ޖިއްދާއިން މާލެއަށް

ޖިއްދާއިން މާލެއަށް: ދީނީ ދަޢުވަތު ދިނުމުގެ ގޮތްތައް މުރާޖިޢާކުރުން

އިސްލާމްދީނަކީ އިންސާނިއްޔަތުގެ ތާރީޚުގައި އިންސާނުން ދެކިފައިވާ އެންމެ ފުރިހަމަ އެއްމެ ޝާމިލް ދީނެވެ. އެއީ ވަރަށް ގިނަ ސަބަބުތަކަށްޓަކަ އެވެ. އޭގެ ތެރޭގައި އިސްލާމީ ޢަޤީދާގެ މަތިވެރިކަމާއި އިސްލާމް ދީނަކީ ބުއްދި ޤަބޫލުކުރާ ހަމަތަކާއި އަޚުލާޤީ އުޞޫލުތަކެއްގެ މަތީގައި ބިނާވެގެންވާ ދީނަކަށްވުން ހިމެނެއެވެ.

އިސްލާމްދީނުގައި ވަކިކަމެއް ކުރުމަށް އަމުރު ކުރުކުރައްވާފައިވާ ގޮތަކަށް އެކަމެއް ކުރެވިއްޖެނަމަ މުޖުތަމަޢަށް ގިނަގުނަ ފައިދާތަކެއް ކުރާކަން ތަޖުރިބާއިން ވަނީ އެނގިފައެވެ. އިސްލާމީ މުޖުތަމަޢަކީ ޞާލިޙު ރަނގަޅު ފަސާދަ މަދު މުޖުތަމަޢަކަށް ހެދުމައްޓަކައި ނަސޭހަތްތެރިވުމާއި ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރަމަކީ އިސްލާމް ދީނުގެ އިޖުތިމާޢީ ރުކުންތަކުގެ ތެރެއިން ވާ މުހިންމު ރުކުނެކެވެ. މީސްތަކުންނަށް ހެޔޮ ބަސް ބުނުމަށް އަންގަވާފައިވެއެވެ. ބުނާ ބަހުގައި އަދުލުވެރިވުމަށް ވެސް އަންގަވާފައި ވެއެވެ.

ނަސޭހަތްދިނުމުގެ ޙަޤީޤަތަކީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމެވެ. އެހެންކަމުން އިސްލާމީ މުޖުތަޢުގެ އަފްރާދުން އެކަކު އަނެކަކަށް ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމަށް ވަނީ އަންގަވާފައެވެ. އާލުޢިމްރާން ސޫރަތުގެ (104) ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ: ''ހެޔޮކަމުގެ މަގަށް ގޮވާ އަދި ހެޔޮކަންތަކަށް އަމުރުކުރާ އަދި ނުބައި ކަންތައް ނަހީކުރާ ބަޔަކު ތިޔަބައި މީހުންގެތެރެއިން ވާ ހުށިކަމެވެ! އެބައިމީހުންނަކީ ހަމަ ދިންނަވާނޭ މީހުންނެވެ. ''

އިސްލާމް ދީނުގައި ކޮންމެ ކަމެއްވެސް ކުރުމަށް ވަކި އުޞޫލްތަކަކާއި ހަމަތަކެއް ވަނީ ކަނޑަޅާފަ އެވެ. މިގޮތުން އިސްލާމްދީނަށް ދަޢުވަތު ދިނުމުގައި ހިފަހައްޓަން ޖެހޭ އުޞޫލުތައް ވެސް އަންގަވާފައި ވެއެވެ. އައްނަޙުލު ސޫރަތުގެ (125) ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ: ''ޙިކްމަތާއި ރިވެތި ވަޢްޡާއެކު ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް ކަލޭގެފާނު ގޮވާލައްވާށެވެ! އަދި ރިވެތި ގޮތުގައި އެބައިމީހުންނާ ޖަދަލު ކުރައްވާށެވެ!''

އިސްލާމްދީނުގެ ދަޢުވަތު އެ އަސާސްތަކެއްގެ މައްޗަށް ބިނާވެގެންވާ މަތިވެރި ތިން އަސާސެއް އިސްވެ ދިޔަ އާޔަތުގައި ބަޔާންވެފައިވެއެވެ. އެއީ ޙިކުމަތާއެކު ދަޢުވަތު ދިނުމާއި ރިވެތި ވަޢުޡާއެކު ދަޢުވަތު ދިނުމާއި ޙުއްޖަތާއެކު އެކު ދަޢުވަތު ދިނުމެވެ.

ޙިކުމަތާއެކު ދަޢުވަތު ދިނުން

ޙިކުމަތާއެކު ދަޢުވަތު ދިނުމަކީ ޢިލްމު ލިބިގެންހުރެ ޙިލްމުވެރިކަމާ މަޑުމައިތިރިކަމާއި ކެތްތެރިކަމާއެކު ދަޢުވަތު ދިނުމެވެ. އެންމެހާ ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންގެ މަންހަޖަކީ އެއީއެވެ. ތިބާގެ މައްޗަށް އޮތީ ބަޔާންކޮށްދިނުމެވެ. އެއްވެސް ކަމަކަށް މަޖްބޫރު ކުރުމެއް ނެތެވެ. ވާހަކައެއް ދެއްކުމަށް މުނާސިބު ވަގުތާއި މިންވަރާއި ޙާލަތަށް ރިޢާޔަތްކުރަންވާނެއެވެ.
ވާހަކައެއް މުޚާޠަބް ކުރެވޭ މީހާގެ ޙާލަތަށް ވެސް ރިޢާޔަތްކުރަންވާނެއެވެ. މުނާސިބު ވަގުތެއް ހޯދައިގެން ނޫނީ ބައެއް ކަންކަމަށް ޙައްލު ހޯދަންއުޅުމަކީ އެ ހޯދަން އުޅޭ ޙައްލަކުން ގެއްލުމެއް ވެސް ލިބިދާނެ ކަމެކެވެ. ކީރިތި ރަސޫލާގެ ކުރިފުޅުމަތީގައި މިސްކިތުގެ ތެރެއަށް ކުޑަކަމުދިޔަ އަޢުރާބީ މިސްކިތުގެ ތެރެއަށް ކުޑަކަމު ގޮސް ނިމެންދެން ބޭންދެވީއެވެ.
އަޞްޙާބު ބޭކަލުން އެމީހާ ހުއްޓުވައި މިސްކިތުން ބޭރުކޮށްލަން އުޅުއްވުމުން އެބޭކަލުންނަށް އެންގެވީ އޭނާ ނިމެންދެން މަޑުކޮށްލުމަށެވެ. އެ އަޢުރާބީ ކުޑަކަމު ގޮސް ނިމުމުން އޭނާ ގެންނަވައި "އޭ އަޚާއެވެ. ތިޔަގޮތަށް ދެން ތިކަން ނުކުރާށެވެ. މި މިސްކިތަކީ ނަމާދު ކުރުމަށާއި ﷲ މަތިން ހަނދުމަކުރުމަށްޓަކައިވާ ގެކޮޅުކަމުގައި" ވިދާޅުވިއެވެ.

