މާސްއަށް ޓޫރިސްޓުން ފޮނުވުމަށް އެންމެ ފުރަތަމަ އިސް ނެގީ ސްޕޭސް އެކްސް ކުންފުނީގެ ވެރިޔާ އިލޯން މަސްކެވެ. އޭގެ ފަހުން ބައެއް ޖައްވީ އެހެން އިދާރާތަކާއި ގައުމުތަކުގެ ރަސްމީ ޖައްވީ އިދާރާތަކުން ވެސް ވަނީ އަގު ބޮޑު އެ ރޭހަށް ވަންނާނެކަން އިއުލާނު ކޮށްފަ އެވެ. އެންމެނަށް ވުރެ ކުރީގައި އުޅެނީ ސްޕޭސް އެކްސް ކުންފުންޏެވެ. އެހެން ޖައްވީ އިދާރާތަކުން އިންސާނުން މާސްއަށް ގެންދާނެ ޖައްވީ އުޅަނދު ބަނުމުގެ މަސައްކަތާއި އުޅަނދުގެ ކުރެހުން އާންމު ކުރަމުންދާ ދަނޑިވަޅެއްގައި ސްޕޭސް އެކްސްއިން ވެސް ވަނީ މާސްއަށް އިންސާނުން ގެންދާނެ އުޅަނދު ބަދެ ނިންމާލުމަށްފަހު އެ ދައްކާފަ އެވެ.
ސްޕޭސް އެކްސްއިން ބޮޑު ބިޔަ އުޅަނދު ދައްކާލާފައި ވަނީ ވެސް އެ ކުންފުނީގެ ތާރީހީ ދުވަހެއްގަ އެވެ. މި ރޮކެޓް ދައްކާލީ އެ ކުންފުނީގެ ރޮކެޓެއް ފުރަތަމަ ފަހަރަށް ދުނިޔޭގެ އޯބިޓަށް ކާމިޔާބުކަމާއެކު ދަތުރުކުރިތާ 11 އަހަރު ފުރުން ފާހަގަ ކުރަން މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ ޓެކްސަސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ސްޕޭސް އެކްސްގެ އާ އުޅަނދު ދައްކާލާފައިވަނީ އެ ކުންފުނީގެ ސީއީއޯ، އީލޯން މަސްކެވެ. މި ރަސްމިއްޔާތަށް ހުރިހާ ޖައްވީ އިދާރާތަކުން ވަނީ ލޯ ދިނެވެ. ސްޕޭސް އެކްސް ކުންފުންޏަކީ މިހާރު ވެސް ނަސާގެ ސެޓްލައިޓުތަކާއި ރާޑަރުތައް ޖައްވަށް ފޯރުކޮށްދޭ ކުންފުންޏެވެ. އަދި ރީ ޔޫޒަބަލް ރޮކެޓް ބޭނުންކުރާ ހަމައެކަނި ކުންފުންޏެވެ.
އުޅަނދުގެ މައުލޫމާތު ދެމުން އިލޯން ވިދާޅުވީ، އޭނާގެ ކުންފުނިން ބަނދެ ނިންމާލި އެ އުޅަނދަށް މާސްގެ އިތުރުން ހަނދަށް ދިޔުމުގެ ގާބިލްކަން ވެސް ލިބިގެންވާ ކަމަށާއި އެއީ އިންސާނުންނާއި ޖައްވު ގުޅުވައިދޭ ކޭބަލް ކަމަށެވެ.
އުޅަނދުގައި ދަތުރު ކުރާ މީހުން އަނބުރާ ދުނިޔެއަށް އަންނައިރު ދިމާވެދާނެ އެކްސިޑެންޓުތަކުން ސަލާމަތް ކުރެވޭނެ ހުރިހާ ވަސީލަތެއް އުޅަނދުގައި ގާއިމް ކޮށްފައިވެ އެވެެ. އަންނަ ޑިސެމްބަރު މަހު އުޅަނދުގެ ޓެސްޓް ދަތުރެއް ޖައްވަށް ކުރާނެ އެވެ. އެ ދަތުރުގައި މި އުޅަނދު 65000 ފޫޓު މައްޗަށް އުދުހޭނެ އެވެ.
އެހެން އުޅަނދުތަކާ ހިލާފަށް ސްޕޭސް އެކްސްގެ މި އުޅަނދު އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރެވޭނެ އެވެ. އެހެންކަމުން ޓޫރިސްޓުން ދެ ވަނަ ބުރަކަށް ޖައްވަށް ގެންދިޔުމަށް ކުރަން ޖެހޭ ހަރަދު ސްޕޭސް އެކްސް ކުންފުނިން ކުރާކަށް ނުޖެހޭނެ އެވެ. ސްޕޭސް އެކްސް ކުންފުނިން އުފައްދާފައިވާ ހުރިހާ ޖައްވީ އުޅަނދުތަކަކީ ވެސް ރީ ޔޫޒަބަލް އުޅަނދުތަކެވެ.
ސްޕޭސް އެކްސްގެ އެންމެ ބޮޑު އެއް އަމާޒަކީ ކާމިޔާބުކަމާއެކު ދިގު މުއްދަތަކަށް ބޭނުން ކުރެވޭ މި އުޅަނދުގައި އިންސާނުން ރައްކާތެރިކަމާއެކު ދުނިޔެއިން ބޭރަށް ގޮސް ޖައްވުގެ އެކި ހިސާބުތަކަށް ދަތުރުކުރުމުގެ ފުރުސަތު ހޯދައި ދިނުމެވެ.
މިހާރު ސްޕޭސް އެކްސްއިން ވަނީ އުޅަނދު ޖައްވަށް ދަތުރުކުރާނެ ގޮތް ދައްކުވައިދޭ ވީޑިއޯ އެއްވެސް އާންމުކޮށްފަ އެވެ. ސްޕޭސް އެކްސްއަކީ ޖައްވަށް ފޮނުވާލުމަށްފަހު ކާމިޔާބުކަމާއެކު އަނބުރާ ބިމަށް ޖެއްސުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެއް ފުރަތަމަ އުފެއްދި ކުންފުންޏެވެ.
ނާސާގެ އެޑްމިނިސްޓްރޭޓާ ޖިމް ބްރިޑްސްޓްޓެއިން ވަނީ ލަސްނުކޮށް މި އުޅަނދު އިންސާނުނާއެކު ޖައްވަށް ފޮނުވާލުމުގެ މަސައްކަތް ކުރަން އެދިފަ އެވެ. މި އުޅަނދު މާސްއާ ހަމައަށް ދިޔުމަށް 90 ދުވަހާއި 120 ދުވަހުގެ މުއްދަތެއް ނަގާނެ އެވެ. މިއީ އާންމުކޮށް އެހެން ޖައްވީ އުޅަނދުތައް ވެސް މާސް ދާން ނަގާ މުއްދަތެވެ.