ކުޅިވަރު

މެޑްރިޑްގެ ދެ ޓީމު އެއްވަރު، ހަޒާޑް ފާހަގައެއް ނުވި

ސްޕެއިންގެ މެޑްރިޑަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ، އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑްގެ ކުރިމަތިލުން ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމިއްޖެ އެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި ދެ ކުލަބުން ވަނީ ޖުމުލަ 600 މިލިއަން ޔޫރޯ ހޭދަ ކޮށްގެން ކުޅުންތެރިން ގެނެސްފަ އެވެ. ދެ ޓީމުގައި ވެސް ތިބި އެންމެ އަގު ބޮޑު ދެ ކުޅުންތެރިންގެ ފަރާތުން ތަފާތެއް ފެނިދާނެ ކަމަށް ބެލެވުނު ނަމަވެސް އެކަން އެގޮތަށް ފެނިގެނެއް ނުދިޔަ އެވެ. ސްޕެއިންގެ މީޑިއާ ތަކުން ވެސް މެޗުގެ ވާހަކަ ދައްކަމުން ދިޔައީ ދެ ޓީމުގެ ހަތް ނަންބަރުންގެ ކުރިމަތިލުމުގެ ގޮތުގަ އެވެ. އެތުލެޓިކޯ މެޑްރިޑްގެ ޔޯއާ ފެލިކްސް އާއި ރެއާލް މެޑްރިޑްގެ އެޑެން ހަޒާޑްގެ ވާހަކަ އެވެ.

ފުރަތަމަ ހާފުގައި، ޑިއޭގޯ ކޮސްޓާ ތަނަވަސް ކޮށްދިން ބޯޅައިން އެތުލެޓިކޯ މެޑްރިޑްގެ ތާރީހުގައި އެ ޓީމަށް ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔާ ފެލިކްސް ނުރައްކާތެރި ބޯޅައެއް ރެއާލްގެ ގޯލާ އަމާޒުކޮށް ފޮނުވާލި އެވެ. ގޯލް ހުރަސް ކޮށް އެ ބޯޅަ ދިޔައީ ބޭރަށެވެ. ރެއާލްއަށް ގެންދިޔަ އަގު ބޮޑު ކުޅުންތެރިޔާގެ ހަޒާޑްގެ ފަރާތުން އެވަރު ވެސް ފެނިގެން ނުދިޔަ އެވެ. އެހެން ނަމަވެސް އޭނާގެ ދިފާއުގައި ނުކުމެ ރެއާލްގެ ކޯޗް ޒިދާން ވާހަކަ ދެއްކި އެވެ.

"އޭނާ [ހަޒާޑް] ގެ ފަރާތުން މާގިނަ ކަންކަމެއް އުނިވެގެން ނުދޭ، ވަރަށް ކުދިކުދި ކަންކަން ނުނީ އޭނާ ރަނގަޅު ކޮށްލަން ޖެހޭ ވަރުގެ ކަމެއް ނެތް،" މެޗަށް ފަހު މީޑިއާގައި ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ. "އަހަރެމެން މިދަނީ އޭނާ އާއެކު ކުރިއަށް، އޭނާގެ މަސައްކަތް ވަރަށް ރަނގަޅު، އަހަރެމެންނަށް ފާހަގަވޭ ހުރިހާ ކުޅުންތެރިންގެ މަސައްކަތް، އަހަރެމެން ވެސް ބޭނުން އޭނާ ލަނޑު ޖަހަން، އެކަމަކު އެއީ އަހަންނަކަށް މައްސަލައެއް ނޫން، އެއީ އަހަންނަށް ޔަގީން އަދި އޭނާގެ ފަރާތުން ލަނޑުތައް ފެންނާނެ ކަން."

މީގެ ކުރިން ރެއާލް އާއި އެތުލެޓިކޯ ބައްދަލު ކުރި މެޗު އެތުލެޓިކޯ ކާމިޔާބު ކުރީ 7-2 ންނެވެ. އެއީ ޕްރީ ސީޒަންގައި ނިއުޔޯކްގެ ނިއުޖާޒީ ގައި ކުޅުނު މެޗުގަ އެވެ. ރޭ ގެ މެޗުގައި ދެ ޓީމަށް މާ ތަނަވަސް ފުރުސަތެއް ލިބިގެން ނުދެ އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ރެއާލްގެ ކަރީމް ބެންޒެމާ ވަނީ ރެއާލުން ނެގި ހުރަހެއް ބޮލުން ގޯލްގެ ކަނާ އަމާޒުކޮށް ފޮނުވާލާފަ އެވެ. އެ ބޯޅަ ހުށިޔާރު ކަމާއެކު އެތުލެޓިކޯގެ ކީޕަރު ޔޭން އޮބްލެކް ދިފާއު ކުރީ އެވެ.

އެތުލެޓިކޯގައި އެންމެ ފާހަގަވީ އެ ޓީމުގެ މިޑްފީލްޑާ ތޯމަސް ޕާޓޭ އެވެ. މިޑްފީލުޑުން އޭނާ ވަނީ ގިނަ ޕާސްތަކެއް ފޯރުކޮށްދިފަ އެވެ. ސީޒަން ފެށުމުގެ ކުރިން ރެއާލްގެ ޕްލޭންގައި ނުހިމެނޭ ކަމަށް، ޒިދާން ބުނި ގެރެތު ބޭލްގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އެވެ. އޭނާ ވަނީ މުޅި މެޗު ކުޅެފަ އެވެ. މެޗު ލަނޑެއް ނުވަދެ ރެއާލް ނިންމާލުމުން، ރޭ ގެ މެޗަކީ 2015 ވަނަ އަހަރުގެ ފަހުން ބައިކޮޅަށް ލަނޑެއް ނުވަދެ ޖެހިޖެހިގެން ތިން މެޗު، އެ ޓީމުން ފުރިހަމަ ކުރި ފުރަތަމަ ފަހަރެވެ.

މެޗުން އެއްވަރުވިޔަސް، ތާވަލުގެ އެއް ވަނައިގައި އޮތީ ރެއާލް އެވެ. ސްޕެނިޝް ލީގްގައި އަދި މި ސީޒަންގައި ބަލި ނުވާ ޓީމަކީ އެ ޓީމު އެކަންޏެވެ. ރެއާލް އަށް ވުރެ އެއް ޕޮއިންޓް ފަހަތުގައި އޮތް އެތުލެޓިކޯ އޮތީ ތިން ވަނައިގަ އެވެ. ރޭ ލެގަނޭޒް އަތުން މޮޅުވި ގުރަނާޑާވެސް ވަނީ އެ އަދަދަށް ޕޮއިންޓް ހޯދާފަ އެވެ. ގުރަނާޑާއަށް ދެ ވަނަ ލިބެނީ، ލަނޑުގެ ތަފާތުން ކުރީގައި އޮތުމުންނެވެ.

ކެޕްޓަން ލިއޮނަލް މެސީ އާއި އަންސޫ ފާޓީ ނުހިމަނައި ކުޅުނު ބާސެލޯނާއިން ވަނީ ގެޓާފޭގެ މައްޗަށް 2-0 ން މޮޅުވެފަ އެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ ލުއިސް ސުއަރޭޒް އާއި ޖޫނިއާ ފިރުޕޯ އެވެ. ސުއަރޭޒް ލަނޑު ޖެހީ، ކީޕަރު އެންޑްރޭ ޓާ ސްޓެގަން އޭރިއާ ބޭރަށް ނުކުމެފައި ކުލިއާ ކޮށްލަން ގެޓާފޭގެ ހާފުގެ ތެރެއަށް ފޮނުވާލި ބޯޅަ ހޯދައި އޭރިއާ ތެރެއަށް އަރައި ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ޓާސްޓެގަން ތަނަވަސްކޮށް ދިން ބޯޅައާއެކު އޭނާ ވެފައި ވަނީ ލަލީގާ ގައި ބާސާގެ ޓީމުން ގޯލެއް ޖެހުމަށް ފުރަތަމަ އެސިސްޓެއް ދިން ކީޕަރަށެވެ. ރޭ ހޯދި ތިން ޕއޮިންޓާއެކު ބާސާ ހަތަރު ވަނައިގައި އޮތީ 13 ޕޮއިންޓް ހޯދައިގެންނެވެ.