އެމްއެމްޕީއާރުސީގެ ހިޔާނާތް

އަދީބަށް ހިޔާނާތުގެ 7 ދައުވާއެއް އުފުލައިފި

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅޭ ހަތް ދައުވާއެއް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލައިފި އެވެ.

އަދީބުގެ މައްޗަށް ހަތް ދައުވާ އުފުލައި ކުރިމިނަލް ކޯޓަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ފޮނުވާފައިވަނީ މިއަދު އެވެ.

އެކަމުގެ މައުލޫމާތު ހިއްސާކުރަމުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަދީބުގެ މައްޗަށް ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެން ކަމަށެވެ.

އެ ދައުވާތައް އުފުލާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށްފަހު ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުންނެވެ. އެ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި މި މަހުގެ 21 ވަނަ ދުވަހު އެވެ.

އަދީބުގެ މައްޗަށް މި ދައުވާތައް އުފުލާފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން އޭނާ ވަނީ އިންޑިއާއަށް ފިލައިގެން ވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން ވެސް އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. އޭނާ ރާއްޖެއިން ބޭރަށް ފިއްލަވަން މަސައްކަތް ކުރެއްވީ ވަކި ބަޔަކާ ދެކޮޅަށް ބަޔާން ދޭތީ އިންޒާރުތައް އަންނަ ކަމަށް ވިދާޅުވެ އެވެ.

އަދީބު ވަނީ ފިލި މައްސަލާގައި ކުށަށް އިއުތިރާފުވެ މާފަށް އެދިވަޑައިގެންފަ އެވެ. އެހެންވެ އެ މައްސަލަ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ކުރިމިނަލް ކޯޓުން ނިންމަން ވަނީ ނިންމާފަ އެވެ.

ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި އަދީބު ވަނީ ދައުލަތާއެކު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ހަދާފަ އެވެ. އެއީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގަށް އެއްބާރުލުންދީ އޭގައި ޝާމިލްވި ފަރާތްތަކަށް ހާމަކުރުމަށެވެ. އަދީބު ފިއްލެވިއިރު ވެސް އެ އެއްބަސްވުމުގެ ދަށުން އޭނާ ގެންދެވީ މައުލޫމާތުތައް ފޯރުކޮށްދެއްވަމުންނެވެ.

އިންޑިއާއަށް ނާރުވައި އަދީބު ރާއްޖެ ގެނެސް ކޯޓަށް ހާޒިރުކުރުމުން އަދީބުގެ ރާގު ބަދަލު ކުރައްވައި ކުރިއަށް އޮތް ތަނުގައި ވެސް ދައުލަތާއެކު އެއްބާރުލުން ދިނުމުގައި ހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ އިންޑިއާގެ ބަނދަރުގައި ހުންނަވަނިކޮށް ބޭރުގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާން ވެސް ވަނީ ދޮގު ކުރައްވާފަ އެވެ.

އަދީބު ވަނީ ދައުލަތުގެ ހެއްކެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލާގައި ހެކި ބަސް ދެއްވާފަ އެވެ. ހެކި ބަސް ދެއްވަމުން ވެސް އަދީބު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އޭނާ ވެސް ބައިވެރިވެފައިވާ ކަމަށް އެއްބަސްވެ އެކަމުގެ ސަބަބުން އަންނާނެ ހުކުމްތަކަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.

މީގެކުރިން ވެސް އަދީބުގެ މައްޗަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައެއް ސާބިތުވެފައިވެ އެވެ. ނަމަވެސް އެ ހުކުމް ހައިކޯޓުން ބާތިލްކޮށް ކުރިމިނަލް ކޯޓަށް އަލުން ބަލަން ވަނީ އަންގާފަ އެވެ. ހައިކޯޓުގެ އެ ހުކުމް މިހާރު ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލާގެ ޝަރީއަތް ކުރިއަށްދާއިރު އެ ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް އޭނާ ބަހައްޓާފައި ހުރީ ގޭބަންދުގަ އެވެ.

އޭގެއިތުރުން ވެސް ހިޔާނާތާ ގުޅޭ 10 ދައުވާއެއް އަދީބުގެ މައްޗަށް އުފުލައި ކުރިމިނަލް ކޯޓުގައި ކުރިން ޝަރީއަތް ފެށި އެވެ. ނަމަވެސް އެ ހުރިހާ މައްސަލައެއް އެއް ފަހަރާ ކުރިމިނަލް ކޯޓުން ބޭރުކޮށްލީ އެވެ. އެއީ ފުލުހުންގެ ތަހުގީގަށްފަހު އުފުލި ދައުވާތަކެކެވެ.