އަޔުޝްމާން ކުރާނާ

އާއިލާއަށް ވަގުތު ދޭން އަޔޫޝްމާން ދުވަސްކޮޅަކަށް ދުރަށް

އަޔޫޝްމާން ކުރާނާ އަކީ މިހަރު ބޮލީވުޑްގައި މަސައްކަތްކުރަ އެންމެ މޮޅު އެއް އެކްޓަރެވެ. އޭނާ ބެލުންތެރިންނަށް ހަދިޔާކުރާ އާދަޔާޚިލާފު ފިލްމުތަކުން ވެސް އޭނައަކީ ވަރަށް ވިސްނުން ތޫނު އެކްޓަރެއްކަން ސާބިތުވެ އެވެ. "ވިކީ ޑޯނާ"، "އަންދާދުން"، "ބަދާއިހޯ"، "އާޓިކަލް 15" އަދި އޭނާގެ އެންމެ ފަހުން ރިލިޒްވި ފިލްމު "ޑްރީމް ގާލް" އަކީ ވެސް ފާހަގަކޮށްލެވާ ފަދަ މޮޅު ފިލްމު ތަކެކެވެ. މިހާރު އޭނާ ގަސްތުކުރަނީ ކުޑަ ދުވަސްކޮޅަކަށް ފިލްމު ކުޅުމާ ދުރުވެލާށެވެ. އާއިލާއަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

އޭނާ ބުނި ގޮތުގައި ޗުއްޓީ ނަގާނީ ކިހާ ދުވަހަކަށް ކަމެއް އަދި ނޭނގެ އެވެ. އެއީ ދެ މަސް ނޫނީ ތިން މަހަށް ވެސް ވެދާނެ އެވެ. ނުވަތަ އެއަށް ވުރެ ގިނަ ވެސް ވެދާނެ އެވެ.

އަޔުޝްމާން ބުނި ގޮތުގައި މިދިޔަ އަހަރުގެ ހުރިހަ ދުވަހަކާއި މިއަހަރުގެ މިހާތަނަށް އޭނާ އުޅުނީ ހަތަރު ފިލްމެއްގެ މަސައްކަތުގައި ވަރަށް ބުރަކޮށެވެ. އެހެންވެ ފާއިތުވީ އަހަރަކީ ވަރަށް އުނދަގޫތަކާ ކުރިމަތިވީ އަހަރެކެވެ. ނަމަވެސް މިހާރު އޭނާ ގަސްތުކުރަނީ އާއިލާއަށް ވަގުތު ދީގެން ފިލްމު ކުޅޭށެވެ. ދެ ކަންތައް ބެލަންސް ކުރާށެވެ. އެހެންވެ ނޮވެމްބަރު މެދެއްހާ ހިސާބުން ފެށިގެން ޗުއްޓީ ނަގަން ނިންމީ އެވެ.

ނަމަވެސް ޗުއްޓީ އަށް ދިއުމުގެ ކުރިން އަޔުޝްމާން ނިންމަންޖެހޭ ފިލްމުތަކެއް އެބަހުއްޓެވެ. އެގޮތުން އޭނާ ވަރަށް އަވަހަށް "ބާލާ"ގެ ޕްރޮމޯޝަން މަސައްކަތް ފަށާނެ އެވެ. އަދި "ޝުބް މަންގަލް ޒިޔާދާ ސާވްދާން"ގެ ޝޫޓިން ވެސް ނިންމަން ޖެހެ އެވެ.

އޭނަ ބުނި ގޮތުގައި ދަރިން ވަރަށް އަވަހަށް ބޮޑެތި ވަމުން އަންނަ ކަމާއި އަންހެނުންނަށް ވެސް ވަގުތު ދޭން ޖެހޭކަން އޭނާއަށް މިހާރު ވިސްނިއްޖެ އެވެ. އެހެންވެ ގޭގައި އާއިލާއާއެކު ހޭދަކުރަން ދިގު ޗުއްޓީއެއް ނަގަނީ އެވެ. އެ މުއްދަތުގައި އޭނާ ބައެއް ސްކްރިޕްޓްތައް ގޭގައި އިނދެގެން ކިޔާނެ އެވެ. ޗުއްޓީގެ މުއްދަތުގައި އޭނާގެ އަތުން މަސައްކަތްތަކެއް ގެއްލުނަސް އަޔުޝްމާންގެ ފަރުވާލެއް ނެތެވެ.

އަޔުޝްމާންގެ އަންހެނުން ތާހިރާ ވަނީ އުރަމަތީގެ ކެންސަރަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދާފަ އެވެ. އެހެންވެ އޭނާއަށް ވެސް އެކަށީގެންވާ ވަގުތު ނުދެވުމަކީ އަޔުޝްމާންގެ ދެރަވާ ކަމެކެވެ.

ތާހިރާ ދާދިފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި އަޔުޝްމާން ޝޫޓިންގް އަށް ދިއުމުން އޭނާ ގޭގައި އެކަނި މާއެކަނި ރޮއިރޮއި އޮންނަ ކަމަށެވެ. އެއީ ކެންސަރުގެ ފަރުވާއަށް ފަހު ހަށިގަނޑުގައި އަޅާ ވޭނުގެ ސަބަބުން ކަމަށް ވެސް ތާހިރާ ބުނެފައި ވެއެވެ. އަޔުޝްމާން ޗުއްޓީ ނަގަން ނިންމީ އަންހެނުންގެ ޝުއޫރުތައް އެނގުނީމަ ކަމަށް ވެސް ވެދާނެ އެވެ.