ބޮރިސް ޖޯންސަން

ބޮރިސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަނީ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ މަސައްކަތް އެ ގައުމުގެ ޕާލަމެންޓްގެ މެމްބަރުން ފަށައިފި އެވެ. މެމްބަރުން ބޮރިސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ނިންމީ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަށް ދީފައިވާ މުއްދަތު އިތުރު ކުރުމުގެ ބޭނުމުގަ އެވެ.

އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސވިލާތް އީޔޫން ވަކިވުމާއި ގޮތެއް ނިންމަން ޖެހެ އެވެ. ބޮރިސް ބޭނުންވަނީ އީޔޫ އާއެކު އެއްބަސްވުމަކަށް ނުގޮސް އީޔޫން ވަކިވާށެވެ. ނަމަވެސް މަޖިލިސް މެމްބަރުން ބޭނުން ވަނީ އެއްބަސްވުމަކާއެކު އީޔޫން ވަކިވާށެވެ. އިނގިރޭސވިވިލާތުގައި އަވަސް އިންތިހާބެއް ބޭއްވުމަށް އެދި މަޖިލީހަށް ބޮރިސް ދެ ފަހަރެއްގެ މަތިން އެދުމުން ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. ބޮރިސްއަށް މިހާރު ވަނީ މަޖިލީހުގެ މެޖޯރިޓީ ވެސް ގެއްލިފަ އެވެ. އަވަސް އިންތިހާބެއް ބާއްވަން ބޮރިސް ބޭނުންފުޅުވަނީ ގެއްލިފައިވާ މަޖިލީހުގެ މެޖޯރިޓީ އަލުން ހޯއްދަވައި އެއްބަސްވުމަކާ ނުލައި އީޔޫން ވަކިވުމުގެ ކަންތައް އަވަސް ކުރުމަށެވެ.

އިދިކޮޅު ސްކޮޓިޝް ނޭޝަނަލް ޕާޓީގެ މެމްބަރު ސްޓިއުވާޓް ހޮސީ ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބޮރިސްއަށް އިތުބާރު ނެތްކަމަށް ގިނަ މެމްބަރުން ގަބޫލު ކުރައްވާ އެވާހަކަ ދައްކަ ވައެވެ. އަދި މިހާރު ގިނަ މެމްބަރުން މަސައްކަތް ކުރައްވަނީ ބޮރިސްގެ އިތުބާރު ނެތް ކަމަށް ވޯޓެއް އަން ހަފުތާގައި ނަގައި މަގާމުން ވަކިކުރާށެވެ.

ބޮރިސް މަގާމުން ވަކިކުރުމަށްފަހު ބޮޑު ވަޒީރު ކަމުގެ މަގާމަށް ވަގުތީ ބޭފުޅަކު ގެންނާނެ އެވެ. އެއީ ކޮން ބޭފުޅެއް ކަމަށް ސްޓިއުވާޓް ވިދާޅެއް ނުވެ އެވެ. ނަމަވެސް ލަފާ ކުރެވެނީ އެ ބޭފުޅަކަށް ވާނީ ލޭބާ ޕާޓީގެ ލީޑާ ޖެރެމީ ކޯބީން ކަމަށެވެ.

ބޮޑުވަޒީރު ކަމުން ބޮރިސް ވަކިކުރަން އިދިކޮޅުން މަސައްކަތް ކުރާއިރު، ލަންޑަނުގެ މޭޔަރުގެ މަގާމުގައި ބޮރިސް ހުންނެވި އިރު ބޮޑެތި ކޮރަޕްޝަންތަކެއް ހިންގެވި ކަމަށް ވެސް ވަނީ ތުހުމަތުވެފަ އެވެ. އިނގިރޭސިވިލާތުގެ ފުލުހުން ދަނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންނެވެ. ލަންޑަންގެ މިހާރުގެ މޭޔަރު ސޯދިގް ހާން، ބޮރިސްއަށް ކުރެވޭ އެ ތުހުމަތުތަކާ ގުޅިގެން ވިދާޅުވީ، ބޮރިސް ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމުގެ އެއްވެސް ހެއްކެއް އަދި އޮފީސް ތެރެއިން ލިބިފައިވާ ނުވާ ކަމަށެވެ.