އަޢުރާބީ ކުޑަކަމު ދާން އިންދާ އޭނާ ކުއްލިއަކަށް ހުއްޓުވި ނަމަ އޭނާއަށް ޞިއްޙީ ގޮތުން ގެއްލުމެއް ލިބުނީހެވެ. ނުވަތަ ގަދަކަމަށް ހުއްޓުވަން އުޅުނު ނަމަ އޭނާ ކުޑަކަމު ދަމުން ދަމުން ގޮސް މިސްކިތުން ނިކުމެފާނެ އެވެ. އެއިރުން ތަންކޮޅެއްގެ ބަދަލުގައި މުޅި މިސްކިތަށް އޭގެ އަސަރުކޮށްފާނެ އެވެ. ނުވަތަ އޭނާގެ ހިތުގައި ނަފްރަތު އުފެދިދާނެ އެވެ.

އެފަދަ ސަބަބުތަކާ ހުރެ އޭނާ ނިމެންދެން ދޫކޮށްލީއެވެ. ފަހުން އެތަން ސާފު ކުރެއްވީ އެވެ. އެހެންކަމުން ކަންކަން ޙައްލު ކުރުމުގައި ޙިކުމަތުގެ ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. ޤައުމުގެ ޢާއްމު މަޞްލަޙަތަށް ބެލުމަކީ ވެސް ޙިކުމަތުގެ ތެރެއިންވާ ކަމެކެވެ. އެކަމެއް ކުރުމުގެ ސަބަބުން ނުވަތަ އެ ވާހަކައެއް ދެއްކުމުގެ ސަބަބުން މުޅި ޤައުމުގެ ސަލާމަތާއި މަޞްލަޙަތަށް ބުރޫއަރާފާނެ ކަމަށް ބެލެވޭ ނަމަ އެކަމެއް ނުވަތަ އެވާހައެއް ދެއްކުމެއް ނެތެވެ. ހަމަ އެހެންމެ ޢިލްމު ލިބިގެން ނުވާ ޙާލުގައި ދީނީ ކަންކަމުގައި ފަތުވާދީ ހެދުމަކީ ޙިކުމަތުގެ އަޞްލާ ފުށުއަރާ ކަމެކެވެ. މުންކަރާތްތައް ނަހީކުރުމުގައި ވެސް ދަރަޖަ ތަކެއްވެއެވެ. އެއީ އަތުން މަނާކުރުމާއި ދުލުން މަނާކުރުމާއި ހިތުން މަނާވެގަތުމެވެ. އަތުން މަނާކުރުމުގެ މުރާދަކީ ބާރު ލިބިގެންވާ ފަރާތުން އެކަމެއް ހުއްޓުވުމެވެ. ދުލުން މަނާކުރުމަކީ ޢިލްމު ލިބިގެންހުރެ އެކަމުގެ ޙުކުމް ބަޔާންކޮށްދިނުމެވެ. ހިތުން މަނާވެގަތުމަކީ ތިމާއަށް އެކަމެއް ހުއްޓުވުމަށް ކުޅަދާނަކަން ލިބިގެންނުވުމުން ތިމާގެ ހިތުން އެކަމާ މެދު ރުހިގެން ނުވާ ޙާލުގައި ހުރުމެވެ.

ރިވެތި ވަޢުޡާއެކު ދަޢުވަތު ދިނުން

ރިވެތި ވައުޡާއެކު ދަޢުވަތު ދިނުމަކީ ދަޢުވަތު ދިނުމުގައި ރިވެތި ބަސްމަގު ބޭނުންކުރުމެވެ. އަދަބުވެރިވުމެވެ. އަޚުލާޤީ އުޞޫލުތަކަށް ތަބަޢަވުމެވެ. އެގޮތައް ދަޢުވަތު ދެވޭ ނަމަ ދަޢުވަތާމެދު މީސްތަކުންގެ ހިތްތަކުގައި ބަލައިގަތުން ބޮޑުވެގެން ދާނެ އެވެ. ހެޔޮމަގަށް ހިއްވަރު ދިނުމާއި އެކަމުގެ ހުރި ޘަވާބު ބަޔާންކުރުމާއި ނުބައި މަގުން ދުރުވުމަށް ނަސޭޙަތްތެރިވުމާއި ނުބައިކަންކަމަށް އަރައިގަތުމުގެ ނަތީޖާ ބަޔާން ކުރުމަކީ ވެސް ވަޢުޡުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މީސްތަކުންގެ ބުއްދިއާ އެއްވަރަށް މުޚާޠަބްކުރުމަކީ ވެސް މުހިންމު ކަމެކެވެ. ރިވެތި ވަޢުޡާއެކު ނަސޭޙަތްތެރިވުމަކީ ނަބީބޭކަލުންގެ މަންހަޖެވެ. ބަޔަކަށް ހެޔޮ އެދިގެން އިޚުލާޞްތެރިކަމާއެކު ދެވޭ ދަޢުވަތަކީ ކާމިޔާބު ދަޢުވަތަކަށް ވާނެއެވެ. ލުޤުމާނުގެފާނުގެ ދަރިކަލުންނަށް ވައުޡު އިއްވެވި ރިވެތި ގޮތް ޤުރުއާނުގައި ބަޔާން ކުރައްވާފައި ވެއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ﷲ އަށް ޝަރީކު ނުކުރާށެވެ. އޭ ލޯބިވާ ދަރިފުޅާ އެވެ! މައިންބަފައިންނަށް އިޙުސާންތެރިވާށެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ނަމާދު ޤާއިމު ކުރާށެވެ. ކޮންފަދަ ރިވެތި ޢިބާރާތެއްތޯ އެވެ؟

