ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ދީނީ އިލްމުވެރިން ޓެރަރިސްޓުންނަށް ހެދުމުގެ ބިރު އެބައޮތް: ޝަހީމް

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ސަބަބުން ދީނީ އިލްމުވެރިން ޓެރަރިސްޓުންނަށް ހެދުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސް ކުުރަން ވަނީ ހަމަޖައްސާފަ އެވެ.

މި ބިލުގައިވާ ކަންކަންކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާ ޝަހީމް ވިދާޅުވީ ޓެރެރިޒަމް ހުއްޓުވުމަށްޓަކައި ހަރުދަނާ އުސޫލުތައް އެކުލަވާލުމާއި ގާނޫނަށް ހަރުދަނާ އިސްލާހުތައް ގެނައުމަކީ ވަރަށް މުހިންމު ކަމަކަށްވި ނަމަވެސް ކޯޓު އަމުރެއްނެތި މީހުން ހިފާ ހައްޔަރު ކުރެވޭ ގޮތަށް ގާނޫނީ ގޮތުން ފުލުހުންނަށް ބާރުތަކެއް ދިނުމަކީ އޭގެ ބޭނުން ސިޔާސީ ގޮތުން ނަހަމަ ގޮތުގައި ހިފާފާނެކަމުގެ ބިރު އޮތް ކަމެއް ކަމަށެވެ.

"ޚާއްސަކޮށް މި އިސްލާހަކީ ދީނީ ދާއިރާގެ ކަންކަމަށް އަމާޒުކޮށް އަންނަ އިސްލާހެއް ކަމުގައިވެފައި ޓެރަރިޒަމްގެ ތުހުމަތުގައި ޢިލްމުވެރިން ހައްޔަރު ކޮށްފާނެ ކަމުގެ ބިރު އެބައޮތް. މިއަދު ސަރުކާރުގައި ތިބެގެން މި ގާނޫނޫ މި ގޮތައް ފާސްކުރަން ތާއީދުކުރާ ދީނީ ފަރާތްތައް ވެސް މާދަމާ މިގާނޫނުގެ ޝިކާރައަކަށް ވެގެން ހިނގައިދާނެކަމުގެ ބިރު އެބަ އޮތް." ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ މާޒީގައި ވަރަށް ގިނަ އިލްމުވެރިންނަށް ލާއިންސާނީ އަނިޔާ ދީފައިވާ ކަމަށާ ކުށެއް ނެތި ޖަލަށް ލައި ތުނބުޅި ބާލައި އަންހެނުންނާއި ފިރިހެނުން މަގުމަތިންނާއި މިސްކިތުގެ ތެރެއިން ދަމާ ކޫއްތާފައި ގެންގޮސް ޖަލަށް ލައި އެތައް ލާއިންސާނީ އަނިޔާއެއް ދީފައިވާ ކަމަށެވެ. އަދި ދަންވަރު ގޭގައި ނިދާފައި ތިބޭއިރު ގޭގެޔަށް ވަދެގަނެ ހިންގަމުން ދިޔަ ބިރުވެރި އަނިޔާވެރި ކަންކަމުގެ ސަބަބުން ކުޑަކުދިންނާ އާއިލާތައް ބިރުވެރިކަމުގެ ތެރެއަށް ދިޔަ ކަމަށެވެ.

"އެބޭފުޅުން ހިންގަމުން ދިޔަ ސްކޫލްތައް ވެސް ދައުލަތަށް ނެގި. ވިޔަފާރިތައް ވެސް ހުއްޓުވި. އެބޭފުޅުންގެ ކުށަކަށްވީ އެއިރު އޮތް ސަރުކާރުގެ ދީނީ ސިޔާސަތުތަކާ ފަތުވާ ތަކާ ޚިޔާލު ތަފާތުވުން..." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އެ ފަދަ ދުވަސްތަކަކަށްފަހު ގާނޫނު އަސާސީގެ ތެރެއިން ލިބިގެންދިޔަ އަސާސީ މިނިވަންކަމާއި ހައްގުތަކުގެ ދަށުން ކޯޓު އަމުރެއްނެތި މީހުން ހިފާ ހައްޔަރު ކުރުން މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމަށެވެ.

