އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރަން "ތަޅާ ފޮޅުން" ނިމިއްޖެ ކަމަށާއި އެ ތަޅާފޮޅުމުގައި މޮޅުވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ބައްސާމް އަދީލް ޖަލީލް އާއެކު މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ބައްދަލު ވުމުގައި، މިނިސްޓަރު މަހުލޫފް ވިދާޅުވީ އެފްއޭއެމް މަސައްކަތްތަކަށް ދެން ދެއްވާނީ އެއްބާރުލެއްވުން ކަމަށެވެ.
"ކުރީގައި އެފްއޭއެމް ބަދަލު ކުރުމާއި ބައްސާމް ބަދަލު ކުރަން ކުރި މަސައްކަތް މިހާރު ނިމިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ. "ތަޅާ ފޮޅާ ނިމުނީ، މޮޅުވީ އެފްއޭއެމް... ބައްސާމް، އެކުރި ގޮތަކަށް ކޮށްގެން ބައްސާމް އެހުންނެވީ އެ މަގާމުގައި، އަޅުގަނޑު މިއިނީ މިނިސްޓަރަކަށް އަޅުގަނޑަކަށް [މި މަގާމުގައި ހުރެގެން] ނޯންނާނެ ބައްސާމް ފެނުނީމަ އެހެން ފަރާތަކަށް އެނބުރިގެން އިނދެވޭކަށް،"
އަންނަ އަހަރު ނޮވްމެބަރު 20 ގައި، ބައްސާމްގެ ދައުރު ހަމަވާނެ އެވެ. އަންނަ އަހަރު ބާއްވާ އިންތިހާބުގައި ކޮންމެ ބޭފުޅަކު ވަޑައިގެންނެވި ނަމަވެސް އެބޭފުޅަކާއެކު ވެސް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ ބައްސާމާ އޮންނަ މައްސަލައަކުން ރާއްޖޭގެ ފުޓްބޯޅައަށް ކޮށްދޭން ޖެހޭ ކަންކަން ނުކޮށްދީ ހުންނެވުމަކީ އެއްވެސް ފަރާތަކުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
"އެއަށް ވުރެ މި ގައުމު ބޮޑު، އަޅުގަނޑުގެ އީގޯއަށް ވުރެ ކިހިނެއް ގައުމު ކުޑަ ކޮށްލައިގެން ހުންނާނީ، އެހެނެއް ނުވާނެ ދެއްތޯ،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެންވެ [ފުޓްބޯޅަ] އަށް ދޭން ޖެހޭ އެއްބާރުލުން ދިނުމުގެ ގޮތުން އަޅުގަނޑުމެން ވެސް މަސައްކަތް މި ކުރަނީ."
އެފްއޭއެމްގެ އިމާރާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީގެ އޮފީހެއް ހިންގެވި ކަމަށާއި އެފްއޭއެމްގެ ތެރެއިން ކަޅު ފައިސާގެ ދަބަސްތައް ނެރުނުކަ ކަމަށް މަހްލޫފާއި އާއި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ކުރިން ވިދާޅުވެފަ އެވެ. އެކަންކަން ފާހަގަކޮށް އޭރު އެފްއޭއެމް ބަދަލު ކުރަން ޖެހޭ ކަމަށް މަހްލޫފު ވެސް ވިދާޅުވި އެވެ. އެކަމަކު މިއަދު މިނިސްޓަރު ވިދާޅުވީ އޭރު އެކަންކަން ފާހަގަކޮށް އެފްއޭއެމް ބަދަލު ކުރަން ވާހަކަ ދެއްކީ ކުލަބުތަކުން އެދިމާލަށް ދިއުމުން ކަމަށެވެ.
"އެތާންގައި އެ އޮފީސް އިނޭ، އެ ހަގީގަތް މިއަދު ބަދަލެއް ނުވާނެ ނޫންތޯ، ނަމަވެސް އެ ހުރިހާ ވާހަކަ އެއް ދައްކައިގެން ވެސް ކުލަބުތަކަށް ކޮންވިސެއް ނުވިތާ އެފްއޭއެމް ބަދަލު ކުރަން ޖެހޭ ކަމަކަށް،" މިނިސްޓަރު ވިދާޅުވި އެވެ. "ދެން މިއަދު އަޅުގަނޑުމެން ކިހިނެއްހޭ އެކަމާ ހެދިއޭ ކިޔާފައި އަޅުގަނޑަކަށް ނުދެވޭނެ އެފްއޭއެމްއާ ވާހަކަ ނުދައްކައެއް."
މަހްލޫފް ވިދާޅުވީ އެފްއޭއެމަށް އެއްބާރުލުން ނުދޭނެ ކަމަށް ނިންމަވައިގެން ހުރެ ކުރިއަށް ވަޑައިގެންފިނަމަ ޗައިނާ އާ ދެކޮޅަށް ރާއްޖޭގެ ހޯމް މެޗު ކުޅެން ޖެހުނީހީ ޗައިނާގައި ކަމަށެވެ.
"ދަނޑުގެ ލައިޓިން އަޅުގަނޑުމެން ނުހެދިނަމަ އެ މެޗު ކުޅެން ޖެހޭނީ ޗައިނާގައި، ދެން އަޅުގަނޑު އިންނަވީތޯ އެކަން ނުކޮށް،" ސުވާލު އުފައްދަވައި މިނިސްޓަރު ވިދާޅުވި އެވެ. "[މިސާލަކަށް] އަޅުގަނޑު ނޭނގޭ ކަމަށް ހަދާފައި އިންނާނީ، އޭރުން ދަނޑެއް ނުދިއްލޭނެ، މެޗު ކުޅޭނީ ޗައިނާގައި."
"މިއަދުވެސް އަޅުގަނޑު މި އެޕްރޫވް ކޮށްދިނީ އުމުރު ފުރާތަކުގެ ގައުމީ ޓީމު މުބާރާތަށް ދާން ޓިކެޓްގެ ހުރިހާ ކަމެއް، އެތައް މިލިއަން ރުފިޔާއެއްގެ ވާހަކަ މިދައްކަނީ، ހަމަ އަޅުގަނޑަށް އިނދެވޭނެ އެކަން ނުކޮށް، އެކަން ނުކުރީމަ މާދަމާ ބައްސާމް ވިދާޅުވާނެ މިނިސްޓްރީން އެކަން ނުކުރީމަ ނުދެވުނީއޭ، ރައްޔިތުން ބުނާނެ މަހްލޫފްއާ ހެދި ގައުމީ ޓީމަށްވެސް ނުދެވުނޭ، މީގައި އެއްވެސް ކޮޅެއްގައި ނުޖެހޭނޫންތޯ."