ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވަން ނުކެރޭނެ: އަބްދުއްރަހީމް

މާފަންނު، ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވަން ސަރުކާރަށް ނުކެރޭނެ ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމުގެ ވައުދާއެކު، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހު ރައީސް ޔާމީންގެ ވެރިކަން ބަދަލުވިއިރު، ހޮސްޕިޓަލް އިމާރާތުގެ މުހިންމު ހުރިހާ މަސައްކަތެއް ވަނީ ނިންމާ އެވެ. ނަމަވެސް ނޮވެންބަރު 17 ވަނަ ދުވަހު ވެރިކަން ބަދަލުވީއިރު، ހުޅުވޭވަރަށް ހޮސްޕިޓަލްގެ ހުރިހ މަސައްކަތް ނިމިފައެއް ނުވެއެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ހިންގަމުންދިޔަ ބައެއް ޑިޕާޓްމަންޓްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް އެ ހޮސްޕިޓަލްގައި މިހާރު ދަނީ ބައެއް ޚިދުމަތްތައް ދެމުންނެވެ. ނަމަވެސް އަދިވެސް އެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވާފައެއް ނުވެއެވެ.

އަބްދުއްރަހީމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވަން މި ސަރުކާރަށް ނުކެރޭނެ ކަމަށެވެ.

"ހުޅުވަން ބާއްވާ ޖަލްސާގައި ކީކޭ ކިޔާނީ. އެހެންވެ ބަހަނާ ދައްކަނީ،" އަބްދުއްރަހީީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިންގެ ވާހަކަފުޅުތަކުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ނަން ބޭނުން ނުކޮށް، އެއީ އައިޖީއެމްގެ ބައެއް ކަމަށް ނުވަތަ އައިޖީއެމްއެޗްގެ އާ އިމާރާތުގެ ބައެއް ކަމަށް ވިދާޅުވަމުން ގެންދަވާތީ އެކަމަށް ވެސް އަބްދުއްރަހީމް ވަނީ ފާޑުވިދާޅުވެފައެވެ. -- ދަރުމަވަންތަ ހޮސްޕިޓަލްގެ ބަދަލުގައި އައިޖީއެމްއެޗުން ބޭނުން ކުރަނީ "އައިޖީއެމްއެޗްގެ ދަރަމަވަންތަ ކޮމްޕެކްސް" އެ ނަމަވެ.

"އެއީ އައިޖީއެމްއެޗުގެ ބައެކޭ ބުނުމުގެ ބަދަލުގައި އަވައްޓެރި ގައުމެއްގެ ބައެކޭ ބުނިނަމަ މާ ރަނގަޅުވީހެއްނު!"

ހުޅުވަން ބާއްވާ ޖަލްސާގައި ކީކޭ ކިޔާނީ. އެހެންވެ ބަހަނާ ދައްކަނީ. އެހެންޏާ ފަހެ! އެއީ އައިޖީއެމްއެޗުގެ ބައެކޭ ބުނުމުގެ ބަދަލުގައި އަވައްޓެރި ގައުމެއްގެ ބައެކޭ ބުނިނަމަ މާ ރަނގަޅުވީހެއްނު
އަބްދުއްރަހީމް އަބްދުﷲ | ކޮންގްރެސް ޕާޓީގެ ރައީސް

އައިޖީއެމްއެޗުގެ ބައެއް ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައި ވަނީ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ. އެގޮތުން ފިޒިއޮތެރަޕީ ޑިޕާޓްމެންޓާއި އޯޕީޑީ އާއި އެކްސްރޭ އާއި ސްޕޯޓްސް ތެރަޕީ އާއި ކަރުންމައްޗާއި ލޮލުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓާއި ދަތުގެ ފަރުވާގެ ކަންކަން ވަނީ ބަދަލު ކޮށްފަ އެވެ.

ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަންއާ ހަވާލު ކޮށްގެން 140 މިލިއަނަށްވުރެ ގިނަ ޑޮލަރަށް އަޅާފައިވާ ދަރުމަންތަ ހޮސްޕިޓަލް އިމާރާތްކުރި އަގާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައި ވެއެވެ.