ޓެކްސީގެ ހިދުމަތް

މާލޭގައި ޓެކްސީތަކަށް ގެއްލުން ދެނީ

މާލޭގައި ޕާކުކޮށްފައި އޮންނަ ޓެކްސީތަކަށް ގެއްލުން ދެމުންދާ ކަމަށް ދިވެހި ޑްރައިވަރުންގެ ޖަމިއްޔާއިން ބުނެފި އެވެ.

އެ ޖަމިއްޔާއިން ބުނީ މިދިޔަ ހަފުތާއިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކުކޮށްފައިވާ ޓެކްސީތަކަށް ވަރަށް ބޮޑެެތި ގެއްލުންތައް ދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން ޓެކްސީތަކުގެ ބިއްލޫރިގަނޑު ތަޅާލުމާއި، ދޮރުފަތްތައް ހަލާކު ކޮށްލުން ފަދަ ގެއްލުންތައް ހިމެނޭ ކަމަށެވެ.

ޓެކްސީތަކަށް ގެއްލުން ދިނުމަށްފަހު، ޓެކްސީ ބޯޑާއި އޭގެ ސެޓްފަދަ ތަކެތި ވަގަށް ނަގާ ކަމަށް ވެސް ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ މިއީ ސީދާ ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށް ހިންގާ ކަމެއް ކަމަށް ތުހުމަތުވާ ކަމަށެވެ.

ޑްރައިވަރުންގެ ޖަމިއްޔާއިން ވަނީ ޓެކްސީތަކަށް ދޭ އެ ގެއްލުންތައް ކުށްވެރިކޮށް ސީރިއަސް މައްސއެއްގެ ގޮތުގައި ބަލާ، އެކަން ކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންދަން ގޮވާލާފަ އެވެ.

ފުލުހުން ބުނީ ޕާކު ކޮށްފައިވާ ހަތަރުފުރޮޅު ލީ ވެހިކަލްތަކަށް ގެއްލުންދީފައިވާ މައްސަލަތައް ވަރަށް ގިނައިން ރިޕޯޓް ކުރަމުންދާ ކަމަށާއި އަމިއްލަ މީހުންގެ ކާރުތަކަށްވެސް ބޮޑެތި ގެއްލުންތައް ދީ އެ ވެހިކަލްތަކުން ވައްކަން ކުރާ މައްސަލަތައް ހުށައަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލަތައް މިހާރު ބަލައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރާ ކަމަށް ވެސް ބުންޏެވެ. އޭގެ ތަފުސީލެއް ނުދެވެ.