ކެމިކަލް ގުދަނުގައި ރޯވުން

އަލިފާނުގެ ހާދިސާ: 786 މީހަކު ވަގުތީ އެހީތެރިކަމަށް އެދުނު

ހެންވޭރު، އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން 786 މީހަކު، ވަގުތީ އެހީތެރި ކަމަށް އެދުނު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އަލިފާނުގެ ބޮޑު ހާދިސާއާއި ގުޅިގެން ދައުލަތުގެ އެހީތެރި ކަމަށް އެދުނު މީހުންގެ ތަފުސީލް އެންޑީއެމްއޭއިން މިއަދު ވަނީ އާންމު ކޮށްފަ އެވެ.

ތަފުސީލް ކަރުދާހުގައިވާ ގޮތުން މި މަހުގެ 20 ވަނަ ދުވަހު ހިނގައިދިޔަ އަލިފާނުގެ އެ ހާދިސާއާއި ގުޅިގެން 786 މީހަކު ވަނީ ވަގުތީ އެހީތެރިކަމަށް އެދުނެވެ. އޭގެ ތެރޭގައި ހިމެނެނީ 450 ފިރިހެނުންނާއި 336 އަންހެނުންނެވެ.

އަދި އެ މީހުންގެ ތެރޭގައި ދިވެހިންނާއި، ހަ ގައުކަމަށް ނިސްބަތްވާ މީހުން ވެސް ހިމެނެއެވެ.

އެންޑީއެމްއޭގެ ހިސާބު ދައްކާގޮތުން 636 ދިވެއްސަކު ވަގުތީ އެހީތެރި ކަމަށް އެދުނު އިރު އަދި ބަނގްލަދޭޝްގެ 104 މީހަކާ، އިންޑިއާގެ 19 މީހެއްގެ އިތުރަށް ނޭޕާލްގެ 16 މީހަކު އެހީއަށް އެދުނެވެ. މީގެ އިތުރުން ފިލިޕީންސްގެ ހަ މީހަކާއި ސްރީލަންކާގެ ހަތަރު މީހަކާއެކު މިސްރު މީހަކުވެސް ވަނީ ވަގުތީ އެހީތެރި ކަމަށް އެދިފައި ވެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅުން ނެތް ބިދޭސީންތަކެއް ވަގުތީ އެހީތެރިކަން ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށް މީގެ ކުރިން އެންޑީއެމްއޭއިން ވަނީ ބުނެފަ އެވެ.

އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ކެމިކަލް ރައްކާ ކޮށްފައިވާ ހުރި ގުދަންތަކެއް ވަނީ އަނދާ ހުލިވެފަ އެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ބައެއް އިމާރާތްތައް ވެސް ހިމެނުނު އިރު އެ ހާދިސާގައި އުމުރުން 46 އަހަރުގެ އަންހެނަކު ވަނީ މަރުވެފަ އެވެ. އަދި 400 ވުރެ ގިނަ މީހުންނަށް ސަރުކާރުން ވަގުތީ ހިޔާ ހޯދައި ދިނެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު އަދި އެންމެ ގިނަ ގެއްލުން ވެސް ލިބުނު ހާދިސާ އެވެ. އޭގެ ކުރީގެ އެފަދަ ދެ ހާދިސާއަކީ މޯރީ ގަރާޖާއި ކޯސްޓްލައިން އަލިފާނެވެ.