ދުނިޔެ

ހޫތީގެ ބެލުމުގެ ދަށުގައި ތިބި 350 ގައިދީއަކު މިނިވަންކޮށްފި

ހޫތީ ޖަމާއަތުން އެމީހުންގެ ބެލުމުގެ ދަށުގައި ތިބި 350 ގައިދީއަކު އެއްވެސް ޝަރުތަކާނުލާ މިނިވަންކޮށްފި އެވެ. ހޫތީ ޖަމާއަތުން މިހާ ގިނަ އަދަދެއްގެ ކުށްވެރިން މިނިވަން ކޮށްފައިވަނީ ސައުދީއަރަބިއްޔާގެ 2000 ސިފައިން ހޫތީންގެ ބެލުމުގެ ދަށައް ގެނެސްފައި ވަނިކޮށެވެ.

ހޫތީ ޖަމާއަތުގެ ނޭޝަނަލް ކޮމިޓީ ފޯ ޕްރިޒަނާސް އެފެއާސް (އެންސީޕީއޭ) އިން ބުނީ ކުށްވެރިން މިނިވަންކުރަން ކުރީ، ސްވިޑެންގެ ވެރިރަށް ސްޓޮކްހޮލްމްގައި ކުރިއަށް ދިޔަ އެކްސްޖޭންޖް އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. މި އެއްބަސްވުމުގެ މަޝްވަރާތަށް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

އެންސީޕީއޭގެ ހެޑް އަބްދުލް ގަދާރް އަލް މުރުތާދާ ވިދާޅުވީ، ކުށްވެރިން މިނިވަން ކުރިއަސް އެއްބަސްވުމުގެ ދަށުން ހޫތީ ޖަމާއަތަށް ލިބިދޭން ޖެހޭ ފައިދާ އަދި ސުވިޑެންގެ ފަރާތުން ލިބިފައި ނުވާ ކަމަށެވެ. އދއިން ލަފާކުރާ ގޮތުގައި ހޫތީ ޖަމާއަތުގެ ބެލުމުގެ ދަށުގައި 7،000 ކުށްވެރިން އެބަތިއްބެވެ. އަދި އެއީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އދއިން ވަނީ ބުނެފަ އެވެ.

މިނިވަންކުރި ކުށްވެރިންގެ ތެރޭގައި ހިމެނެނީ، ސައުދީ އިސްވެ ހޫތީ ޖަމާއަތާ ހަނގުރާމަ ކުރުމަށް އުފެއްދި ކޯލިޝަންގައި ހިމެނޭ ޔޫއޭއީގެ ސިފައިންނާއި، ސައުދީގެ ތިން ސިފައިންގެ މީހުންގެ އިތުރުން އެހެނިހެން ގޮތްގޮތުން ހޫތީ ޖަމާއަތަށް އަމާޒުކޮށްގެން ހަމަލާ ދިން މީހުންނެވެ.

ސްވިޑެންއާއެކު ހޫތީ ޖަމާއަތުން ވެފައިވާ އެއްބަސްވުމުގެ މައުލޫމާތު އަބްދުލް ގަދާރް އަލް މުރުތާދާ ހާމަ ނުކުރައްވަ އެވެ. އަދި ސުވިޑެން ސަރުކާރުން ވެސް މިކަމާ ރަސްމީކޮށް ބަހެއް ނުބުނެ އެވެ. މިނިވަންކުރި ހުރިހާ ގައިދީން އެމީހުންގެ ގައުމުތަކަށް ފޮނުވަން ހަމަޖެހިފައިވަނީ ރެޑް ކްރެސެންޓް އެހީގަ އެވެ.