ފަނޑިޔާރުން ކޯޓަށް ހާޒިރުވުމުގައި ގަޑި ޖެހޭނަމަ ސުލޫކީ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވާ ގޮތަށް ފަނޑިޔާރުން ސަލާމް ބުނުމާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލު ކުރާނެ އުސޫލެއް އެކުލަވާލައިފި އެވެ.
ޖޭއެސްސީ އިން ވަނީ ފަނޑިޔާރުން ސަލާމް ބުނުމާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލު ކުރާނެ އާ އުސޫލެއް ޑްރާފްޓުކޮށް، ފަނޑިޔާރުންގެ ޖަމިއްޔާގެ ލަފާ ހޯދަން އެ ޖަމިއްޔާއަށް ފޮނުވާފަ އެވެ. އެ އުސޫލުގައިވާ ގޮތުން ކޯޓުތަކުގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 އަކުން މެނދުރު ފަހު 2:00 އަކަށެވެ. އަދި ފަނޑިޔާރުންގެ ރަސްމީ މަސައްކަތު ގަޑިއަކީ 8:30 އިން މެންދުރު ފަހު 2:00 އަކަށެވެ.
ފަނޑިޔާރުން ކޯޓަށް ހާޒިރުވުމުގައި މަހެއްގެ ތެރޭގައި 15 ދުވަހު ގަޑި ޖެހުމުން ނުވަތަ ތިން ދުވަހު ހާޒިރު ނުވެއްޖެ ނަމަ އެއީ ފަނޑިޔާރުންގެ އަހުލާގީ މައްސަލައެއް ގޮތުގައި ބެލޭނެ ސަބަބެއް ކަމަށް އުސޫލުގައި ބުނެފައިވެ އެވެ. އަދި އަހަރު ދުވަހުގެ ތެރޭގައި 180 ދުވަހު ގަޑި ޖެހި، ނުވަތަ 36 އަށް ވުރެ ގިނަ ދުވަހު ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލައި ފިޔަވަޅު އަޅަން ޖޭއެސްސީއަށް ފޮނުވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ އުސޫލުގައި ބުނެފައި ވަނީ ދިމާވާ ގުދުރަތީ ކަމެއްގެ ސަބަބުން ފަނޑިޔާރަކު ކޯޓަށް ހާޒިރު ނުވެވޭ ގޮތް މެދުވެރިވެއްޖެ ނަމަ ނުވަތަ ހާޒިރުވާން ޖެހޭ ގަޑީގެ 30 މިނެޓު ކުރިން މޫސުން ގޯސްވެ ވާރޭވެހިގެންނާއި ދަތުރު ނުކުރެވޭ ވަރަށް ކަނޑު ގަދަވެގެން ކޯޓަށް ހާޒިރު ނުވެވިއްޖެ ނަމަ ގަޑިއެއް ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެފަދަ ދުވަސްތަކުގައި މޫސުމާ ބެހޭ އިދާރާއިން ރިޕޯޓެއް ހޯދުމަށް ފަހު ގަޑި ޖެހޭނެ ގަޑިއެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.