ސައުދީ އަަރަބިއްޔާ

ހާޝުގުޖީ މަރަން އަމުރެއް ނުކުރަން: މުހައްމަދު

ސައުދީއަރަބިއްޔާގެ ރަސްކަމަށް ފާޑު ކިޔައި އެމެރިކާގެ ވޮޝިޓަން ޕޯސްޓޫ ނޫހުގައި ލިޔަމުން ދިޔަ ސައުދީގެ ނޫސްވެރިޔާ ޖަމާލު ހާޝުގްޖީ މަރަން އަމުރު ކޮށްފައި ނުވާނެ ކަމަށް ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ޓީވީ ސްޓޭޝަނެއް ކަމަށްވާ ސީބީއެސްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު ވިދާޅުވީ، ހާޝުގުޖީ މަރާލުމުގައި އޭނާގެ އަތެއްވާ ކަމަށް ގައުމުތަކުން ކުރާ ތުހުމަތުގައި އެއްވެސް ބުރަ ދަނެއް ނެތް ކަމަށެވެ. އަދި އެކަން ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ވެސް ނޯންނާނެ ކަމަށެވެ. އެ ޕްރޮގްރާމްގައި ހާޝުގުޖީ މަރާލުމަށް އަމުރު ކުރިކަމަށް ކުރާ ތުހުމަތު މުހައްމަދު ވަނީ ތަކުރާރުކޮށް ދޮގު ކުރައްވާފަ އެވެ.

އިތުރަށް މުހައްމަދު ވިދާޅުވީ، އެހެން އޮތް ނަމަވެސް ހާޝުގުޖީ މަރާލަން ބަޔަކު ރޭވި ޕްލޭން، ކާމިޔާބުވީ އޭނާ ބައްލަވަންޖެހޭ ވަރަށް ނުބެއްލެވި އޮތުމުބން ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އޭގެ ފުރިހަމަ ޒިންމާ ނަންގަވާ ކަމަށެވެ. ހާޝުގުޖީ މަރާލުގައި ބައިވެރިވި ސައުދީގެ ޓީމު މަސައްކަތް ކުރަނީ މުހައްމަދުގެ ބެލުމުގައި ދަށުގައި ހުންނަ އިދާރާތަކެއްގަ އެވެ.

ހާޝުގުޖީ މަރާއި ގުޅިގެން ފުރަތަމަ ފަހަރަށް މުހައްމަދު ވާހަކަފުޅު ދެއްކެވީ އެމެރިކާގެ ޕީބީއެސް އިން ހާޝުގްޖީގެ މަރާއި ބެހޭގޮތުން ގެނެސްދިން ޑޮކިއުމެންޓްރީއަކަށް ދެއްވި އިންޓަވިއެއްގަ އެވެ.

މުހައްމަދު ވިދާޅުވެފައިވަނީ، ސައުދީގައި 20 މިލިއަނުގެ އާބާދީއެއް އުޅެމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން ތިން މިލިއަން މީހުންނަކީ ސަރުކާރު މުވައްޒަފުން ކަމަށްވުމުން، އެންމެންގެ ކަންތައް އެކަނި ނުބެލެހެއްޓޭނެތީ ކަންކަން ރާވާ އިންތިޒާމު ކުރުމަށް މިނިސްޓަރުން އައްޔަން ކޮށްފައިވާ ކަމަށެވެ.

ރޮއިޓާސްށް ދިން އިންޓަވިއެއްގައި މުހައްމަދު ވިދާޅުވެފައިވަނީ ވިދާޅުވީ، ހާޝުގުޖީ މަރާލި ޓީމު ތުރުކީއަށް ދިޔައީ ސައުދީ ސަރުކާރުގެ ޖެޓެއްގައި ކަން އޭނާއަށް އެނގުނީ މީޑިއާގެ ޒަރިއްޔާއިން ކަމަށެވެ. އަދި އޭނާއަކީ އެއްވެސް ބަޔަކަށް ޖެޓް ދޫކުރާ މީހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ، މަރުގެ މައްސަލައިގައި ހިމެނޭ ޓީމު ތުރުކީއަށް ދިޔުމަށް ޖެޓް ދޫކުރަނީ އެކަމާ ގުޅޭ މިނިސްޓްރީން ކަމަށްވުމުން އޭނާއަށް ހާޝުގުޖީ މަރާލި އޮޕަރޭޝަން ކުރިއަށް ގެންދިޔަކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.