ސްކޫލަށްދާ ގިނަ ކުދިންނަށް އެ ކުދިންގެ މައިންބަފައިން އަތުން އިންޓަވަލް ގަޑީގައި އެއްޗެއް ކާލާނެ ފައިސާ ލިބެ އެވެ. ނަމަވެސް ފިލިޕީންސްގެ ފަގީރު މި ދެ ކުދިންނަށް ސްކޫލުގައި މެންދުރު ކެއުމަށް ދޭނެ ފައިސާއެއް އެ ކުދިންގެ މައިންބަފައިންނަކަށް ނުލިބެ އެވެ. މިކަމާ ބޮޑާ ހޭކުމުގެ ބަދަލުގައި މި ކުދިން ސްކޫލަށް ދިއުމުގެ ކުރިން މަސައްކަތް ކޮށްގެން ފައިސާ ހޯދަން ފެށި އެވެ.
މި ދެ ކުދިންނަކީ ވަރަށް މޮޅަށް ފައިވާން މަރާމާތުކުރާ ކުދިންނަށް ވާތީ މި ކުދިން ކައިރިއަށް ގިނަ ބަޔަކު ފައިވާން މަރާމާތުކުރަން ދެއެ އެވެ.
ތޭރަ އަހަރުގެ މަނުލީޓާ އާއި 12 އަހަރުގެ މިކޯ ބޯބަން ކޮންމެ ދުވަހަކުވެސް ސްކޫލަށް ދިއުމުގެ ކުރިން މަގުމަތީގައި ތިބެ މީހުންގެ ފައިވާން މަރާމާތުކޮށްދީ މެންދުރު ކާނެ ފައިސާ ހޯދަ އެވެ.
މަނުއެލްޓާ ބުނި ގޮތުގައި އެ ކުދިން މެންދުރު ކާނެ ފައިސާގެ އިތުރުން ވެސް ސްކޫލުން ހަވާލުކުރާ ބައެއް ޕްރޮޖެކްޓްތަކަށް ވެސް ފައިސާ އެއްކުރެ އެވެ. މި ކުދިން ފައިވާން މަރާމާތުކުރަން ދަސްކޮށްފައިވަނީ މައިންބަފައިން ކައިރިންނެވެ. އެ ކުދިންގެ މަންމަ އާއި ބައްޕަ އަކީ ވެސް މަގުމަތީ މީހުންގެ ފައިވާން މަރާމާތު ކޮށްދީގެން އާމްދަނީ ހޯދާ ބައެކެވެ.
މި ކުދިންގެ މަންމަ ބުނި ގޮތުގައި ދުވަހުން ދުވަހަށް ބޭނުންވާ އެއްޗެތި ހޯދާ ވަރަށް ވެސް އެމީހުންނަކަށް ފައިސާއެއް ނުލިބެ އެވެ. އަދި އަމިއްލަ ގެދޮރެއް ވެސް ނެތެވެ. މި ހާލުގައި ވެސް ދަރިން ކިޔަވަން މަސައްކަތް ކުރާތީ އުފާވާ ކަމަށް މި ދެ ކުދިންގެ މަންމަ ބުންޏެވެ.
މަނުއެލްޓާ އާއި މިކޯ އަށް މިގޮތަށް ދިރިއުޅުން އުނދަގުލަސް އެ ކުދިން މި މަސައްކަތްކުރާކަށް ލަދެއް ނުގަނެ އެވެ. މި ދެ ކުދިން ވެސް ގަބޫލުކުރާ ގޮތުގައި މިއީ ކިޔަވައިގެން މޮޅުވުމަށްޓަކައި މި ކުދިންނަށް ކޮންމެހެންވެސް ކުރަން ޖެހިފައިވާ މަސައްކަތެކެވެ.
މި ކުދިން ކިޔަވަންދާ ސްކޫލްގެ ޕްރިންސިޕަލް މިހާރު ގަސްތުކޮށްފައިވަނީ މި ކުދިން ކުރާ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން މިކުދިންގެ އަގު ވަޒަންކޮށް ޝަރަފުވެރި އިނާމެއް ދޭށެވެ. މި ކުދިންގެ ވާހަކަ އަޑުއަހާފައި އެހެން ކުދިން ވެސް ކިޔެވުމަށް މިހާ ބުރަ މަސައްކަތެއް ކުރާނެކަމުގެ އުންމީދުގަ އެވެ.