ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ޓެރަރިޒަމްގެ ގާނޫނުގެ އިސްލާހުތައް އުވާލާނަން: އިދިކޮޅު

ޓެރަރިޒަމްގެ ގާނޫނަށް މިއަދު ގެނައި އިސްލާހުތައް، ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އުވާލާނެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި ވަނިކޮށް، ދައުރުން ބޭރުން ދެ ޖަލްސާއަށް ފަހު، މިއަދު ބޭއްވި ތިންވަނަ ޖަލްސާގައި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިއަދު ވަނީ ފާސްކޮށްފައެވެ. އެ ބިލް ފާސްކޮށްފައިވަނީ އިދިކޮޅު ޕާޓީތަކާއި، ބައެއް ދީނީ އިލްމުވެރިންވެސް އެ އިސްލާހުތަކާމެދު ކަންބޮޑުވުން ފާޅު ކުރަމުންދަނިކޮށެވެ.

ޝުޖާއު ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކަކީ ދީނީ އިލްމުވެރިންނާ، ސިޔާސީ ބޭފުޅުންގެ ދުވަސް ދުއްވާލުމަށް ސަރުކާރުގެ މަކަރުވެރި ރޭވުމެއްގެ ދަށުން ގެނެވުނު އިސްލާހުތަކެއްކަމަށެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގަައި ތިޔަ އިސްލާހުތައް ބާތިލުކުރާނަން." ޝުޖާއު ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށައެޅުމުން އެއީ ނުރައްކާތެރި "ރަނގަބީލެއް"ގެ އަޑުކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ވިދާޅުވެފައެވެ. އަދި އެ ގާނޫނުގެ ބޭނުންކޮށް ސިޔާސީ ލީޑަރުންނާއި، ދީނީ އިލްމުވެރިންނަށް އަނިޔާދިނުމުގެ ފުރުސަތު އެބައޮތްކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ސަބަބުން ދީނީ އިލްމުވެރިން ޓެރަރިސްޓުންނަށް ހެދުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ ވިދާޅުވެފައެވެ.