ދިވެހި އާޓިސްޓެއް ކަމުގައިވާ ޝިމްހާގެ ކުރެހުމެއް، ބޭރުގެ މަޝްހޫރު ލަވަކިޔުންތެރިޔެއް ވަގަށް ނެގުމާއި ގުޅިގެން ދިވެހި އާޓިސްޓުންގެ ދިފާއުގައި މިނިސްޓަރު ޔުމްނާ މައުމޫން ތެދުވެއްޖެ އެވެ.
ޝިމްހާ ކުރެހި ސިންގާއެއްގެ ޑިޖިޓަލް ކުރެހުމެއް މަޝްހޫރު ލަވަކިޔުންތެރިޔާ އާރަން ކާޓާ އަމިއްލަ އެއްޗެއް ގޮތުގައި ބޭނުންކޮށް އޭގެ ވިޔަފާރި ނަފާ ހޯދަމުންދާތީ އެކަމާ ޝިމްހާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޝިމްހާއަށް ތާއީދުކޮށް ވަރަށް ގިނަ ދިވެހިން މިއަދު ވަނީ ޓްވިޓާގައި ޝުއޫރު ފާޅުކޮށްފައެވެ. އާރަންގެ އެ "ވައްކަން" ފޮރުވަން ގިނަ ވާހަކަތަކެއް ދެއްކުމަށްފަހު އެންމެ ފަހުން ޝިމްހާގެ އެ ފޮޓޯ އޭނާ ވަނީ އިިސްޓަގްރާމުން ފުހެލާފައެވެ.
ފަންނުވެރިންގެ މިނިސްޓަރު ޔުމްނާ ވަނީ އާރަން ކާޓާގެ އެ އަމަލާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ފަންނުވެރިންގެ ހައްގުތައް ހިމާޔަތް ކުރަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ދިވެހި އާޓިސްޓެއްގެ ކުރެހުމެއް އޭނާގެ ހުއްދައެއްނެތި ބޭނުންކޮށް، ނާޖައިޒު ފައިދާތަކެއް ހޯދުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ.
"ރާއްޖެ ކުޑަ ގައުމަށްވިޔަސް، ދިވެހިންގެ ތެރޭގައި މޮޅެތި އާޓިސްޓުން އެބަތިބި. އެމީހުންގެ ހައްގުތަކަށް ރައްކާތެރިކަން ބޭނުންވޭ." މިނިސްޓަރު ވިދާޅުވިއެވެ.
ޝިމްހާ ކިޔާ ދިވެހި ޒުވާނަކު 2014ވަނަ އަހަރު ކުރެހި "ކޮސްމިކް ލަޔަން" ގެ މަސައްކަތް އިންސްޓަގްރާމްގައި އާރަން ޝެއާ ކޮށްފައިވާކަން ފަޅާއެރީ އެކަން ޝިމްހާއަށް މީހަކު މެސެޖްކޮށް އެންގުމުންނެވެ. އެއާއެކު އޭނާ ވަނީ އެކަން އާރަންއަށް އަންގާފައެވެ. ނަމަވެސް އޭނާ ވަނީ އެއީ އޭނާ އަމިއްލަ ކުރެހި ކުރެހުމެއްކަމަށް ބުނެފައެވެ. ފަހުން މައްސަލަ ވަރަށް ހޫނުވުމުން އާރަން ވަނީ އެ ކުރެހުމަކީ އޭނާ ގަނެ، ބައެއް ބަދަލުތައް ގެނެސްފައިވާ ކުރެހުމެއްކަމަށް ބުނެ ވާހަކަ ދައްކާފައެވެ.
ނަމަވެސް ޝިމްހާ ބުނީ އެ ކުރެހުން އެއްވެސް މީހަކަށް ވިއްކާފައިނުވާނެ ކަމަށާ އަދި އެ ކުރެހުުން ބޭނުން ކުރުމުގެ ހުއްދަވެސް މީހަކަށް ނުދޭކަމަށެވެ.
ވަރަށް ގިނަ ދިވެހިން ވަނީ އާރަން ޓެގްކޮށް ޓްވިޓާގައި އޭނާއަށް ފާޑުކިޔާފައެވެ.