ވިޔަފާރި

"ބަލަންވީ އިގްތިސޯދު ކުރިއަރާ މިންވަރަށް"

Oct 1, 2019
2

ރާއްޖޭގެ ދަރަނި އިތުރުވުމަކީ ކަންބޮޑުވުމެއް ނޫން ކަމަށާ، ކުރަންޖެހޭ ކަމަކީ އިގްތިސޯދު ފުޅާ ކުރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ދަރަންޏަކީ ކަންބޮޑުވުމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު ރޭ ވިދާޅުވިއިރު، މި ސަރުކާރުން ވެރިކަމަށް އަންނަން ކެމްޕޭން ކުރި ދުވަސްވަރު ރާއްޖޭގެ ދަރަނި އިންތިހާއަށް މަތިވަމުންދާ ކަމަށް ބުނެ އޭރުގެ ސަރުކާރަށް އަމާޒުކޮށް އަބަދުހެން ފާޑު ކިޔާފައިވެ އެވެ. އޭރުގެ ސަރުކާރުގެ ވަޒީރުން އޭރު ބުނަމުން ދިޔައީ ވެސް ދަރަނި އިތުރުވުމަކީ ކަންބޮޑުވުމެއް ނޫން ކަމަށާ ރާއްޖޭގައި ދަރަނި މެނޭޖު ކުރާނެ ގާބިލްކަން ހުރި ކަމަށެވެ.

ރާއްޖޭގެ ދަރަނި މިދިޔަ އަހަރު 48 ބިލިއަން ރުފިޔާގައި ހުރުމަށްފަހު މިހާރު ވަނީ 50 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ދަރަނި އިތުރުވުމާ ބެހޭ ގޮތުން، ފިނޭންސް މިނިސްޓަރު ރާއްޖެ ޓީވީގައި ރޭ ވިދާޅުވީ ދަރަނި 50 ބިލިއަން ރުފިޔާއަށް އިތުރުވުމަކީ ކަންބޮޑުވުމެއް ނޫން ކަމަށެވެ. މަގުސަދަކީ އިގްތިސޯދު ފުޅާކޮށް، ވަރުގަދަ ކުރުން ކަމަށެވެ.

"އިގްތިސާދު ފުޅާ ކުރުން މަގުސަދަކީ. އިގްތިސޯދު ފުޅާކޮށްގެން ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކެއް ވެސް ފުޅާވެގެން ދިޔަ ވަރަކަށް އަޅުގަނޑުމެންގެ އިގްތިސޯދު ކުރިއަރަމުން އެބަ ދޭ... ބަލަންވީ އިގްތިސޯދު ކުރިއަރާ މިންވަރަށް،" އަމީރު ވިދާޅުވި އެވެ.

ފަންސާސް ބިލިއަނަށް ދަރަނި އިތުރުވުމެއް ނޫން ކަންބޮޑުވުމަކީ. އިގްތިސޯދު ފުޅާ ކުރުން މަގުސަދަކީ. އިގްތިސޯދު ފުޅާކޮށްގެން ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކެއް ވެސް ފުޅާވެގެން ދިޔަ ވަރަކަށް އަޅުގަނޑުމެންގެ އިގްތިސޯދު ކުރިއަރަމުން އެބަ ދޭ،
އިބްރާހިމް އަމީރު | ފިނޭންސް މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ މި ސަރުކާރާ ހަވާލުވި ފަހުން ދަރަންޏަށް އިތުރުވެފައިވާނީ 1.9 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ސަރުކާރާ ހަވާލުވިއިރު ގެރެންޓީ ނުހިމަނައި 48 ބިލިއަން ރުފިޔާގައި ހުރި ކަމަށެވެ.

"އަޅުގަނޑު ކުރިން ވެސް ފާހަގަ ކޮށްފައި ވާނެ 1.5 ބިލިއަން ރުފިޔާ [50 މިލިއަން ޑޮލަރު] ގެ ޓްރެޒަރީ ބޮންޑަކީ އެއީ ފަހުން ހިލޭ އެހީއަކަށް ބަދަލު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިފައި އޮތް އަދަދެއް. މިހާރު ޓްރެޒަރީ ބޮންޑެއްގެ ގޮތުގައި ވިއްކާފައި ރެކޯޑު ދަރަނީގެ ގޮތުގައި ރެކޯޑު ވިއަސް. އިންޑިއާ ސަރުކާރުން ޔަގީންކަން ދީފައި އެބައޮތް ޓްރާންސިޝަން ޕީރިއަޑުގައި މެޗޫރިޓީ އެއީ ހިލޭ އެހީ އެއްގެ ގޮތުގައި ހަމަަޖައްސާ ދޭނެކަން. އެހެންވެ ހިލޭ އެހީއަކަށް ރެކޯޑު ވެގެން ދާނެ،" އަމީރު ވިދާޅުވި އެވެ.