މިއަހަރުގެ ކުރިއަށް ހުރި ހިންދީ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަނީ ބޮލީވުޑްގެ އެންމެ މަގުބޫލު ޖޯޑު ކަމަށްވާ ޝާހްރުކް ޚާން އާއި ކާޖޮލް ފަސްއަހަރުގެ ބްރޭކްއަކަށްފަހު ކުޅޭ، ޑައިރެކްޓަރު ރޯހިތް ޝެޓީގެ "ދިލްވާލޭ" އަށެވެ.
ކްރިސްމަސް އާއި ދިމާކޮށް ޑިސެމްބަރު މަހުގެ 18ވަނަ ދުވަހު މިފިލްމު ރިލީޒްކުރާކަން، އާންމުކުރިއިރު، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ވަނީ ތަރީހީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދަމުން އަންނަ "ބާޖީރާއޯ މަސްތާނީ" ހަމަ އެދުވަހު ރިލީޒްކުރާނެ ކަން މާކުރިން އިއުލާންކޮށްފަ އެވެ.
"ދިލްވާލޭ" "ބާޖީރާއޯ މާސްތާނީ" އާއި އެއްދުވަހެއްގައި ރިލީޒްކުރާކަން ޔަގީންވެގެން ދިއުމާއިއެކު ގިނަފަރާތްތަކަކުން ވަނީ މިދެފިލްމުވެސް ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށް ދާނެކަން ޔަގީންވާކަމަށް ބުނެފަ އެވެ.
ކުރިން ޑިސެމްބަރު މަހުގެ 25 ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިއޮތް "ދިލްވާލޭ" މާކުރިން ރިލީޒްކުރާ ތާރީހު އިއުލާންކޮށްފައިވާ "ބާޖީރާއޯ މަސްތާނީ" އާއި އެއްދުވަހެއްގައި ރިލީޒްކުރާކަން ނިންމުމާއިއެކު ތާރީހު އަލުން އިއާދަ ވަނީ ކަމުގައި ގިނަ ފަރާތްތަކަކުން ވަނީ ސިފަކޮށްފަ އެވެ.
ބަންސާލީ އާއި ޝާހްރުކް އަނެއްކާވެސް ގަދަ ހިފުމަކަށް ތައްޔާރުވެފައިވާއިރު، މީގެކުރިން 2007 ވަނަ އަހަރު ނިކުތް ޝާހްރުކް ޚާން އާއި ދިޕިކާ ޕަދުކޯން ލީޑްރޯލުން ފެނިގެންދިޔަ "އޯމް ޝާންތީ އޯމް" އާއި ރަންބީރު ކަޕޫރާއި ސޯނަމް ކަޕޫރު ބޮލީވުޑަށް ތައާރަފުވި ސަންޖޭ ލީލާ ބަންސާލީގެ "ސާވަރިޔާ" އެއްދުވަހެއްގައި ރިލީޒްކޮށްގެން ވަނީ ބޮލީވުޑްގެ ގަދަ ހިފުމަކަށް ވެގެން ގޮސްފަ އެވެ.
އެފަހަރު ބަންސާލީ އަށް ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިލާން ޖެހުނުއިރު، މިފަހަރު އެއްދުވަހެއްގައި ބޮޑު ދެފިލްމެއް ރިލީޒްކޮށްގެން އަނެއްކާވެސް ބަންސާލީ އަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިދާނެތޯ މިއީ ގިނަ ބައެއްގެ ހިތުގައި އޮތް ސުވާލެކެވެ.
ކުރީ ފަހަރާއި ހިލާފަށް މިފަހަރު ދިޕިކާ އާއި ޝާހްރުކް އެކަކު އަނެކަކާއި ދެކޮޅަށް ތެދުވެ ތެދުވެ ތިބިއިރު، މިދެފިލްމުގެ ބޮޑު ކުރިމަތިލުމުގެ ސަބަބުން ޝާހްރުކް އާއި ދިޕިކާގެ ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަމުގެ ގުޅުމަށް އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެތޯ މިއީ ވެސް ގިނަ ބަޔަކު ކުރަމުން އަންނަ ސުވާލެކެވެ.
ގިނަބައެއްގެ ހިތުގައި އުފެދިފައި ހުރި ސުވާލުތަކުގެ އަޑު ވަނީ ދިޕިކާ އޭނާގެ އިންސްޓަގަރާމް އަށް "ބާޖީރާއޯ މަސްތާނީ" ގެ ޕޯސްޓަރެއް އަޕްލޯޑް ކުރިކުރުމުގައި "ޗެލެންޖް އެކްސެޕްޓެޑް" މިހެން ލިޔެ، އިރުގަނޑެއްނުވެ އަލުން އެފޮޓޯގެ ކެޕްޝަންގައި ލިޔެފައިވާ ލިޔުން ބަދަލުކުރުމުންނެވެ، ދިޕިކާގެ މިހަރަކާތުން މިދެތަރިންގެ ދެމެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފަ އެވެ.
