ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރި ކޮމެޓީ ރިޕޯޓް ހިމަނާ، މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފި އެވެ.
ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުގެ ތަޅުމުން ބަލައިގަނެ، ބިލު އިތުރަށް ދިރާސާ ކުރަން މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. މަޖިލީސް މެންބަރުން ޗުއްޓީގައި ވަނިކޮށް ސަރުކާރުން ހުށައެޅި މި ބިލްގެ މަސަކަތް ނިންމަމުން ގެންދަނީ ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައިގެންނެވެ.
މިހާތަނަށް ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވާފައިވާއިރު، މާދަމާ ބާއްވަނީ ދައުރުން ބޭރު ތިންވަނަ ޖަލްސާ އެވެ. އެ ޖަލްސާގެ އެޖެންޑާ މިއަދު މަޖިލީހުގެ އިދާރާއިން އާންމު ކޮށްފައިވާއިރު، އެޖެންޑާގައި ހަމައެކަނި ހިމެނެނީ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ ނިންމާފައިވާ ރިޕޯޓްގެ މައްސަލަ އެކަންޏެވެ. ދެން އޮތީ ވޯޓަށް އެހުމެވެ. އެހެންކަމުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މާދާމާ ފާސް ކުރާނެ ކަމަށް ބެލެވެއެވެ.
އެ ބިލަށް މެންބަރުން ހުށައަޅާ އިސްލާހުތަކަށް މިއަދުގެ މެންދުރު 12:00 ހަމައަށް އޮތީ ފުރުސަތު ހުޅުވާލާފައެވެ. މެންބަރުން ހުށައެޅި އިސްލާހުތަކަށް ވޯޓަށް އަހާނީ މާދަމާގެ ވޯޓް ގަޑީގައެވެ. އިސްލާހެއް ހުށައަޅާފައިނުވާނަމަ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމި ގޮތަށް އެ ބިލް ފާސްކުރުމަށް ވޯޓަށް އަހާނެއެވެ.
ޓެރަރިޒަމްގެ ކުށްތަކުގައި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓޭ ގޮތަށް ފުލުހުންނަށް ބާރު ދޭން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައިވާ މާއްދާ ކޮމިޓީ މަރުހަލާގައި ވަނީ ބަދަލު ކޮށްފަ އެވެ. މިހާރު ބިލުގައި ވަނީ ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކު 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހޭނެ ކަމަށެވެ. އެ ނޫން މުހިންމު ބައެއް ބަދަލުތައް ވެސް ގެނެސްފައި ވެއެވެ.
ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ބިލުގައި އޮތް މާއްދާ ހަމަ އެ ގޮތަށް ބޭއްވުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
އާ ބިލުގައި ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި، ކުށް ކުރާ މިހާ ނޫން އެހެން މީހަކަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ރަހީނުކޮށް ފޮރުވުމާއި، މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނޫނީ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން ހިމެނެ އެވެ.
ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތެއް ނުރައްކަލެއް ކުރިމަތި ކުރުމުގެ އިތުރުން އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުމާއި އާންމު އަސާސީ ހިދުމަތެއް ގަސްދުގައި މެދުކަނޑާލުން ވެސް ހިމެނެ އެވެ. އަދި ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް އުފެއްދުމާއި އެ ތަކެތީގެ ވިޔަފާރި ކުރުމަކީ ވެސް ޓެރަރިޒަމް ކުށެކެވެ.
ޓެރަރިޒަމް ކުށްތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވާ ކުށްތަކުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުން ކަމަށް ބިލުގައިވެ އެވެ.