ގްރީން ޓެކުހުގެ ފައިސާ ޖަމާ ކުރާ "ގްރީން ފަންޑު" ން މި އަހަރުގެ މިހާތަނަށް 192 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި "ގްރީން ފަންޑު" ގެ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް ގްރީން ފަންޑަށް 579 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވެ އެވެ. އަދި ފަންޑުން 192 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާއިރު ފަންޑުގައި ބާކީ 386 މިލިއަން ރުފިޔާ އެބަހުއްޓެވެ.
މި ފަންޑުން މިދިޔަ އޮގަސްޓް މަހު 27 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. އޭގެ ތެރޭގައި މާލޭގެ ފެން ހިންދުމުގެ ނިޒާމު ރަނގަޅު ކުރަން 354,729ރ. ހޭދަކޮށްފައިވެ އެވެ. ގިނައިން ހޭދަކޮށްފައިވަނީ ރަށްރަށުގައި ހިންގާ ތިމާވެށީގެ މަޝްރޫއުތަކާއި ފެނާއި ނަރުދަމާގެ މަސައްކަތް ތަކަށެވެ.
ގްރީން ފަންޑުގެ ރިޕޯޓުގައިވާ ގޮތުން އޮގަސްޓް މަހު ފަންޑަށް 72 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. މި ފަންޑަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ރިސޯޓު ތަކުން 67 މިލިއަން ރުފިޔާ ޖަމާކޮށްފައި ވެއެވެ. އަދި ހޮޓާ ތަކުން 1.4 މިލިއަން ރުފިޔާ ޖަމާވެފައިވާއިރު، ގެސްޓްހައުސް ތަކުން 1.9 މިލިއަން ރުފިޔާ އަދި ސަފާރީ ބޯޓު ފަހަރުން 894,862.56ރ. ލިބިފައިވެ އެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް ކުރި އަށް ގެންދާ މަޝްރޫއުތަކުގައި ބޭނުން ކުރުމަށް ގްރީން ޓެކްސް ނަގަން ފެށީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސެޕްޓެމްބަރު 1، 2015 ގަ އެވެ. މި ޓެކްސް ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކަށް އަންނަ މީހުންގެ އަތުން ނަގަނީ ތިން ޑޮލަރެވެ. މި ޓެކްސް މިހާރު ޖަމާވަނީ ވަކިން ހާއްސަ ފަންޑަކަށް ނޫނެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ ގްރީން ފަންޑު ގެ ނަމުގައި ހާއްސަ ފަންޑެއް ހަދައި ޖަމާ ކުރަން ނިންމާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. މި ބަދަލާއެކު ސަރުކާރުން ބުނެފައިވަނީ މި ފަންޑުގެ ފައިސާ ހޭދަކުރާނީ ތިމާވެށި ހިމާޔަތް ކުރުމާއި ސާފު ބޯފެން ފޯރުކޮށްދިނުމަށާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް ކަމަށެވެ.