ސިއްހަތު

އެންމެ ގިނަ ދިވެހިން މަރުވަނީ ހިތާއި ލޭނާރުގެ ބަލީގައި!

ރާއްޖޭގެ އާބާދީން ކޮންމެ އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 84 ޕަސެންޓަކީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ޝިކާރައަށްވާ މީހުންކަމަށާއި އޭގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ ހިތާއި ލޭ ނާރުގެ ބަލިތައް ކަމަށް ތަފާސް ހިސާބު ބުނެދީފި އެވެ.

ދުނިޔޭގެ ހިތުގެ ދުވަހާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުގައި ބުނެފައިވާ ގޮތުގައި ރާއްޖެއިން ކޮންމެ އަހަރު މަރުވާ މީހުންގެ ގާތްގަނޑަކަށް 84 ޕެންޓަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ޝިކާރައަށްވާ މީހުނެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ ހިތާއި ލޭ ނާރުގެ ބަލިތަކެވެ.

މަރުވާ މީހުން 17 ޕަސެންޓް ކެންސަރުބަލި ހިއްސާކުރެ އެވެ. ނޭވާލާ ނިޒާމުގެ ބަލިތައް ހިއްސާކުރަނީ ނުވަ ޕަސެންޓެވެ. މިފަދަ ބަލިތަކަށް ހުށަހެޅޭ ސަބަބުތަކަށް ބަލާއިރު، 42 ޕަސެންޓް ފިރިހެނުން އަދި ތިން ޕަސެންޓް އަންހެނުން، ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ.

މީގެ އިތުރުން 59 ޕަސެންޓް ފިރިހެނުން އަދި 88 ޕަސެންޓް އަންހެނުންނަކީ އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ކަސްރަތު ނުކުރާ މީހުނެވެ. އަދި 49 ޕަސެންޓް ފިރިހެނުންނާއި 60 ޕަސެންޓް އަންހެނުންނަކީ އިސްކޮޅާ އަޅާކިޔާއިރު ހުންނަންވާ ވަރަށްވުރެ ބަރުދަން އިތުރު މީހުންނެވެ.

ގައިންގަޔަށް ނާރާ ބަލިތައް ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިގެންޖެހޭ ބަލިތަކުން ރައްކާތެރިވުމަށާއި މިފަދަ ބަލިތައް ޖެހޭ މިންވަރު މަދު ކުރުމަށްޓަކައި ދުނިޔޭގެ ފެންވަރުގަ އާއި ސަރަޙައްދީ އަދި ގައުމީ ފެންވަރުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލު ކުރަން ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރެ އެވެ.

ގައިންގަޔަން ނާރާ ބަލިތަކުގެ ތެރޭގައި ނިސްބަތުން އެންމެ ގިނައީ ހިތުގެ ބައްޔެވެ. ގައިންގަޔަން ނާރާ ބަލިތަކުން މީހުން ރައްކާތެރިކޮށް، ރާއްޖޭގައި މިފަދަ ބަލިތައް ޖެހޭ މިންވަރު މަދުކުރުމުގެ މަގުސަދުގައި "25 އަށް 25" ގެ ނަމުގައި މި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިސްނަގައިގެން 2018 އިން ފެށިގެން ގައުމީ ކެމްޕެއިނެއް ހިންގަ އެވެ.

ކޮންމެ އަހަރެއްގެ މަހުގެ 29 ވަނަ ދުވަސް ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރެ އެވެ. އިއްޔެ ރާއްޖޭގައި ވެސް ހިތުގެ ދުވަސް ފާހަގަކުރި އެވެ.