ގެއްލުން ދިނުން

އަނެއްކާވެސް އަންހެން ޑްރައިވަރުގެ ޓެކްސީއަށް ގެއްލުން

މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އާމިނަތު ވަހީދާގެ ކާރަށް ގެއްލުން ވެއްޖެ އެވެ.

މިރޭ ހިނގި އެ ހާދިސާގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުގެ ފަހަތު ބިއްލޫރިގަނޑު ވަނީ ވަރަށް ބޮޑަށް ތަަޅައިގެން ގޮސްފަ އެވެ.

ފުލުހުން ބުނި ގޮތުގައި ވަހީދާގެ ޓެކްސީ، ހެންވޭރު އަބަދަށް އުފާ މަގުން ދުއްވާފައި ދަނިކޮށް މަތިން ހިލަގަނޑެއް ވެއްޓި ކާރުގެ ފަހަތު ބިއްލޫރިގަނޑު ތަޅައިގެންގޮސްފައިވާ ކަމަށާއި މަތިން ވެއްޓިފައި ވަނީ މަސް ޓޭންކަށް ލާން ބޭނުން ކުރާ ފާޑުގެ ހިލަގަނޑެއް ކަމަށެވެ.

ފުލުހުން މި މައްސަލަ ބަލަމުން ގެންދާއިރު މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް މި ހާދިސާ ހިނގިި އިރު ޓެކްސީގައި ދަތުރަކަށް އަރާތިބި އަންހެނަކާ ކުޑަކުއްޖަކު ތިއްބެވެ.

ވަހީދާގެ ޓެކްސީ ކުރަން ފެށީ 2017 ވަނަ އަހަރެވެ. މީގެ ކުރިން ވެސް އޭނާގެ ޓެކްސީއަށް ގެއްލުން ދީފައިވެ އެވެ.