ހަބަރު

ވީން ވަކިކުރާ މުވައްޒިފުންނަށް ކައުންސެލިން!

Oct 1, 2019

ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މީޑިއާ ކުންފުނި ވީމީޑިއާއިން ގިނަ އަދަދެއްގެ މުވައްޒިފުން ވަކިކުރަން ނިންމާފައިވާކަމަށާ އެ މުވައްޒިފުންނަށް ތެރަޕީ އާއި ކައުންސެލިން ދޭން ނިންމާފައިވާކަމަށް ބުނެފި އެވެ.

ގާސިމް އިބްރާހިމްގެ މީޑިއާ ހައުސް "ވީމީޑިއާ" އިން ގިނަ އަދަދެއްގެ މުވައްޒިފުން ވަކިކޮށް ހިންގުމުގެ ޚަރަދުތައް ކުޑަކުުރަން ނިންމާފައިވަނީ މިދިޔަ މަހުގައެވެ. އަދި އޮކްޓޫބަރު މަހުގެ ތެރޭގައި ގިނަ މުވައްޒިފުންތަކަކަށް ނޯޓިސްދީ ވަޒީފާއިން ވަކިކުރުމަށް ވީމީޑިއާގެ މެނޭޖްމަންޓުން ވަނީ ނިންމާފައެވެ.

ވީމީޑިއާއިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވަނީ އެ މީޑިއާގައި މަސައްކަތް ކުރަމުންދާ މުވައްޒިފުންގެ ތެރޭން ބައެއް މުވައްޒިފުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަމަށް ބުނެފައެވެ. އަދި އެކަމުގެ ސަބަބުން މުވައްޒިފުންނަށް ނަފްސާނީ އެހީތެރިކަން ދިނުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ޕްރޮފެޝަނަލް ސައިކޮ-ސޯޝަލް ތެރަޕީއާ ކެރިއާ ގައިޑެންސާއި، ކައުންސެލިން ދިނުމަށް ނިންމާފައިވާކަމަށެވެ.

ވީމީޑިއާގައި މިވަގުތު ތިބީ 86 މުވައްޒިފުންނެވެ. އޭގެ ތެރެއިން 36 މުވައްޒިފުން ވަކި ކުރާނެ ކަމަށް ބެލެވެއެވެ. އަދި މުވައްޒިފުންގެ މުސާރައަށް މިހާރު ޚަރަދުވާ 1.3 މިލިއަން ރުފިޔާ، 750,000 ރުފިޔާއަށް ރުފިޔާއަށް ކުޑަކުރާނެ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވީމީޑިއާއިން ހިންގާނީ މުވައްޒިފުން މަދު ޓީވީ ސްޓޭޝަނަކާއި، އޮންލައިން ނޫހެއް ކަމަށް އެތަނުގެ އިސްވެރިޔަކު ވިދާޅުވިއެވެ. އެހެންކަމުން ވަރަށް އަވަހަށް ވީއެފްއެމްގެ ޚިދުމަތް ރަސްމީކޮށް ހުއްޓާލާނެ އެވެ.

މީޑިއާއިން ގިނަ އަދަދެއްގެ މުވައްޒިފުން ވަކިކޮށް ވީމީޑިއާގެ ހިންގުމުގެ ޚަރަދު ކުޑަ ކުުރަން ނިންމާފައިވާއިރު، މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން އެފަދަ ފިޔަވަޅުތަކެއް އަޅާފައި ވެއެވެ. ކުރިން އެފަދަ ފިޔަވަޅުތަކެއް އެޅީ ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް މާލީ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ބުނެ އެވެ.