އެމްޓީސީސީ

އެމްޓީސީސީ މިހާރު ހިނގަނީ ފައިދާގައި: ޝާހު

އެމްޓީސީސީގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން ގިނަ މަޝްރޫއުތަކެއް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން މިހާރު ކުންފުނި ހިނގަމުން ދަނީ ފައިދާގައި ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މިއަދު އެމްޓީސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހް ވިދާޅުވީ އޭނާ މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުންފުންޏަށް ދިޔައީ ގެއްލުން ވަމުން ކަމަށެވެ. ނަމަވެސް ފަހުން ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއި ދިން އެއްބާރުލުމާއެކު މިދިޔަ ޖުލައި މަހުން ފެށިގެން ކުންފުނި ހިނގަމުން އަންނަނީ ފައިދާގައި ކަމަށެވެ.

"އެމްޓީސީސީގެ މާލީ ހާލަތު މިދިޔަ ރިޔާސީ އިންތިހާބަށް ފަހުގައި އޮތީ ވަރަށް ދަށްކޮށް. އަޅުގަނޑު މަގާމާ ހަވާލުވި ފަހުން މިދިޔަ ޖޫން މަހާ ހަމައަށް ވެސް ދިޔައީ ކުންފުންޏަށް ގެއްލުންވަމުން، ނަމަވެސް ސަރުކާރގެ އެއްވެސް އެއްބާރުލުމާ އެކުގައި ޖުލައި މަހުން ފެށިގެން ކުންފުނި ހިނގަނީ ފައިދާގައި،" ޝާހް ވިދާޅުވި އެވެ.

އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މަޝްރޫއުތައް މަދުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާ ކުރެއްވުމުން އެ ކުންފުންޏަކަށް ގިނަ އަދަދެއްގެ މަޝްރޫއުތައް މިހާރު ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން 37 މަޝްރޫއެއްގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށް ޝާހް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ގިނައީ ޑިޒައިން އަދި ބިލްޑިން މަޝްރޫއުތައް ކަމަށާއި ގިނަ މަޝްރޫއުތަކުގެ އެންވަޔަރަމެންޓް އެސެސްމަންޓް އިމްޕެކްޓް (އީއައިއޭ) އާއި ޑިޒައިންގެ އެހެން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހް ވިދާޅުވި ގޮތުގައި، މީގެ ކުރީގެ ސަރުކާރުތަކުގައި އެމްޓީސީސީއާ ހަވާލު ކޮށްފައިވާ ނުވާ ކަހަލަ މަޝްރޫއުތަކެއް ވެސް މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވެއެވެ. އެ ގޮތުން ބައެއް ރަށްރަށުގެ ފުޓުބޯޅަ ދަނޑުތަކުގެ ބޭސްގެ މަސައްކަތް ހަވާލުކޮށްފައިވެ އެވެ. އަދި ބައެއް ރަށްރަށުގެ ހޮސްޕިޓަލް ޑިޒައިން ކުރުމުގެ މަސައްކަތް ވެސް އެ ކުންފުންޏާ ހަވާލުކޮށްފައި ވެއެވެ.

ދެން އެމްޓީސީސީން ކުރިއަށް ދަނީ ބައެއް ރަށްރަށުގައި އެއާޕޯޓް ހެދުމުގެ މަސައްކަތާއި މަގުތައް ހެދުމުގެ މަސައްކަތުގެ އިތުރުން ބަނދަރު ހެދުމުގެ މަސައްކަތެވެ.

އެމްޓީސީސީން މި އަހަރުގެ މިހާތަނަށް 17 މަޝްރޫއެއްގެ މަސައްކަތް ނިންމި އެވެ. އޭގެ ތެރެއިން ހަތަރު މަޝްރޫއަކީ މި
ސަރުކާރުން ހަވާލު ކުރި މަޝްރޫއުތަކެވެ. ދެން ހުރި މަޝްރޫއުތަކަކީ ކުރީގެ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކެވެ.

"ސަރުކާރުން ހަތަރު ޕްރޮޖެކްޓެއް ހިމެނޭ، ރަސްދޫގެ ބްރޭކް ވޯޓާއާއި ހޯރަފުށި އެއާޕޯޓްގެ ބިން ހިއްކުމުގެ މަޝްރޫއާއި ރ. ވަންދޫގެ ދެ މަޝްރޫއެއް ހިމެނޭ،" ޝާހް ވިދާޅުވި އެވެ.