ހެންވޭރު، އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ދެ ގެއެއް އަނދައި ހުލިވެ، 31 އާއިލާއެއްގެ ބޯހިޔާވަހިކަން ގެއްލުނު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑީއެމްއޭއިން މިއަދު ވަނީ އެ އޮތޯރިޓީ އާއި ކަމާ ގުޅޭ އިދާރާތައް ގުޅިގެން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނަށްފަހު އެއްކުރި މައުލޫމާތުތައް ހިއްސާކޮށްފަ އެވެ. އަދި އަލިފާނުގެ ހާދިސާގެ ސަބަބުން ގެއްލުންވެފައިވާ މީހުން ދިރިއުޅެމުން ދިޔަ ގެ ތަކުގެ ހާލަތު ނަމްބަރުން ކިޔައިދީފައި ވެއެވެ.
އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ކެމިކަލް ރައްކާ ކޮށްފައިވާ ހުރި ގުދަނެއްގައި ރޯވުމާއި ގުޅިގެން ހަތް ގެއެއްގައި އަލިފާން ރޯވި އެވެ. އެންޑީއެމްއޭއިން ބުނި ގޮތުގައި އޭގެ ތެރެއިން ދެ ގެއެއް އެކަށް އަނދާފައިވެ އެވެ. އަދި އިތުރު ފަސް ގެއަކަށް އަލިފާނުގެ ސަބަބުން ގެއްލުންތައް ލިބިފައިވެ އެވެ. އެންޑީއެމްއޭއިން ވަނީ އެ ގޭގޭގައި ދިރިއުޅެމުންދިޔަ ގޭބީސީތަކުގެ އަދަދު ވެސް ހިއްސާކޮށްފައެވެ.
އަލިފާނުގައި އެކަށް އަނދައިގެންދިޔަ ގެތައް
- ނިގާރަން
- ނެއިބާ
އަލިފާނުގައި ގެއްލުންވި ގެތައް
- އިވާއު
- އަދޫ
- އިރާނުގެ
- ކަޅުހުރާ
- ރަދުވާނިޔާ
މި ގެތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ދިިރިއުޅެމުން ދިޔައީ ކަޅުހުރާގަ އެވެ. އެގޭގައި 11 އާއިލާއެއް ދިރިއުޅެމުން ދިޔަ އެވެ. ރަދުވާނިޔާގައި ހަ އާއިލާއެއް ދިރިއުޅެމުން ގެންދިޔަ އެވެ. އަދި އަދޫގައި ހަ އާއިލާއެއް ދިރިއުޅެމުން ދިޔައިރު، އިވާއުގައި ފަސް އާއިލާއެއް ދިރިއުޅެމުން ދިޔަ އެވެ.
މުޅިން އަދައިގެން ދިޔަ ނިގާރަން އާއި ނެއިބާ ގައި ދިިރިއުޅެމުން ގެންދިޔައީ އެ ދެ ގޭގެ މީހުން އެކަންޏެވެ. އަދި އިރާނުގޭގައި ވެސް ދިރިއުޅެމުން ދިޔައީ އެ ގޭގެ މީހުން އެކަންޏެވެ.
އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ކެމިކަލް ރައްކާ ކޮށްފައިވާ ހުރި ގުދަންތަކެއް ވެސް ވަނީ އަނދައި ހުލިވެފަ އެވެ. އެ ހާދިސާގައި އުމުރުން 46 އަހަރުގެ އަންހެނަކު މަރުވެފައިވާއިރު 780 ވުރެ ގިނަ މީހުނަށް ސަރުކާރުން ވަގުތީ ހިޔާ ހޯދައިދޭން ޖެހުނެވެ.
މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު އަދި އެންމެ ގިނަ ގެއްލުންތައް ވެސް ލިބުނު ހާދިސާ އެވެ. އޭގެ ކުރީގެ އެފަދަ ދެ ހާދިސާއަކީ މޯރީ ގަރާޖާއި ކޯސްޓްލައިން އަލިފާނާއި ހ، އޯކިޑްގައި ރޯވި ހުޅެވެ.