ޙުއްޖަތާއެކު ދަޢުވަތު ދިނުން

ރިވެތި ގޮތުގައި ޖަދަލުކޮށް ދަޢުވަތު ދިނުމުގެ މުރާދަކީ ޒުވާބު ކުރާ ވާހަކައެއް ނޫނެވެ. ދިވެހި ބަހުން ބޭނުންކުރާ (ޖަދަލު) ގެ ވާހަކައެއްވެސް ނުމެ ނޫންމެ އެވެ. އެހެނެއްކަމަކު އެއިގެ މާނައަކީ އިސްލާމްދީނަށް އިންކާރުކުރާ މީހާއަށް ޢިލްމީ ޙުއްޖަތާ ބުރުހާނުގެ އަލީގައި ދަޢުވަތު ދިނުމެވެ. އެހެން ކަމުން ޢަމުދުން މިޒަމާނުގައި އެތީސްޓުން (މުލްޙިދުން) ނާ ދީނީ ކަންކަމުގައި ވާހަކަ ދައްކާއިރު ވަޙީގެ އިތުރުން ބުއްދީގެ ހެކިތަކާއި މަންޠިޤާއި ފަލްސަފާގެ ބޭނުން ކުރަންޖެހެ އެވެ. އަދި ސައިންސާއި ޓެކްނޮލަޖީގެ ބޭނުންވެސް ކުރަންޖެހެ އެވެ. ﷲ ވޮޑިގެންވާކަމާމެދު ޝައްކުކޮށް ޖަދަލުކުރި ފަރާތްތަކާއި ކީރިތި ޤުރުއާނުގައި ޢިލްމީ ޙުއްޖަތާއެކު މަންޠިޤީ ނަޒަރުން ސުވާލު އުފައްދަވައި ބަހުޘް ކުރައްވާފައި ވެއެވެ. އަދި މިފަދަ ފަރާތްތަކާއެކު ޢިލްމީ ބަޙުޘްކުރުމުގައި އަލްބައިރޫނީ އާއި އަލްޣަޒާލީ މެން ފަދަ ބޭފުޅުން ގެންގުޅުއްވި މަންޠިޤީ ނަޒަރިއްޔާތައް މިޒަމާނުގައި ދިރާސާކުރުމަކީ ބޭނުންތެރި ކަމެކެވެ.

ކުޑަވެސް ޝައްކެތްނެތެވެ. އަޅުގަނޑުމެންގެ މުޖުތަމަޢަކީ ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢެކެވެ. ބޭނުންވަނީ ހޭލުންތެރިކުރުވުމާއި ހަނދާން ކޮށްދިނުމަށެވެ. މިޒަމާނުގައި ދަޢުވަތު ފެތުރުމާއި ދީނީ ކަންކަން ޤާއިމު ކުރުމުގައި ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އަޅުގަނޑަށް ފާހަގަކުރެވޭ ބައެއް މުހިންމު ނުކުތާތައް ހާމަކޮށްލަން ޤަސްތު ކުރަމެވެ. މިއީ އެއްވެސް ބަޔަކަށް ނިސްބަތް ކުރާ ވާހަކަތަކެއް ނޫނެވެ. އަޅުގަނޑުގެ ޙަޔާތުގައި ލިބުނު ތަޖުރިބާތަކާއި އިލްމީ މަޢުލޫމާތުގެ އަލީގައި އިސްލާމީ ދަޢުވަތު ދިނުމުގެ ގޮތްތަކާއި މަންހަޖާއި ފިކުރު ތަރައްޤީ ކުރުމުގެ މަޤުޞަދުގައި ދަންނަވާ ވާހަކަތަކެކެވެ.

ސުންނަތް ޖަމާޢަތުގެ އަސާސްތައް ދެމެހެއްޓުން

ރާއްޖޭގެ މުޖުތަމަޢަކީ ސުންނަތް ޖަމާޢަތުގެ މައިގަނޑު އަސާސްތަކުގެ މައްޗަށް ޤާއިމުވެފައިވާ އަޤީދާއާއި ފިޤުހުގެ އަހުލުވެރިންނެވެ. މިހެންކަމުން ދިވެހި މުޖުތަމަޢުގައި އިސްލާމީ ކަންކަމުގައި ބަސްބުނެ އުޅޭ ފަރާތްތަކުން ސުންނަތް ޖަމާޢަތުގެ އުޞޫލުތައް ދަމަހައްޓަން ވާނެ އެވެ. ސުންނަތް ޖަމާޢަތުގެ މަފްހޫމަކީ ކީރިތި ރަސޫލާ އަށް ތަބަޢަވެ އަޞްޙާބު ބޭކަލުންގެ މަންހަޖުގައި ދެމިތިބުމެވެ. އެ މަގުން ހިންގެވި އުންމަތުގެ އިމާމުންގެ ޤަދަރާއި އިޙުތިރާމް ދަމަހައްޓަންވާނެއެވެ.

އެންމެހާ އަޞްޙާބު ބޭކަލުންނަކީ ޢަދުލުވެރިންކަމުގައި މުޙައްދިޘުން އިއްތިފާޤުވެލައްވައެވެ. އެންމެހާ އަޞްޙާބު ބޭކަލުންނަކީ ޢަދުލުވެރިންނޭ ބުނެވޭ ބަހުގެ މުރާދަކީ އެއްވެސް ޞަޙާބީ ބޭކަލަކު ޤަސްތުގައި ކީރިތި ރަސޫލާއާ ބެހޭ ގޮތުން އިތުރު ފުޅެއް ނުހައްދަވާނެ ކަމެވެ. ހަތަރު މަޒުހަބުގެ ހަތަރު އިމާމުންނަކީ ސުންނަތްޖަމާޢަތުގެ އިމާމުންނެވެ. އަދި އިމާމު މުސްލިމުއާއި އިމާމު ބުޚާރީއާއި ދެބޭކަލުންގެ ޞަޙީޙު ތަކަކީ އުންމަތުގެ އެންމެހާ ޢިލްމުވެރިން ބަލައިގެންފައިވާ ފޮތްތަކެވެ. އެފޮތްތަކުގައި ބަޔާންވެގެންވާ ބައެއް ހަދީޘްތަށް ތައުވީލުކުރުމުގައި ޢިލްމުވެރިންގެ މެދުގައި ބަޙުޘްކުރެވިފައި ވީ ނަމަވެސް އެ ފޮތްތަކުގައިވާ ޙަދީޘްފުޅުތަކަކީ ޞައްޙަ ހަދީޘްފުޅުތަކެއްކަން މުޅި އުންމަތްވަނީ ޤަބޫލުކޮށްފައެވެ.

އެހެންކަމުން ދީނީ ކަންކަމުގައި ބަސްބުނެ ހަދާއިރު މި އުޞޫލުތައް ދަމަހައްޓަންވާނެ ކަމުގައި ދެކެމެވެ. ފަރުޢީ ކަންކަމުގައި ތަފާތު ޚިލާފުތައް ހުރި ނަމަވެސް އެންމެހާ ޢިލްމުވެރިންގެ ދަޢުވަތުގެ އަމާޒު ސުންނަތް ޖަމާޢަތުގެ އުޞޫލުތަކުން ބޭރު ނުވެ ހުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ތަފާތު ދީނީ ފިކުރުތަކާއި މަޒުހަބުތައް ރާއްޖޭގައި ދިރުވުމަކީ އެންމެ ރަނގަޅު ގޮތެއްކަމުގައި އަޅުގަނޑު ނުދެކެމެވެ. ދީނީ ތަފާތު ފިކުރުތައް ތަފާތު ނަން ނަމުގައި ދިރުވުމުން މުސްލިމު މުޖުތަމަޢު ބައިބައިވެގެން ދާތައް ފެނެއެވެ.

