ބޮލީވުޑް

އީދުގައި ސިނަމާތަކުގައި ސަލްމާނާއި ޖޯން ގަދަހިފުމަކަށް

އަންނަ ފިތުރު އީދު ދުވަހަކީ ބޮލީވުޑަށް ވަރަށް ޚާއްސަ ދުވަހެކެވެ. ވަރަށް މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ސަލްމާން ޚާނާއި ޖޯން އަބްރަހަމްގެ ވަރުގަދަ ކުރިމަތިލުމެއް އެ ދުވަހު ސިނަމާތަކުން ފެންނާނެތީ އެވެ.

ސަލްމާންގެ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" އަންނަ މޭ މަހުގެ 13 ވަނަ ދުވަހު (ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ލަފާ ކުރެވޭ ދުވަސް) ރިލީޒްކުރާކަން އޭނާ އިއުލާން ކުރިތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މި ފިލްމަކީ މިދިޔަ އަހަރުގެ އީދުގައި ރިލީޒްކުރަން ތައްޔާރުކުރި ފިލްމެކެވެ. ނަމަވެސް ކޯވިޑް-19 އާ ހެދި އެއް އަހަރު ލަސްވީ އެވެ.

ޖޯންގެ "ސަތުޔަމޭވް ޖައިތޭ 2" ރިލިޒްކުރާ ތާރީޚެއް ކަމަށް ކުރިން އިއުލާން ކޮށްފައިވަނީ އަންނަ މޭ މަހުގެ 14 ވަނަ ދުވަހެވެ. ނަމަވެސް ބުދަ ދުވަހު ނެރުނު އެނައުންސްމަންޓެއްގައި ބުނެފައިވަނީ އެ ފިލްމު ރިލީޒްކުރާ ތާރީޚު އެއް ދުވަސް ކުރިޔަށް ޖައްސާލައިފި ކަމަށެވެ. އެހެންކަމުން އެ ފިލްމު ވެސް މިހާރު ރިލީޒްކުރާނީ އަންނަ މޭ މަހުގެ 13 ވަނަ ދުވަހު އެވެ.

އާއްމުކޮށް އީދު ދުވަސްތަކުގައި އިންޑިޔާގެ ގިނަ ބަޔަކު ފިލްމު ބަލަން ސިނަމާތަކަށް ދެއެވެ. އެހެންވެ މި ދުވަސްވަރު ވިޔަފާރި ރަނގަޅުވާނެކަން ޔަގީންވާތީ ޖޯން ވެސް އޭނާގެ ފިލްމު އެ ދުވަހު ރިލީޒްކުރަން ނިންމީ އެވެ.
"ސަތުޔަމޭވް ޖައިތޭ 2" އަކީ 2018ގައި މިލަޕް ޒަވޭރީ ޑައިރެކްޓްކުރި "ސަތުޔަމޭވް ޖައިތޭ"ގެ ސީކުއަލް އެކެވެ. މިފަހަރުގެ ފިލްމުގައި ޖޯން ޑަބަލް ރޯލުން ފެންނާނެ އެވެ. ބަތަލާއިންނަކީ ދިވްޔާ ކޯސްލާ ކުމާރާއި ގޯތަމީ ކަޕޫރެވެ. އަދި ޝާދް ރަންދަވާ އާއި ސާހިލް ވެއިދް، އަނޫޕް ސޯނީ ވެސް މި ފިލްމުގައި ބައިވެރިވެ އެވެ.

ސަލްމާންގެ "ރާދޭ" އަކީ ޕްރަބޫ ދޭވާ ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާ އެކެވެ. މި ފިލްމުގައި ހުންނާނީ އާންމުކޮށް ސަލްމާންގެ ފިލްމުތަކުގައި ހުންނަ މަޖާ ގޮތްތަކެވެ.

"ރާދޭ"ގެ ބަތަލާ އަކީ ދިޝާ ޕަޓްނީ އެވެ. ޖެކީ ޝްރޮފް، ރަންދީޕް ހޫޑާ، މެގާ އާކާޝް ވެސް ފިލްމުގެ މުހިއްމު ރޯލު ތަކަކުން ފެންނާނެ އެވެ.

ކޯޥީޑް-19ގެ ސަބަބުން ސިނަމާތައް ބަންދުކޮށްފައި ގިނަ ދުވަސްތަކަކު އޮތުމަށްފަހު ހުޅުވި ފަހުން ދާދިފަހާ ޖެހެންދެން ސިނަމާތަކަށް ވެއްދީ އެ ސިނަމާއެއްގެ ކެޕޭސިޓީގެ ދެބައިކުޅަ އެއްބައި މީހުންނެވެ. ނަމަވެސް މިހާރު މި ގަވާއިދު ވެސް އުވާލައި ސިނަމާތަކަށް ފުލްކޮށް މީހުންނަށް ވަނުމުގެ ހުއްދަ ވަނީ ދީފަ އެވެ. އެހެންކަމުން ސަލްމާންގެ ފިލްމު ބަލަން ގިނަ އަދަދެއްގެ މީހުން ދާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ލަފާ ކޮށްފަ އެވެ. އަދި މިއީ ސިނަމާތަކަށް އަލުން ދިރުން ގެނެސްދޭނެ ފިލްމެއް ކަމަށް ވެސް އެމީހުން އުންމީދު ކުރެ އެވެ.