ޖުމްހޫރީ ޕާޓީ

އެމްޓީޑީ ދޫކޮށް ޔާމީން ޖޭޕީއަށް

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ) ނާއިބު ރައީސްގެ މަގާމުގައި ހުންނެވި ޔާމީން ރަޝީދު، އެ ޕާޓީ ދޫކޮށް ޖޭޕީއާ ގުޅިވަޑައިގެންފި އެވެ.

ޔާމީން ރަޝީދު ޖޭޕީއާ ގުޅިވަޑައިގެންފައި ވަނީ މިރޭ އެ ޕާޓީގެ މައި މާލަން މާފަންނު ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާ ޖޭޕީއާ ގުޅިވަޑައިގަތުމާ ހަމައަށް ހުންނެވީ އެމްޓީޑީގެ ނާއިބު ރައީސްގެ މަގާމުގަ އެވެ.

ޖޭޕީއަށް ސޮއިކުރުމަށްފަހު އޭނާ ވަނީ މެންބަރުޝިޕް ފޯމް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި ހަވާލު ކުރައްވާފަ އެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޔާމީން ރަޝީދު ފުރުއްވީ ވެލިދޫ ދާއިރާގެ ގޮނޑިއެވެ. އޭނާ ވަނީ ދައުރުގެ ތެރޭގައި އިތުރު ދެ ޕާޓީއަކާ ގުޅިވަޑައިގެންފަ އެވެ.

އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވެވަޑައިގެންނެވި ނަމަވެސް ޔާމީން ވަނީ އޭރު ސަރުކާރުގައި އޮތް ޕީޕީއެމާއި ގުޅިވަޑައިގެންފަ އެވެ. އަދި އެފަހުން އެމްޓީޑީ އާއި ގުޅިވަޑައިގަތެވެ.