ހަބަރު

އިންޑިއާއިން ރާއްޖޭގައި ކެންސަރު ހޮސްޕިޓިލެއް އަޅަނީ

Oct 1, 2019
6

ރާއްޖޭގައި ކެންސަރަށް ފަރުވާދޭ ހޮސްޕިޓިލެއް އިންޑިއާ ސަރުކާރުން އަޅައިދޭން ނިންމާފައިވާ ކަމަށް ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެ އެވެ.

ސަފީރު ސުދީރު ވިދާޅުވީ އެ ގައުމުން ރާއްޖެއަށް ހަމަޖައްސައި ދީފައިވާ ފެސިލިޓީގެ ތެރެއިން، 100 އެނދުގެ ހޮސްޕިޓަލެއް ހުޅުމާލޭގައި އަޅައި ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލް ވެގެންދާނީ ކެންސަރު ބައްޔަށް ފަރުވާދޭ ތަނަކަށް ކަމަށާ، މި ހޮސްޕިޓަލުގައި އެންމެ ޒަމާނީ ވަސީލަތްތައް ހުންނާނެ ކަމަށެވެ. ނަމަވެސް، ހޮސްޕިޓަލުގެ މަަސައްކަތް ފަށާނެ ތާރީހެއް އޭނާ ވިދާޅެއް ނުވެ އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަކީ އިންޑިއާ ސަރުކާރުގެ އެހީގައި އަޅައިދިން ތަނެކެވެ. ނަމަވެސް އެ ހޮސްޕިޓަލަށް އެކަށީގެންވާ ވަސީލަތްތައް ނުލިބި ބާވެފައި ވަނިކޮށް 2016 ވަނަ އަހަރު ސަރުކާރުން ވަނީ އެތަނުގައި ބޮޑު މަރާމާތެއްކޮށް އިތުރު ވަސީލަތްތައް ހޯދާފަ އެވެ. އެ މަސައްކަތުގައި ހޮސްޕިޓަލް ހުޅުވިތާ 20 އަހަރު ފަހުން ވަނީ އެމްއާރުއައި މެޝިނެއް ބަހައްޓައި ހިތުގެ ފަރުވާދޭނެ ހާއްސަ ބައެއް ވެސް ގާއިމް ކޮށްފަ އެވެ. އަދި އޭގެ ފަހުން އައިޖީއެމްއެޗާ އިންވެގެން ޒަމާނީ ވަސީލަތްތަކާއެކު "ދަރުމަވަންތަ ހޮސްޕިޓަލް" ގެ ނަމުގައި މުޅިން އާ ހޮސްޕިޓަލެއް ވަނީ އަޅައި ހުޅުވާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރު ވެރިކަމަށް އައުމާއެކު އިންޑިއާ އިން ދަނީ ރާއްޖެ އަށް ދޭ އެހީތައް ގިނަ ކުރަމުންނެވެ. މިގޮތުން އެ ގައުމުން ވަނީ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލީޓީއެއް ހަމަޖައްސައިދީފަ އެވެ. މި އެހީގެ ދަށުން އައްޑޫގައި މަގު ހެދުމާއި މީނޫން ވެސް މަޝްރޫއުތައް ހިންގާނެ އެވެ.