ޝާހްރުކް ހާން

ޝާހްރުކް އާ ވައްތަރު ޖޯޑުން މީހަކު މަޝްހޫރުވެއްޖެ

ޝާހްރުކް ޚާން ކޮޕީ ކުރުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. އެކަމަކު އޭނާއާ އެއް ވައްތަރު އެހާ ގިނަ ބަޔަކު ނުފެނެ އެވެ. ނަމަވެސް ދާދިފަހުން ސޯޝަލް މީޑިއާގައި އަކްރަމް އަލް-އިއްސާވީ ކިޔާ ޖޯޑުން މީހަކު މާ މަޝްހޫރު ވެގެން އުޅެނީ ޝާހްރުކް އާ ވައްތަރު ކަމުންނެވެ. "ޒީރޯ" އެކްޓަރާ މި މީހާ އާ އެހާވެސް ވައްތަރެވެ.

ޝާހްރުކްގެ ބައެއް ފޭންޕޭޖްތަކުން ވަނީ މިމީހާގެ ފޮޓޯތައް ޝެއާކޮށް މިކަމާ ގުޅޭ ގޮތުން ވަރަށް ވަރުގަދަޔަށް ބަހުސްތައް ފަށާފަ އެވެ. ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ އަކްރަމް ބޭރުތެރޭން ފެންނައިރަށް ޝާހްރުކްގެ ގިނަ އަދަދެއްގެ ފޭނުން އޭނަ ވަށާލައި ފޮޓޯނަގާ ހަދަމުންދާ މަންޒަރު ވެސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މިހާރު ދަނީ ދައުރު ވަމުންނެވެ.

ޝާހްރުކްގެ ފޭނުން ބުނަނީ މިއީ "ޑުޕްލިކޭޓް އެސްއާރްކޭ" ނުވަތަ ޝާހްރުކް ޚާންގެ ކޮޕީ އެއް ކަމަށެވެ.

ޝާހްރުކްގެ ފޭނުން އޭނާ ވަށާލައިގެން ފޮޓޯނަގާ ހެދުމަކީ މިހާރު އަކްރަމް އަށް އާ ކަމެއް ނޫނެވެ. އެހެންވެ އޭނާ ވެސް ފޭނުން ބުނާ ގޮތް ގޮތަށް ހުއްޓިފައި ފޮޓޯ ނަގައި ވަރަށް ރަނގަޅަށް މި މަޝްހޫރުކަމުގެ ބޭނުން ހިފަމުން ދެއެވެ. އަދި ޖޯޑުންގެ ވަރަށް ގިނަ ޗެނަލްތަކަށް ވެސް އަކްރަމް ދަނީ އިންޓަވިއުތައް ދެމުންނެވެ.

އޭނާ 2018 ގައި އަރަބިޔާ ޗެނަލް އަށް ދިން އިންޓަވިއު އެއްގައި ބުނީ އޭނާ ޝާހްރުކް އާ ވައްތަރުކަން ގަބޫލުކުރި ނަމަވެސް ޝާހްރުކް ވައްތަރުޖަހާ މީހެކޭ ބުނާތީ ހިތްހަމަނުޖެހޭ ކަމަށެވެ.

ޝާހްރުކް އާއި އަކްރަމް ވައްތަރުކަމަށް އޭނާގެ ގިނަ އަދަދެއްގެ ފޭނުން ބުނާއިރު ޝާހްރުކް އަށް ޖޯޑުންގެ މި ފޮޓޮގްރާފަރާ ބައްދަލު ވެއްޖިއްޔާ ބުނާނީ ކީކޭ ބާވަ އެވެ؟

ޝާހްރުކް މިވަގުތު ހުރީ ފިލްމީ މަސައްކަތް ކުޑަކޮށް މަޑުޖައްސާލައިގެންނެވެ. އޭނާގެ އެންމެ ފަހު ފިލްމު "ޒީރޯ" ނާކާމިޔާބު ވުމަށްފަހު މިހާތަނަށް އެއްވެސް ފިލްމެއް ކުޅެން އޭނާ ސޮއިކޮށްފައެއް ނުވެ އެވެ.

އަވަހަށް ފިލްމެއް ކުޅެން ފަށަން ފޭނުން ޑިމާންޑް ކުރަމުން ދިޔައަސް ޝާހްރުކް ބުނަނީ އެހާ އަވަސް އަރުވާލައިގެން ނޫޅޭ ކަމަށާއި ބައެއް ސްކްރިޕްޓްތައް ކިޔަމުންދާ ކަމަށެވެ. އޭނާ ބުނި ގޮތުގައި ދެން ކުޅޭނީ ހިތްހަމަޖެހޭ ކަހަލަ ފިލްމެކެވެ. ވިޔަފާރި ރަނގަޅުވާ ކަހަލަ ފިލްމުތައް ބަލައިގެން ނުކުޅޭނެ އެވެ.
\
"އަހަރެން ފިލްމަކުން ނުފެނުނަސް އޭގެ މާނައަކީ އަހަރެން މިހިރީ ޗުއްޓީއެއްގައެކޭ ނޫން. އަހަރެން ވަރަށް ބުރަކޮށް އެބަ މަސައްކަތް ކުރަން. އަހަރެންގެ ޕްރޮޑަކްޝަން ހައުސް އިން އުފައްދަން ގަސްތުކުރާ ފިލްމުތަކާއި ގިނަ އަދަދެއްގެ ވާހަކަތަކުގެ މަސައްކަތް އަހަރެން އެބަކުރަން. އަހަރެންނަށް އަމިއްލައަށް ފިލްމެއް ލިޔުމުގައި އެ ދިމާވާ ސްޓްރެސް މިހާރު ނެތީމަ އުފާވޭ،" ޝާހްރުކް ދާދިފަހުން އިންޑިއާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.