ރާއްޖޭގެ ޢާއްމު ރައްޔިތުންނަކީ ފިޤުހީ ކަންކަމުގައި ޝާފިޢީ މަޒުހަބަށް ތަޤުލީދު ކުރާ ބައެކެވެ. ކަނޑައެޅިގެން ބަޔަކު ޤުރުއާނާއި ސުންނަތާ ޚިލާފު ނުވާހާ ހިނދަކު ދީނީ ގޮތުން ފިތުނަ އުފެދޭ ކަމެއް އުފައްދައިގެން ނުވާނެއެވެ. އެއީ ޢިލްމުވެރިންގެ މަންހަޖެވެ. ޚަލީފާ އަބޫ ޖަޢުފަރުލްމަންޞޫރުގެ އަމުރަށް އިމާމު މާލިކު ޙަދީސް ފޮތް "މުވައްޠައު" ލިޔުއްވިއެވެ. އިމާމު މާލިކަށް ޚަލީފާ އެންގެވީ ކީރިތި ރަސޫލާގެ ބަސްފުޅުތައް ވަކި ފޮތަކަށް އެއްކޮލަ ދެއްވުމަށެވެ. އެކަން ކޮށް ނިންމެވުމުން ޚަލީފާ ބޭނުންފުޅުވީ އެ ފޮތުގައިވާ ގޮތަށް މުޅި އުންމަތުގެ އެންމެން ޢަމަލުކުރަން ލާޒިމު ކުރެއްވުމަށެވެ. ނަމަވެސް އިމާމު މާލިކު އެކަން މަނާކުރެއްވިއެވެ. ވިދާޅުވީ މާތް ރަސޫލާގެ އަޞްޙާބު ބޭކަލުން ވަނީ އެކި ތަންތަނަށް ވަޑައިގެންފައެވެ. އެއްބަޔަކަށް ލިބިގެން ނުވާ ޢިލްމެއް އަނެއްބަޔަކަށް ލިބިގެންވެއެވެ. ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތާ ކަނޑައެޅިގެން ޚިލާފު ނުވާހާ ހިނދެއްގައި އެބަޔަކު ތިބި ގޮތަކަށް އެބަޔަކު ދޫކޮށްލައްވާށެވެ. އިމާމު މާލިކު މިހެން ދެންނެވުމުން ޚަލީފާ އެކަން ހުއްޓަވާލެއްވިއެވެ. މިއިން ރަމްޒުކޮށްދެނީ އިސްލާމީ ދަޢުވަތުގައި ޢިލްމުވެރިން ގެންގުޅުއްވި ތަނަވަސް މަންހަޖެވެ. މުވައްޠައު އަކީ ޙަދީޘް ޢިލްމުގައި ލިޔެވުނު އެންމެ ފުރަތަމަ ފޮތެވެ. ދިވެހިރާއްޖޭގެ ޢާއްމު ރައްޔިތުންނަށް ދީނުގެ ފިޤުހުގެ ތެރެއިން އެނގެނީ ޢާއްމުކޮށް ޢިބާދާތުގެ ބައިތަކެވެ. އިސްލާމީ ޝަރީޢަތުގެ ފިޤުހުގެ އެންމެހާ ބާބެއް ރައްޔިތުންނަށް އުނގަންނައި ދިނުމަށް އަޅުގަނޑުގެ މިނިސްޓަރކަމުގައި މަޝްހޫރު އިސްލާމީ ފިޤުހު ފޮތް " ފިޤުހުއްސުންނާ" ތަރުޖަމާކުރުމުގެ މަޝްރޫޢު ފެށީމެވެ. އެއިގެ ތިން ވޮލިޔުމްގެ ތަރުޖަމާ ނިންމައި ޗާޕު ކުރެވުނެވެ. އެ މަޝްރޫޢު އެއްކޮށް ނިމުނު ނަމަ އިސްލާމީ ފިޤުހަށް ހޭލުންތެރިވުމަށް ބޮޑު އިންޤިލާބެއް އަންނާނެއެވެ. އެ ފޮތަކީ މިޞްރުގެ މަޝްހޫރު ޢާލިމް އަޒްހަރު ދަންނަބޭކަލެއްކަމުގައިވާ ފަޟީލަތުއްޝައިޚު ސައްޔިދު ސާބިޤު ލިޔުއްވާފައިވާ ފޮތެކެވެ. އުންމީދަކީ އޮފޮތުގެ މަޝްރޫޢު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށް ގެންދަވައި ނިންމެވުމެވެ.

ދީނީ ޚިޠާބު އާ ކުރުން

މި ޒަމާނުގެ ދީނީ ޚިޠާބު އުޞޫލެއްގެ ގޮތުން އާކުރަންޖެހެއެވެ. ވާހަކަ ދައްކާގޮތާއި ބަސްމަގާއި ރާގު ވެސް ބަދަލުވާންޖެހެއެވެ. ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކާއި ޕާޓީތަކާއި ވަކި ވަކި ޝައިޚުންގެ ހަނި ވިސްނުންތަކުން އިސްލާމްދީނުގެ ޝަރީޢަތުގެ ތަނަވަސްކަމުގެ ތެރެއަށް މީސްތަކުން ގެނައުމަށް އިސްލާމީ ދަޢުވަތު ދެވޭ ފިކުރާއި ބަސްމަގާއި މެތަޑްތައް ބަދަލުކުރުމަކީ މި ޒަމާނުގައި ކޮންމެހެން ލާޒިމު ވެގެންވާ ކަމެއްކަމުގައި ދެކެމެވެ. ބަސްމަގު ބަދަލުކުރުމުގެ މުރާދަކީ ޝަރީޢަތުގެ މަތިވެރި މަޤުޞަދުތަކަށް ރިޢާޔަތްކޮށް ތަނަވަސް ވިސްނުމެއްގައި ދަޢުވަތު ދިނުމެވެ. ލުއި ފަސޭހަ ހަމަތަކާއި މަންހަޖުގެ ތެރެއަށް ދަޢުވަތު ފެއްތުމެވެ. ދަޢުވަތަކީ މީސްތަކުންނަށް ބިރު ދައްކާ ކަމަކަށް ވެގެން ނުވާނެއެވެ. ދަޢުވަތު ވާންޖެހޭނީ ޝައުޤުވެރިކުރުވާ ކަމަކަށެވެ. ކީރިތި ޤުރުއާނުގައި ބަޔާންވެގެންވަނީ އިސްލާމްދީނަކީ ލުއި ފަސޭހަ ދީންކަމަށެވެ. ދީނުގައި ދަތި އުނދަގޫ ކަމެއް ލައްވާފައި ނުވާކަމަށެވެ. ކީރިތި ރަސޫލާގެ ބަސްފުޅުތަކުގައިވަނީ " ދީން ޤާއިމުވެގެންވަނީ ލުއިފަސޭހަކަމުގެ މައްޗަށް ކަމަށެވެ. ދީނުގެ ކަންކަމުގައި ހަރުކަށި ވެއްޖެ މީހެއްގެ މައްޗަށް ދީން ގަދަވެގަންނާނެއެވެ." މިހެންކަމުން މި ހަމަތައް ހިފަހައްޓަންޖެހެއެވެ. ދީނަކީ މީސްތަކުންނަށް އުނދަގޫ އެއްޗަކަށް ހަދައިގެން ނުވާނެއެވެ.

މީހުން ފާސިޤު ކުރުމާއި ބިދުޢަވެރިކުރުމާއި ކާފަރު ކުރުމުން ދުރުވުން

ދީނީ ކަމެއްގައި މީހަކު ފާޅު ކުރާ ޚިޔާލެއްގެ ސަބަބުން ޙާލަތު ނުބަލައި އެމީހަކަށް ޙުކުމެއް ޖަހައިގެން ނުވާނެއެވެ. ސަބަބަކީ އެމީހަކު ފާޅު ކުރާ ޚިޔާލަކީ ނުބައި މަޢުލޫމާތެއްގެ މައްޗަށް ބިނާވެފައިވާ ޚިޔާލަކަށް ވެދާނެއެވެ. ނުވަތަ އެމީހަކަށް އޮޅުން ފިލަންޖެހޭ ވަރަށް އޮޅުން ފިލާފައި ނެތުމުން ވީ ކަމަކަށް ވެސް ވެދާނެއެވެ. އެހެންކަމުން އެފަދަ ފަރާތަކަށް އޮންނާނީ ރިވެތި ގޮތުގައި ބުނެދިނުމެވެ. އިސްލާމްދީނަކީ އޯގާތެރިކަމުގެ ދީނެވެ. ކީރިތި ރަސޫލާ ފޮނުއްވިގެންވަނީ ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުގައެވެ. ލަޢުނަތެއްގެ ގޮތުގައެއް ނޫނެވެ.

އިޚުތިލާފު އުފެދިފައިވާ މައްސަލަތަކުގައި ދޫ ދިނުން

ދީނުގެ ފަރުޢީ ގިނަ ކަންކަމަކީ އެކަންކަމާމެދު ދީނުގެ ފިޤުހުވެރިންގެ މެދުގައި ވަރަށް ގިނަ ޚިލާފު އުފެދިފައިވާ ކަންކަމެވެ. އެއިގެ ތެރެއިން ގިނަ ޚިލާފުތަކަކީ މުޢުތަބަރު ޚިލާފުތަކެވެ. އެ މަބުދައުތަކުގެ މައްޗަށް ފިޤުހީ މަޒްހަބުތައް އުފެދިގެން ދިޔައެވެ. އެންމެން ވެސް އުޞޫލުތަކުގައި އެބަސްވެއެވެ. ނަމަވެސް ފަރުޢީ ކަންކަމުގައި ޚިލާފު އުފެދުންކަމީ ފިޠުރީ ސިފައެކެވެ. އެ ޚިލާފުތައް އުފެދުމުގެ ސަބަބުތަކުގެ ތެރޭގައި އެކި ޢިލްމުވެރިންނަށް އެކިވަރަށް ޢިލްމު ލިބިފައިވުމާއި ނުޞޫޞުތައް ފަހުމްވުމުގެ މިންވަރުގައި ހުރި ތަފާތުތަކާއި ޢަރަބި ބަހުގެ ލަފްޒުތަކުގައި އެއް މާނައަށް ވުރެ ގިނަ މާނަ ދޭހަވުމާއި ޙަދީޘްތައް ރިވާކުރުމުގައި އެކި ޢިލްމުވެރިން ގެންގުޅުއްވި އުޞޫލުތައް ތަފާތުވުން ހިމެނެއެވެ. އެހެންކަމުން މުޢުތަބަރު ޚިލާފުތަކުގެ މައްޗަށް ބުރަވެފައިވާ ތަފާތު ފިޤުހީ ވިސްނުންތަކަށް ޖާގަ ދޭންޖެހެއެވެ. ފިޤުހީ ޤަވާޢިދެއްގައިވެއެވެ: " އިޖުތިހާދީ މައްސަލަތަކުގައި އެއްބަޔަކު އަނެއްބަޔަކަށް އިންކާރުކުރުމެއް ނެތެވެ." އެއިގެ މުރާދަކީ ކަނޑައެޅިގެން ޞަރީޢަ ދަލީލެއް ނެތުމުން އުފެދިފައި ހުންނަ މުޢުތަބަރު ފިޤުހީ ޚިލާފުތަކުގެ ވާހަކައެވެ. ކަނޑައެޅިގެން ޞަރީޙަ ނުޞޫޞޫތަކާ ދެކޮޅަށް މިޒަމާނުގެ ބައެއް މީހުންގެ ނާދިރު ޚިލާފުތަކުގެ ވާހަކައެއްނޫނެވެ.

ދީނީ ސުވާލުތަކަށް ޖަވާބު ދިނުމުގައި ޢިލްމީ ދިރާސާކުރުން

ޙަޤީޤަތުގައި ދިރާސާކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. އިމާމު ޝާފިޢީ ޢިރާޤުގައި އުޅުއްވުމަށް ފަހު މިޞްރަށް ވަޑައިގެން އިތުރަށް ޢިލްމު ހޯއްދަވައި ދިރާސާ ކުރެއްވުމަށް ފަހު އެކަލޭގެފާނުގެ ވަރަށް ގިނަ ރައުޔުތައް ބަދަލު ކުރެއްވިއެވެ. އެހެންކަމުން މިޞްރުގައި އުފެދިގެން ދިޔައީ "ޝާފިޢީގެފާނުގެ އާ މަޒުހަބެވެ." ޢިލްމީ ދިރާސާއަކީ ވަރަށް މުހިންމު ކަމެކެވެ. ޖާމިޢާ އަކުން ޑިގްރީ ހެދިޔަސް އަދި ޢިލްމުގެ ފުނަށް ވާޞިލެއް ނުވާނެއެވެ. އެކި އެކި އެންގަލްތަކުން ފިޤުހީ މައްސަލަތައް ދިރާސާކުރުމަކީ މުހިންމު ކަމެކެވެ. ދަލީލުތައް ވަޒަންކުރުމާއި އެދަލީލުތަކުގެ މަފްހޫމާމެދު ޢިލްމުވެރިންގެ ބަސްފުޅުތައް މުރާޖިޢާކުރުމަކީ ބޭނުންތެރިކަމެކެވެ. މިހާރުގެ ދެތިން ޢިލްމުވެރިޔަކު ނިންމާފައިވާ ގޮތްތަކަށް އެކަނި ރިޢާޔަތްކޮށްގެން ނުވާނެއެވެ. ޢިލްމުވެރިންގެ އަދަދު ގިނައެވެ. ބައިނަލްއަޤުވާމީ ޢިލްމީ މުއައްސަސާތަކުގެ ޢަދަދުތައް ވެސް ގިނައެވެ. ކަންކަމާމެދު ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތްކުރުމަކީ ފަތުވާ ދިނުމުގެ ކުރިން މުހިންމު ބޭނުންތެރިކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. ކުރިން ޤަބޫލުކުރަމުން ދިޔަ ރައުޔެއް ދިރާސާ ކުރުމަށް ފަހު ބަދަލުކުރުމަކީ ޢައިބެއް އޮތް ކަމެއްނޫނެވެ.

މިޒަމާނުގައި ދީނީ މައްސަލަތުގައި ޖަމާޢީ މަޝްވަރާ ކުރުން:

ދީނީ މައްސަލަތަކުގައި ޖަމާޢީ ގޮތެއްގައި މަޝްވަރާ ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ޚާއްޞަކޮށް ދައުލަތާއި މުޖުތަމަޢާއި އުންމަތުގެ އެންމެ މަތީ މަޞްލަޙަތާ ގުޅުން ހުރި ކަންކަމަކީ ވަކި ޕާޓީ އަކަށް ވަކި ޖަމްޢިއްޔާއަކަށް އެކަނި ވަކި ގޮތަކަށް ނިންމޭނެ ކަންކަމެއްނޫނެވެ. އެކަކަށް ވުރެ އަނެކަކުގެ ކިބައިގައި ވާ ޢިލްމު ތަނަވަސްވެދާނެއެވެ. އެކަކީ ޙަދީޘް ޢިލްމުގައި ތަޚައްޞުޞް މީހަކަށް ވާއިރު އަނެކަކަކީ ޤުރުއާނުގެ ތަފްސީރު ޢިލްމުގެ މީހަކަށް ވެދާނެއެވެ. އިހު ޒަމާނުގައި އެންމެ ޢިލްމުވެރިއެއްގެ ކިބައިގައި މި ހުރިހާ ތަޚައްޞުޞެއް ހުރެއެވެ. މި ޒަމާނުގައި ތަފާތެވެ. ކޮންމެ މީހަކީ ވަކި ދާއިރާއަކަށް ތަޚައްޞުޞް މީހެކެވެ. ވުމާއެކު ޖަމާޢީ މަޝްވަރާގެ ވެށި އުފެދެންޖެހެއެވެ. އެފަދަ ޕްލެޓްފޯމެއް އަންނަންޖެހެއެވެ.

އަމިއްލަ ޤައުމުގެ ޢުރުފާއި އާދަ ކާދައަށް ރިޢާޔަތްކުރުން

އިސްލާމްދީނާ ޚިލާފު ނޫން އާދަކާދަތަކާއި ޢުރުފާއެކު އުޅެންޖެހެއެވެ. ފަރުވާ ދިނުމުގައި ވެސް އާދަކާދައާއި ޘަޤާފަތަށް ރިޢާޔަތްކުރަންޖެހެއެވެ. އެއީ އިސްލާމްދީނުގައި މުޢުތަބަރު ކަމެކެވެ. ތަރުޙީބު ދޭ ކަމެއް ވެސް މެއެވެ. މިޒަމާނުގައި ބައެއް ޤައުމުތަކުގައި މަޝްހޫރު ބައެއް ޢިލްމުވެރިންނަކީ ދުވަހަކުވެސް އަމިއްލަ ޤައުމުން ބޭރަށް ވަޑައިގަންނެވި ބޭފުޅުންނެއް ނޫނެވެ. އެހެންކަމުން ދުނިޔޭގެ އެހެން ޤައުމުތަކުގައި މުސްލިމުން އުޅެމުން ދާ ގޮތާއި ޘަޤާފަތާއި ޢާދަތައް އެބޭފުޅުންނަށް ފެނިވަޑައިގެންފައިނެތެވެ. އެކަމަށް ރިޢާޔަތް ނުކޮށް އެބޭފުޅުން ދެއްވާފައި ހުންނަ ބައެއް ފިޤުހީ ފަތުވާތައް އެހުރި ގޮތައް އެހެން ޤައުމުތަކަށް އިމްޕޯޓު ކުރުމުގެ ސަބަބުން އެތައް ފިތުނައެއް މެދުވެރިވެފައިވެއެވެ. ވީމާ ފަތުވާ ދިނުމުގައި އެބަޔަކު އުޅޭ ޤައުމެއްގެ އާދަކާދައާއި ޢުރުފަށް ބަލަން ޖެހެއެވެ. ހަމަ އެގޮތައް ބޭރު ޤައުމުތަކުގައި އޮންނަ މަޒުހަބުތައް ވެސް ބަލަންޖެހެއެވެ. މިސާލަކަށް ޙަންބަލީ މަޒުހަބަށް ތަބަޢަވާ ޤައުމެއްގެ ޢިލްމުވެރިން އެ ޤައުމުގައި ފަތުވާ ދެއްވަނީ އެ މަޒްހަބަށެވެ. އެމަޒްހަބަށް ދީފައި ހުންނަ ބައެއް ފަތުވާތައް ރާއްޖެ ފަދަ ޝާފިޢީ މަޒްހަބުގެ އަހުލުވެރިންނަށް އެކަށީގެން ނުވެދާނެއެވެ. ބައެއް ޙާލަތުގައި އެއީ ފިތުނައަކަށްވެސް ވެދާނެއެވެ. މިދަންނަވަނީ ފިޤުހީ ކަންކަމުގެ ވާހަކައެވެ. އަޤީދާގެ ވާހަކައެއްނޫނެވެ.

