ހަބަރު

ބިދޭސީ ކީއޫގެ މައްސަލަ ހައްލުކުރަން ގަލޮޅު ދަނޑަށް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއްދީ، އެ މީހުން ރެޖިސްޓަރީ ވާން ސަރުކާރުން ހުޅުވާލި ފުރުސަތުގައި ބިދޭސީން އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓް ދޮށުގައި ކިއުގައި ކޮއްޅަށް ތިބޭ ތިބުން ނިމުމަކަށް ގެނައުމަށް އެކަމަށް ގަލޮޅު ދަނޑު ބޭނުން ކުރަން ނިންމައިފި އެވެ.

ސަރުކާރުން ވަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވޯކާސް" ގެ ނަމުގައި ޓާސްކްފޯހެއް އުފައްދާފަ އެވެ. ބިދޭސީންގެ މައްސަލަ ހައްލު ކުރަން އެ ޓާސްކް ފޯސް އިން އެޅި އެއް ފިޔަވަޅަކީ ބަންގްލަދޭޝް އިން ލޭބަރުން ގެނައުން އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރުމެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރެޖިސްޓަރީވާން ވަނީ ފުރުސަތު ދީފަ އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރެޖިސްޓްރީ ކުރުމަށް އެކޮނޮމިކް މިނިސްޓްރީން ހިންގާ ޕްރޮގްރާމްގައި ބިދޭސީން ކިއު ހަދައިގެން ކޮޅަށް ތިބެންޖެހޭ މައްސަލައަށް ނިމުމެއް ގެނައުމަށް އެކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއެކު ގަލޮޅު ދަނޑު މިއަދު ބައްލަވާފައިވާ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އެކޮނޮމިކް މިނިސްޓްރީގެ ރެގިއުލޭޝަން ޔުނިޓުގެ އެ މަސައްކަތް ގަލޮޅު ދަނޑަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

މަހުލޫފު ކުރެއްވި ޓުވީޓް

އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓް ދޮށަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ ރެޖިސްޓަރީވާން ކޮންމެ ދުވަހަކު ކިޔޫ ހަދަމުންނެވެ. ނަމަވެސް މިނިސްޓްރީން ކޮންމެ ދުވަހަކު ދޫކުރަނީ 150 ނަންބަރެވެ.