މިދެތަރަިންގެ ދެމެދުގައި މައްސަލަތަކެއް އުފެދިފައިވާކަމުގެ ވާހަކަތައް އެކި ގޮތްގޮތަށް ދެކެވެމުން ދަނިކޮށް ދިޕިކާ ވަނީ އޭނާއާއި ޝާހްރުކް އާ ދެމެދު އޮންނަ ގުޅުމުކަމަށް ބަޔަކު މީހުން ލިޔާ ރިޕޯޓްތަކަކުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ބުނެފަ އެވެ.
މިދެތަރިންގެ ދެމެދުގައި އޮތްގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށް ބުނަމުން ދިޕިކާ ވަނީ އޭނާ އާއި ޝާހްރުކްގެ ދެމެދުގައި މައްސަލަތަކެއް އުޅޭ ކަމުގެ ހަބަރުތައް ނޫސްތަކުގައި ލިޔެފައިވަނިކޮށްވެސް ޝާހްރުކް ވަނީ އޭނާގެ ފައުންޑޭޝަން ހުޅުވިކަމުގެ އުފަލުގައި މަރުހަބާކިޔައި މެސެޖްވެސް ކޮށްފައި ކަމަށެވެ.
އަބަދުވެސް އޭނާ ކުރާކޮންމެކަމަކަށް ހިތްވަރުދީ ތަރުހީބު ދޭ މީހަކީ ޝާހްރުކް ކަމަށާއި، އެހެންކަމުން އެދެމީހުންގެ ދޭތެރޭގައި އޮންނަނީ ވަރަށް ހާއްސަ ގުޅުމެއް ކަމަށް ދިޕިކާ ވަނީ ބުނެފަ އެވެ.
މިދެފިލްމުގެ ކުރިމަތިލުމާއި ބެހޭގޮތުން ދިޕިކާ ވަނީ އޭނާ އަކީ ހަމައެކަނި އެކްޓަރެއް ކަމަށާއި، އެއްދުވަހެއްގައި ދެފިލްމު ރިލީޒްކުރުމުން ވާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ބުނަން ނޭނގޭ ކަމަށެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ އިތުރުން ޕްރިޔަންކާ ޗޯޕްޅާވެސް މުހިންމު ރޯލުން ފެނިގެންދާ "ބާޖީރާއޯ މަސްތާނީ" އަކީ ތާރީހީ ލޯބީގެ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.މި ފިލްމަކީ 1674 ވަނަ އަހަރުން ފެށިގެން 1818ގެ ނިޔަލަށް ދެމިއޮތް މަރާތާ އެމްޕަޔާގެ ހަތަރު ވަނަ ބޮޑުވަޒީރު ކަމުގައިވާ ބަޖީރާއޯ އެއް ވަނައިގެ ހަޔާތެވެ. އޭނާ އަކީ ހަނގުރާމައިގެ މައިދާނަށް ނިކަން ކުޅަދާނަ ފަހުލަވާނެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ވެރިއެކެވެ. ޕްރިޔަންކާ އާއި ދިޕިކާ އޭނާގެ އަނބިއަނބިކަނބަލުންގެ ރޯލުން ފެނިގެންދާއިރު، "ދިލްވާލޭ" އަކީ އެތައް މިލިއަން ބައެއްގެ މެދުގައި މަގުބޫލު ދެތަރިން ކަމަށްވާ ޝާހްރުކް އާއި ކާޖޮލް އެކުގައި ފެނިގެންދާ އެކްޝަން އަދި މަޖާ ކަންތައްތަކެއް ފެނިގެންދާނެ ފިލްމެކެވެ.
މިއަހަރުގެ އެންމެ ބޮޑު ކުރިމަތިލުން ކަމަށް މިދެފިލްމު ސިފަކުރަމުން އަންނައިރު، މީގެކުރިން ޝާހްރުކް އާއި ވާދަކޮށް ބަންސާލީ ބަލިވެފައިވާއިރު، ތާރީހީ އަސަރުގަދަ ލޯބީގެ ވާހަކައަކާއި އެކު ޝާހްރުކް އާއި އޭނާ ވަނީ ކުރިމަތިލާން ވަރަށް ރަނގަޅަށްވެސް ތައްޔާރުވެފަ އެވެ.