ދަރުސްތައް ކުރު ކުރުމާއި މުހިންމު މައުޟޫޢުތަކަށް އިސްކަން ދިނުން

ދަރުސްތަކަށް މީހުންދަނީ ބުރަކޮށް އުޅެމުން ނަމަވެސް ދަރުސްތައް އަޑުއަހާ ހިތުންނެވެ. ނަމާދުގެ ފަހުން ވެސް މަޑު ކޮށްލަނީ ދަރުސް އަޑު އަހާ ހިތުންނެވެ. ދަރުސް ދެނިކޮށް ތެދުވެގެން ދާކަށް ނުކެރެއެވެ. ކުރަންޖެހޭ އެހެން މަސައްކަތްތައް ހުރެއެވެ. ދަރުސް ފަށާ މީހާއަށް ދަރުސް ނިންމަން ނޭގި އެތައް އިރެއް ނަގަންޏާ މީހުން ދަރުސްތައް މަތިން ފޫހި ވެދާނެއެވެ. އަދި ދެތަނުގައި ވަޒީފާ އަދާކޮށް ނުހަނު ބުރަކޮށް އުޅޭ މީހުން ވެސް ދަރިން ގޮވައިގެން ވެސް ދަރުސެއް ވީމާ އަޑު އަހަންދެއެވެ. ނަމަވެސް ނަމާދުގެ ފަހުން ދަރުސްދޭ މީހާ ދަރުސްގައި އެހާ ގިނަ އިރުވުމުން އެތަށް ބައެއްގެ މަޞްޙަތަށް އުނިކަން އާދެއެވެ. މިއުޅެނީ އަލަށް ބަޔަކު ދީނަށް ވައްދާކަން ނޫނެވެ. މުސްލިމުންތަކަކަށް ހަނދާންކޮށްދެނީއެވެ. އެހެންކަމުން އެކަން ބިނާވާންޖެހޭނީ ބަލައިގަންނަން ފަސޭހަ ޘަޤާފަތަކާއި ގޮތްތަކެއްގެ މައްޗަށެވެ. މުހިންމު މަޢުޟޫޢަށެވެ. އެހާ ގިނަ އިރު ނަގައިގެން ނުވާނެއެވެ. އެންމެ ދިގު ވެގެންވެސް ފަންސަވީސް މިނެޓް ފުދެއެވެ. އިލްމީ ގޮތުން ބެލި ނަމަވެސް ވަކި ކަމަކަށް ފޯކަސް ކޮށްގެން އަޑު އަހަން މީހަކަށް އިނދެވެނީ ކިހާއިރަކުތޯ ބައްލަވާށެވެ. ވީމާ ނަތީޖާ ނިކުންނާނެ ގޮތައް ކަންކަން ކުރުމަކީ ބުއްދިވެރިކަމެކެވެ.

ޚުޠުބާތައް ކުރުކުރުމާއި ނަމާދުގެ ކިޔެވުން ކުރުކުރުން

ޚުޠުބާތަކަކީ އެހާދިގުވާންޖެހޭ އެއްޗެއްނޫނެވެ. ޚުޠުބާތައް ކުރުވާންޖެހޭނެއެވެ. މިހާރުގެ ޖަމާޢަތްތައް ވެސް ބޮޑެވެ. ޖަމާޢަތް ބޮޑުވި ވަރަކަށް އިމާމުގެ ކިޔެވުން ވެސް ކުރު ކުރުމަކީ ސުންނަތް ގޮތެވެ. ހުކުރު ނަމާދުގައި ސައްބިޙިސްމައާއި ހަލްއަތާ ކިޔެވުމަކީ ސުންނަތެކެވެ. ނަމަވެސް ޖަމާޢަތް ބޮޑުވެގެންގޮސް މިސްކިތުން ބޭރުގައި ވިއްސާރައާއި ނުވަތަ އަވީގައި މީހުން ބައިތިއްބައިގެން އެ ސުންނަތް ޙާޞިލްކުރުމެއް ނޯވެއެވެ. އެ ޙާލަތުގައި ސުންނަތް ގޮތަކީ ޖަމާޢަތުގައި ކުރުކޮށް ކިޔެވުމެވެ. ކުޑަކުއްޖަކު ރޯ އަޑު އިވިވަޑައިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖަމާޢަތުގައި ނަމާދުގައި ކުރުކޮށް ކިޔަވައިވިދާޅުވެ ޖަމާޢަތް އަވަސްކުރެއްވިއެވެ. އެއީ އެކުއްޖާގެ ބައްޕަ އޭނާއަށް އަޅާލަން އަވަހަށް ވަގުތު ދެއްވުމަށެވެ. މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވާންޖެހޭނެއެވެ. ފިޤުހުވެރިވުމަކީ ލިބިފައިވާ ފިޤުހު ޢިލްމު އެ ދިމާވެފައިވާ ޙާލަތަށް ޕްރެކްޓިސް ކުރަން އެނގުމެވެ.

ދަރުސް ދޭއިރު ނަފްސު ކޮންޓްރޯލް ކުރުން

ދަރުސް ދިނުމަކީ މަޑުމައިތިރި ކަމާއެކު ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ބައެއް މައުޟޫޢުތަކުގައި ޖޯޝާއި ފޯރީގައި ދަރުސްދެވޭތަން އާދެއެވެ. ޖޯޝުގައި ދަރުސް ދިނުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ހަޅޭ ލައްވައި ދަރުސް ދިނުމެއް ނޯވެއެވެ. އެންމެ ނުބައިވެގެންވާ އަޑަކީ ޙިމާރުގެ އަޑު ކަމަށާއި އަޑު އަހަން ތިބޭ މީހުންނަށް އުނދަގޫވާ ވަރަށް އަޑު ގަދަ ނުކުރުމަށް ލުޤުމާނުގެފާނު ދަރިކަލުންނަށް ވަޞިއްޔަތްކުރައްވާފައިވެއެވެ. މަޑު މައިތިރިކަމާއެކު ދަރުސް ދިނުމުން އޭގެ ނަތީޖާ މާ ބޮޑަށް ވެސް ފެނެއެވެ. އަޅުގަނޑުގެ ނަސޭޙަތަކީ ތިމާ ދޭ ދަރުސް ފަހުން ތިމާ އަމިއްލަ އަށް އަޑު އަހައި އޭގައިވާ އުނިކަންކަން އިޞްލާޙު ކުރަން މަސައްކަތްކުރުމެވެ. އެއީ ޢައިބު ކަމެއްނޫނެވެ. ޝަޚުޞިއްޔަތު އަމިއްލައަށް ބިނާކުރުމަކީ މުހިންމު ކަމެކެވެ.

