގް 3" ވެސް ޑައިރެކްޓްކުރަނީ ޕްރަބޫދޭވާ އެވެ.

ސަލްމާން ބުނީ އޭނާއާ ޕްރަބޫދޭވާ ގުޅިގެން އާ ފިލްމެއްގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް އެ ފިލްމަށް ކިޔަނީ "ރާދޭ" ނޫން ކަމަށެވެ. އެ ފިލްމު އީދުގައި ރިލީޒްކުރާނެ ކަމަށް ވެސް ސަލްމާން، 53، ބުންޏެވެ.
އީދުގައި ރިލީޒްކުރާ ސަލްމާންގެ ފިލްމަކީ "ރާދޭ"ކަމަށް މީގެ ކުރިން އަޑުތައް ފެތުރުނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު އުފައްދަން އުޅޭ ފިލްމަކީ ކޮރެއާ ފިލްމް "ވެޓެރަން"ގެ ކޮޕީ އެކެވެ.

މިއީ ޕްރަބޫދޭވާ އާއި ސަލްމާން ގުޅިގެން މީގެ ކުރިން ވަނީ "ވޯންޓަޑް" އުފައްދާފަ އެވެ. އަދި "ދަބަންގް 3"ގެ މަސައްކަތް ދަނީ ކުރިޔަށެވެ.

ސަލްމާން މިހާރު މަސައްކަތް ކުރަމުންދަނީ އޭނާގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 13 ވަނަ ސީޒަން ގައެވެ.
އޭނާ ކުޅެމުންދާ ފިލްމު ތަކުގެ ތެރެއިން "ދަބަންގް 3" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު 20 ގައެވެ.