ހަބަރު

ޓީ ޖެޓީ އަލިފާނުން ގެއްލުންވީ 10 ބައުޒަރަށް، ރޯވި ލޯންޗު ނަގައިފި

ޓީ-ޖެޓީ ސަރަހައްދުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި 10 ތެޔޮ ބައުޒަރަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން މިއަދު ބުނީ މިހާތަނަށް ބެލިބެލުމުން އަލިފާންގަނޑު ފުރަތަމަ ރޯވީ "ނެވި 3" ނަމަކަށް ކިޔާ ލޯންޗުގައި ކަމަށެވެ. އެ އަލިފާނުގެ ސަބަބުން ޓީ ޖެޓީގައި އޮތް 10 ތެޔޮ ބައުޒަރަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ އިރު ފަސް ބައުޒަރެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަަމަށް ފުލުހުން ބުންޏެވެ.

ފުރަތަމަ ރޯވި ލޯންޗު ފަޅު ތެރެއަށް އަޑިއަށް ގޮސްފައިވާ އިރު މިއަދު 2:15 ހާއިރު އެ ލޯންޗު ވަނީ ނަގާފައެވެ.

ލޯންޗުގައި އަލިފާން ރޯވިއިރު އޭގައި ތިބީ ހަތަރު ދިވެހިންނެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑުގެ 50 ޕަސަންޓު ފިހިފައިވާ އިރު ލޯންޗު ކައިރީ އޮތް މުދާ އުފުލާ ދޯންޏެއްގައި ތިބި ދެ ބިދޭސީއަކަށް ވެސް އަނިޔާ ލިބިފައިވެ އެވެ. އޭގެ އިތުރުން ފަޅު ތެރޭ އޮތް ތެޔޮ ބޯޓެއްގައި ހުރި މީހަކާއި އެހެން ލޯންޗެއްގެ މީހަކު އެހީވާން އުޅުމުގެ ތެރޭގައި ވެސް އެކި ވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ. އަދި ތެޔޮ ބައުޒަރުތައް ދުރަށް ޖައްސަން އެހީވި މީހެއްގެ އަތް ވެސް ފިހުނެވެ. އެ ހާދިސާގައި ޖުމްލަ ނުވަ މީހަކު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދިނެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ އިތުރަށް ސާފުކޮށް ޔަގީންކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.