ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގެ މުވާސަލާތުގެ ޚިދުމަތްތައް މިހާރަށްވުރެ ބޮޑަށް ކުރިއަރުވައި، މުވާސަލާތުގެ ޚިދުމަތްތަކުގެ އަގު ހެޔޮކުރުން ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
މަލީހު މިހެން ވިދާޅުވީ ދިރާގަށް 31 އަހަރުގެ ފުުރުމުގެ މުނާސަތުގައި ފޮނުއްވި މެސެޖެއްގަ އެވެ. އިންޓަނެޓްގެ ޚިދުމަތުގެ އަގު ހެޔޮ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.
އެ މަސައްކަތްކުރާތާ ގިނަ ދުވަސް ވީއިރު ވެސް އިންޓަނެޓްގެ އަގު އަދި ހެޔޮކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅޭ މަޝްވަރާތައް ކުންފުނިތަކާ ކުރައްވާފައިވާ ކަމަށް މަލީހު ވިދާޅުވި އެވެ. ނަމަވެސް އިންޓަނެޓްގެ އަގު ހެޔޮ ކުރެވިފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
މަލީހު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ މުވާސަލާތުގެ ޚިދުމަތްތައް މިހާރަށްވުރެ ބޮޑަށް ކުރިއެރުވުން ކަމަށެވެ. އަދި މުވާސަލާތުގެ ޚިދުމަތްތަކުގެ އަގު ހެޔޮކޮށް، ރައްޔިތުންނަށް މިހާރަށްވުރެ ލުއި ފަސޭހަ އަވަސް ޒަމާނީ ޚިދުމަތްތަކެއް ފޯރުކޮށް ދިނުން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިދާއިރާއަށް ދެއްވާ ޚާއްސަ ސަމާލު ކަމުގެ ނަތީޖާއެއްގެ ގޮތުން، މި މިނިސްޓްރީ އުފައްދަވާފައި މި ވަނީ ރައްޔިތުންނަށް މިދާއިރާއިން ދެވޭ ޚިދުމަތްތައް ކުރިއަށްވުރެ އަވަސްވެ، ލުއި ފަސޭހަވެ، ޚިދުމަތްތަކަށް ވާސިލުވުމުގެ ފުރުސަތުތައް ވަގުތުން ވަގުތަށް ލިބިދެއްވުމަށްޓަކައި. މިކަންކަން ހާސިލު ކުރުމަށް މި މިނިސްޓްރީން މިގެންދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ދިރާގާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ މީގެ 31 އަހަރު ކުރިން އޮކްޓޯބަރު 1، 1988 ގައި ދިވެހި ސަރުކާރު ހިއްސާވާ މުވާސަލާތީ ކުންފުންޏެއްގެ ގޮތުގައި ދިރާގު އުފެދުން އެއީ ރާއްޖޭގެ މުވާސަލާތީ ދާއިރާގައި ކުރިޔަށް އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ.