ހަބަރު

ޑީއެޗުގައި ޑައިބެޓިކް ސެންްޓަރެއް ހުޅުވައިފި

ހަކުރު ބަލީގެ މީހުންނަށް ފަރުވާދޭން ނެޝަނަލް ޑައިބެޓިކް ސެންޓަރެއް ދަރުމަވަންތަ ހޮސްޕިޓަލު (ޑީއެޗް) ގައި ހުޅުވައިފި އެވެ.

މި ސެންޓަރު ހުންނަނީ ޑީއެޗްގެ ތިންވަނަ ފަންގިފިލާގަ އެވެ. އެތަނުން ޑޮކްޓަރަށް ދެއްކުމާއި ހަކުރު ބައްޔާ ގުޅުންހުރި ޓެސްޓުތައް ހެދުމާއި ރިޕޯޓު ދޫކުރުމާއި ހަކުރުބަލި ހުންނަ މީހުން ކެއުން ބަހައްޓަން ޖެހޭ ގޮތާމެދު ޑައިޓީޝަނުންގެ ލަފާ ދޭނެ އެވެ.

ބަލި މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ފުރަތަމަ އެޕޮއިންޓްމެންޓަށް ފަހު އެނބުރި ދިޔުމުގެ ކުރިން ރިވިއު ނުވަތަ ފޮލޯަޕް އެޕޮއިންޓްމެންޓް ހަމަޖައްސައި ދޭނެ އެވެ.

ކުރިއަށް ހުރި ދުވަސްތަކުގައި އެ ސެންޓަރުން ޑޮކްޓަރަށް ދެއްކުމަށް ހަމަޖެހިފައިވާ ދުވަސް ކައިރިވުމުން ހަނދާން ކޮށް ދިނުމަށް ބަލި މީހާއަށް މެސެޖު ފޮނުވުމާއި ޓެލެމެޑިސިން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ހަކުރު ބައްޔަށް ފަރުވާ ދިނުމުގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ.