ސައުދީ އަަރަބިއްޔާ

ހޫތީ ޖަމާއަތަށް ސައުދީގެ ސިފައިން ހައްޔަރެއް ނުކުރެވޭ: ކޯލިޝަން

ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތުން ސައުދީއަރަބިޔާގެ 2000 އަށް ވުރެ ގިނަ ސިފައިން ހައްޔަރު ކޮށްފައިވާ ކަމަށް ބުނުމުން، ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރަން ސައުދީ އިސްވެ ހަދާފައިވާ ކޯލިޝަނުން އެކަން ދޮގު ކޮށްފި އެވެ.

ސިފައިން ހައްޔަރު ކޮށްފައިވާ ވާހަކަތައް ދޮގުކޮށް ސައުދީ ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ ވިދާޅުވީ، ސިފައިން ހައްޔަރު ކޮށްފައިވާ ކަމަށް ބުނެ ހޫތީން ދޮގު ހަބަރު ފަތުރަނީ، ކޯލިޝަނުން ހަމަލާ ދޭތޯ ކަމަށާއި އޭގެ ބޭނުމަކީ ސައުދީއަށް ހަމަލާ ނުދޭނެ ކަމަށް ބުނެ ހޫތީން ދެއްކި ވާހަކަތަށް އަނބުރާ ގެންދިޔުން ކަމަށެވެ.

ހޫތީ ޖަމާއަތުން މީގެ ކުރިން ބުނެފައިވަނީ، އެ ޖަމާއަތުން ސައުދީއަށް ދެމުން ގެންދިޔަ ވައިގެ ހަމަލާތައް ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް ސައުދީ ކޯލިޝަންގައި ހިމެނޭ ގައުމަކުން ޔަމަނަށް ހަލަމާދީފިނަމަ އަލުން ސައުދީގެ އިގްތިސޯދުގެ މުހިންމު ބިނާތަކަށް ހަމަލާ ދޭނެ ކަމަށެވެ.

ހަމަލާދިނުން ހުއްޓާލިކަން އިއުލާން ކުރިތާ ހަފުތާއެއް ފަހުން ސައުދީގެ 2000 އަށް ވުރެ ގިނަ ސިފައިން ހައްޔަރު ކޮށްފައިވާ ކަމަށް ހޫތީން ވަނީ ބުނެފަ އެވެ. އަދި ސައުދީގެ 500 ސިފައިން މަރާލާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މިކަމާ ގުޅިގެން ސައުދީން ރަސްމީކޮށް ބަހެއް ނުބުނެ އެވެ.

ސިފައިން ހައްޔަރުކުރި ކަމުގެ ދޮގު މައުލޫމާތު ހޫތީން ފަތުރަމުންދާތީ އެކަމާ ދެކޮޅަށް ސައުދީން ފިޔަވަޅު އަޅަން ވިސްނަމުންދާ ކަމަށް ވެސް ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް މާލިކް ވަނީ ވިދާޅުވެފަ އެވެ،