މީޑިޔާއަށް އަރާއިރު ރީތި ފޭރާން އެޅުން

އިސްލާމީ ދަރުސްދޭ މީހުން ޓީވީޗެނަލްތަކަށް އަރާއިރު އަރަންވާނީ ވީ އެންމެ ބޮޑަށް ރީތިވެގެންނެވެ. ޢިލްމުވެރިން ވާންވީ އެންމެ ރީތިކޮށް ނަލަކޮށް ޑްރެސްކުރާ ބަޔަކަށެވެ. މީހާ ހުންނަ ގޮތާއި އަޅާ ފޭރާމަކީ މުހިންމުކަން ދެވިގެންވާ ކަންކަމެވެ. އޭނާ ދައްކާ ވާހަކައެއް ވެސް އަޑުއެހުމުގައި އަޅާފައި ހުންނަ ފޭރާމަށް ބެލެވެއެވެ. ވީމާ ޒަމާނަށް ފެތޭ، އަދި ޢިލްމުވެރިންގެ ހައިބަތު ނުގެއްލޭ ފަދަ ޤައުމުގެ އުރުފާއި އާދަކާދައާއި ގުޅޭ ރީތި ފޭރާމެއް އަޅަންޖެހެއެވެ. ޓީވީތަކުން އެންމެ ރީތިކޮށް ފެންނަ މީހުންނަކީ ޢިލްމުވެރިންނަށް ވާންޖެހޭނެއެވެ. ސްކޫލްތަކުގެ ދަރުސްތަކަށް ދާއިރުވެސް ސާފުތާހިރުކަމާއެކު ރިވެތި ނަލަ ފޭރާމުގައި ދާންޖެހެއެވެ. ދަރިވަރުން އެކަންކަމުން ނަމޫނާ ނަގާނެއެވެ. ޓީވީ ޕްރޮގްރާމަށް އަރާއިރު، ބެކްގްރައުނޑްގެ ކުލައަށް ރިޢާޔަތްކޮށް ތިމާ އަޅާ ހެދުމުގެ ކުލަ އިޚުތިޔާރު ކުރުމަކީ ވެސް ބޭނުންތެރިކަމެކެވެ. އަޅާފައި ހުންނަ ޓައިއާއި ފޭރާމަކުން ވެސް ޕްރޮގްރާމް ރީތި ވެދެއެވެ. އަޅުގަނޑުގެ ވަޒީރުކަމުގެ ދުވަސްވަރު މިކަމާ ގުޅޭ ގޮތުން ޢިލްމުވެރިންނަށް ވޯކްޝޮޕެއް ބޭއްވީމެވެ. މީޑިޔާއަށް އަރާއިރު ތިބެންޖެހޭ ގޮތާ ބެހޭ ގޮތުން އޮގަރު މުޙައްމަދު ވަޙީދާއި ޓީވީއެމް ޚަލީލު އޭގައިބައިވެރިވެވަޑައިގެން ޢިލްމުވެރިންނަށް މަޢުލޫމާތު ދެއްވިއެވެ. އެފަހަރުގެ ވޯކްޝޮކްޝޮޕްގެ ނަތީޖާ ވެސް ރަނގަޅެވެ.

ކުށްކުރާ މީހާ ދެކެ ނަފްރަތު ނުވުން

އަޅުގަނޑުމެންނަށް ގިނަ ފަހަރު ވާ ގޮތަކީ ނުރަނގަޅު ކަމެއް ފެންނަ ނަމަ އެކަމަކަށް ވުރެ ބޮޑަށް އެކަމެއް ކުރާ މީހާ ދެކެ ރުޅި އާދެވެއެވެ. އެއީ ވަރަށް ބޮޑު ގޯހެކެވެ. ކުށްކުރާ މީހާ ފަހުން ރަނގަޅު ވެދާނެއެވެ. ނުރަނގަޅުކަމެއް ދެމި އޮންނާނީ ނުރަނގަޅު ކަމެއްގެ ގޮތުގައެވެ. ވަށްކަން ކުރާ މީހާ ރަނގަޅު ވެދާނެއެވެ. ވަށްކަމެއް ދުވަހަކު ވެސް ރަނގަޅެއް ނުވާނެއެވެ. ވީމާ ނަފްރަތު ކުރަންވީ ކުށަށެވެ. ކުށްކުރާ މީހާއަކަށް ނޫނެވެ. ނަފްރަތު ކުރަންވީ ޒިނޭއަށެވެ. ޒިނޭ ކުރާ މީހާއަކަށް ނޫނެވެ. ނަފްރަތު ކުރަންވީ ރާ ބުއިމަށެވެ. ރާ ބޯ މީހާ އަކަށް ނޫނެވެ. މީހުން ރަނގަޅު ވެއެވެ. ތިބާއާއި އަޅުގަނޑަށް ވުރެންވެސް އެމީހަކު ﷲ ގެ ޙަޟްރަތުގައި މާތް މީހަކަށް ވެގެން ހިގައިދާނެއެވެ. ބޮޑު ކުށެއްކުރެވުމަށް ފަހު ތައުބާވި އަންހެނަކަށް މީހަކު ބުރަ ބަހެއް ބުނި އަޑު އިވިވަޑައިގެން ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވާފައިވަނީ މަދީނާގެ އަހުލުވެރިންގެ ތެރެއިން ހަތްދިހަ މީހުންނަށް އެތައުބާ އަޅާ ކިޔަސް އެކަމަނާގެ ތައުބާގެ މަތިވެރިކަން ބޮޑުކަމުގެ ވާހަކައެވެ. މީގެ އިތުރުން ރާ ބޮޔެގެން ތަކުރާރު ކޮށް ހައްދު ޖެހުނު މީހަކަށް ބަދު ބަހެއް ބުނެވޭ އަޑު އިވި ވަޑައިގެން ކީރިތި ރަސޫލާ އެކަން ހުއްޓުވައި ހަދީޘްކުރެއްވީ " އޭނާއަކީ ﷲ އާއި އެކަލާނގެ ރަސޫލާ ދެކެ ލޯބިވާ މީހެކެވެ". މިކަންކަމުން ދޭހަވަނީ ނަޞޭޙަތުގެ އަލީގައި މީހުން ރަނގަޅުވެދާނެކަމެވެ. އަދި އެއީ ﷲ ގެ ޙަޟްރަތުގައި މަތިވެރި ބަޔަކަށް ވެދާނެކަމުގައެވެ.

އިސްވެ ދިޔަ ވާހަކަތަކަކީ އަޚުވަންތަކުންގެ މީޒާނުން ކިރާލާ ވާހަކައެއް ކަމުގައި ދެކޭށެވެ. އެ ވާހަކަތަކަކީ އަޅުގަނޑުގެ ވެސް އަމިއްލަ ނަފްސާ މުޚާޠަބްކުރި ވާހަކަ ތަކެއްކަމުގައި ދެކޭށެވެ. ޤައުމާއި ދުނިޔެއަށް އައިސްފައިވާ ބަދަލުތަކާއެކު އަޅުގަނޑުމެން ކަންކަން ކުރާ އުޞޫލުތަކާއި ގޮތްތަކަށް ބަދަލު ގެންނަންވެއްޖެކަމުގައި ދެކެމެވެ.