މިނިވަންކަމާއި އަސާސީ ހައްގުތައް ހޯދައިގަނެވުނީ އެތައް ގުރުބާނީ އެއްގެ ފަހުންކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ އެ ގުރުބާނީގެ އެންމެ މުހިންމު ބައިވެރިން މިއަދުވެސް ރައްޔިތުންގެ މަޖިލީހުގެ އެންމެ މަތީ މަގާމުތަކުގައި އެބަ ތިއްބެވިކަމަށެވެ.

ޝަހީމް ވިދާޅުވީ ކޯޓު އަމުރެއްނެތި މީހުން ހިފާ ހައްޔަރު ކުރެވޭ ގޮތައް ފުލުހުންނަށް ބާރުތަކެއްދީ ގާނޫނަށް ގެންނަން އުޅޭ ބަދަލަކީ ބިރުވެރި ރަނގަބީލެއް ކަމަށެވެ. ކޯޓު އަމުރެއް ނެތި ކޮންމެ ކޮންމެ މީހަކު ހަމަ އެކަނި ތުހުމަތެއް ކުރެވިގެން ހައްޔަރު ކުރެވޭ ގޮތައް އޮވެއްޖެ ނަމަ އެކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު އެބަ އޮތްކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. ޚާއްސަކޮށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތްކުރާ ދީނީ އިލްމުވެރިން މިގާނޫނުގެ ތެރެއަށް ފައްތައި ޓެރަރިސްޓުންނަށް ހެދުމުގެ ބިރު އެބައޮތްކަމަށް ވިދާޅުވިއެވެ.

ކޯޓު އަމުރެއްނެތި މީހުން ހިފާ ހައްޔަރު ކުރެވޭ ގޮތައް ފުލުހުންނަށް ބާރުތަކެއްދީ ގާނޫނަށް ގެންނަން އުޅޭ ބަދަލަކީ ބިރުވެރި ރަނގަބީލެއްކަމުގައި ދެކެން. ކުށުގެ ވެށިން މީހަކު ހައްޔަރު ކުރުމަކީ ތަފާތު ކަމެއް. ނަމަވެސް ކޯޓު އަމުރެއް ނެތި ކޮންމެ ކޮންމެ މީހަކު ހަމަ އެކަނި ތުހުމަތެއްކުރެވިގެން ހައްޔަރު ކުރެވޭ ގޮތައް އޮވެއްޖެ ނަމަ އެކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު އެބަ އޮތް.. ޚާއްސަކޮށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތްކުރާ ދީނީ އިލްމުވެރިން މިގާނޫނުގެ ދަށަށް ފައްތައި ޓެރަރިސްޓުންނަށް ހެދުމުގެ ބިރު އެބައޮތް.
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު | ކުރީގެ އިސްލާމިކް މިނިސްޓަރު

ޝަހީމް ވަނީ އިންސާފުވެރި ފަނޑިޔާރު ގެއެއް ގާއިމުކުރަން ވަކާލާތު ކުރާ ބަޔަކު ފަނޑިޔާރު ގޭގެ އަމުރެއް ނެތި ހައްޔަރުކުރުމުގެ ބާރު ހޯދަންއުޅެނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

އަދި މި ބިލްގައި ހުރި މިފަދަ ކަންބޮޑުވުންތަކާމެދު މަޖިލީހުގެ މެންބަރުން ވިސްނާ ވަޑައިގަތުމަށް ޝަހީމް ގޮވާލެއްވިއެވެ.

"ޓެރަރިޒަމްގެ އަމަލުތަކަށް މަގު ފަހިވާ އެންމެހާ ކަންކަމެއް ދިވެހިރާއްޖޭގައި ހުއްޓުވެންޖެހެ. އެއިގެތެރޭގައި ދީނީ ހަރުކަށި ފިކުރުތަކާއި އެތިސްޓުންގެ އަމަލުތައް ވެސް ހުއްޓުވަންޖެހެ. މިއީ އެއް ފައިސާ ފޮއްޗެއްގެ ދެފަރާތް." ޝަހީމްގެ މެސެޖް ނިންމަވާލައްވަމުން ވިދާޅުވިއެވެ.