ރިޕޯޓް

އެހީއަށް އެދެމުންދާ ފެހުރިއްސެއް!

އެހީއަށް އެދޭ ފެހުރިގެ މަންޒަރު ދައްކުވައިދޭ ވީޑިއޯ

މާ ކަނޑަށް އުކާލާ އެކިއެކި ބާވަތްތަކުގެ ސަބަބުން ކަނޑާއި އަޑީގެ ދިރުންތަކަށް ބޮޑެތި ގެއްލުންތައް ލިބެ އެވެ. އިންސާނުން ގަސްތުގައި ދޭ އަނިޔާތަކުގެ ސަބަބުންވެސް ހިމާޔަތްކޮށްފައިވާ މަސްމަހާމެހީގެ ބާވަތްތަކަށް ލިބޭ އަނިޔާ ވަކީން ކުޑައެއް ނޫނެވެ.

މިފަހަރު ކިޔައިދޭން މިޖެހެނީ އުފާވެރި ވާހަކައެއް ވެސް ނޫނެވެ؛ ވީޑިއޯއިން ފެންނަނީ ބޮޑު ފަލަ ވަލެއްގައި އޮޅިފައިވާ ފެހުރިއްސެކެވެ. ފެހުރީގެ މެދުން މަސްގަނޑު ކަނޑައިގެން ގޮސް ބާރުވެފައިވާ އެ ވަލުގެ ސަބަބުން އެ ސޮރުގެ ދިރިއުޅުން ވަނީ ބޮޑު ވޭނަކަށްވެފަ އެވެ. އެންމެ ފަހުން އެކަމުން މިންޖުވާން އެދި އެ ސޮރު ދިޔައީ އިންސާނުންގެ ގާތަށެވެ.

މި ވީޑިއޯގައި އެ ފެންނަނީ މާލެ ކައިރި، ވިލިމާލޭ ކަނޑުގެ ސަރަހައްދުން ދަތުރުކުރި ލޯންޗެއްގެ ކައިރިއަށް ފެހުރިހި އަންނަ މަންޒަރެވެ. އެ ސޮރު އެ ލޯންޗާ ދުުރުނުވެ ވަގުތުތަކެއް ހޭދަ ކުރެ އެވެ. އޭގެ ބޭނުމަކީ ލިބިފައިވާ އަނިޔާއިން ސަލާމަތް ކޮށްދޭނެ އެހީތެރިއެއް ލޯންޗުގެ ތެރެއިން ހޯދުމެވެ. އެ ލޯންޗުގައި ތިބި ދިވެހިންންގެ ބަޔަކު އެސޮރަށް އެހީވެ ދެވޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް އެ މީހުނަށް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.

އެ ލޯންޗުގައި ތިބި މީހުން ބުނާ ގޮތުން ފެހުރިހީގެ މެދުން ވާ އޮތީ ވަރަށް ބޮޑަށް އޮޅިފަަ އެވެ. އަދި ވާ އޮތީ ފެހުރީގެ މަސްގަނޑުގެ ތެރެއަށް ވަދެފަ އެވެ. އެހެންކަމުން އެސޮރު އެ ހާލުގައި އުޅޭތާ ދުވަސް ވެފައިވާނެ އެވެ.

އެންމެ ފަހުން ލޯންޗުގައި ތިބި މީހުނަށް އެހީތެރިކަމެއް ނުދެވުމުން އަނެއްކާވެސް ފެހުރިހި ވަނީ އެހެން ދިމާއަކަށް ދަތުުރު ފަށާފަ އެވެ. އެއީ އެ ވަލުގެ ނުރައްކަލުން ސަލާމަތްކޮށްދޭނެ އެހެން ބަޔަކު ފެނޭތޯ އެވެ.

ފެހުރިއްސަކީ މިޔަރު އާއިލާގެ ބާވަތެކެވެ. ކަނޑުގައިވާ ދިރުންތަކުގެ ތެރެއިން އެންމެ ބޮޑެތި މަހުގެ ވައްތަރުތަކުގެ ތެރޭގައި ފެހުރިހި ހިމެނެ އެވެ. ފެހުރިހި 12 މީޓަރަށް ބޮޑުވާއިރު، މިއީ އިންސާނުންނަށް ނުރައްކާތެރި އެއްޗަކަށް ނުވާތީ ފަތުރުވެރިންނާއި، ޑައިވަރުންގެ މެދުގައި ފެހުރިހި ވަރަށް މަގުބޫލެވެ. އަދި މިއީ އިސްނާނުންނާ ވަރަށް ރަހުމަތްތެރި، ވިސްނުންވެސް ރަނގަޅު ދިރުމެކެވެ.

ރާއްޖޭގައި ފެހުރިއްސަކީ ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. ފެހުރިހި ހިފުމާއި، މެރުމާއި، ނެގުމަކީ މަނާ ކަމެކެވެ. އެއީ ފެހުރިއްސަކީ މަދުން އުޅޭ ބާވަތަކަށްވެފައި ފެހުރިހި ދުނިޔެއިން ނެތިގެން ހިގައިދާނެ ކަމުގެ ބިރު ހީވެގެނެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓްގައި ފެހުރިހީގެ މުހިންމު ދައުރެއް އަދާ ކޮށްދޭތީ ވެސް މެއެވެ. ރާއްޖެ އަންނަ ފަތުރުވެރިން އެންމެ ބޮަޑަށް ބަލަން ބޭނުންވަނީ ކަނޑު އަޑީގެ މަންޒަރުތަކެވެ. މަސްމަހާ މެހީގެ އުފާވެރި ދިރިއުޅުމެވެ. އޭގެ ތެރެއިން އެންމެ ގާތީ ފެހުރިއްސެވެ.