އެމްއެމްޕީއާރްސީ

ވޯލްޑް ރިކޯޑް ހެދިކަން "ވިޒިޓް މޯލްޑިވްސް" އަށް ނޭނގުނު!

Oct 2, 2019
3

ރާއްޖެއަށް އިއްޔެއަކީ ވަރަށް ހާއްސަ ދުވަހެކެވެ. ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަނަށްޓަކައި ބަރޮސް ފަޅުތެރޭގައި އިއްޔެ ބޭއްވި ފީނުމުގެ ވޯލްޑް ރެކޯޑު ހެދުމުގެ އިވެންޓަކީ ރާއްޖެއަށާއި ދުނިޔެއަށް ވެސް ތާރީހީ އިވެންޓަކެވެ. ރާއްޖެއިން އިއްޔެ ވަނީ އެއް ވަގުތެއްގައި އެންމެ ގިނަ މީހުން ފީނައިގެން އިޓަލީވިލާތުން ހަދާފައިވާ ދުނިޔޭގެ ރެކޯޑު މުގުރާލާފަ އެވެ.

މި އިވެންޓަކީ ރާއްޖޭގެ ޓޫރިޒަމްގެ ހަޔާތުގައި އެންމެ ބޮޑު އެއް އިވެންޓެވެ. ބެލެވިފައި އޮތީ އެންމެން އުންމީދު ކުރަމުން އައި މި އިވެންޓް އެންމެ ފޯރީފައި އިޝްތިހާރު ކުރާނީ ސަރުކާރުގެ މާކެޓިން ކުންފުނި އެމްއެމްޕީއާރްސީން ކަމަށެވެ.

ނަމަވެސް ރާއްޖެއާއެކު ދުނިޔޭގެ ސަމާލުކަން ވެސް އޮތް ބޮޑު އިވެންޓު ކުރިއަށް ދިޔައިރު އެމްއެމްޕީއާރްސީގެ ބައިވެރިވުން ރަސްމީ / ނުރަސްމީކޮށް އެއްގޮތަކަށް ވެސް ނުފެނުނެވެ. އެ އިވެންޓު ސޯޝަލް މީޑިއާގައި ލައިވް ކުރަމުން ގެންދިޔައިރު ރީ-ޓުވީޓެއް ވެސް ކޮށްލި ތަނެއް ނުފެނުނެވެ. އިވެންޓް ހިނގަމުން ދިޔައިރު އެ ސަރަހައްދުގައި ތިބި މީހުން ވެސް އެކަން ފާހަގަ ކޮށްފައިވެ އެވެ.

ދިވެހިރާއްޖެ ދުނިޔޭގެ ރިކޯޑެއް ހެދިކަން އެމްއެމްޕީއާރްސީއަށާއި "ވިޒިޓް މޯލްޑިވްސް" އަށް ނޭނގުނީ ހެއްޔެވެ؟ އެނގިފައި އޮތަސް އެކަން ބޮޑު ކަމަކަށް ނުވީ އަދި އެއީ ރާއްޖެ ޕްރޮމޯޓް ކުރަން ލިބުނު ކިހާ ބޮޑު މާކެޓިން ފުރުސަރެއް ކަމަށް ނުބެލީ ކީއްވެގެން ހެއޔެވެ؟

މި ސުވާލު، ދައުލަތުން ބޮޑު ބަޖެޓެއް ދީފައިވާ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާ ކުރުމުން ވިދާޅުވީ އެ ކުންފުންޏާއި ޓޫރިޒަމްގެ ކޯޑިނޭޝަން ވަރަށް ރަނގަޅު ކަމަށެވެ. ނަމަވެސް "މައްސަލައަކީ މި ދުވަސްވަރު ބިޒީވެފައި މުވައްޒަފުން މަދުވުން" ކަމަށެވެ.

"އަޅުގަނޑުމެންގެ 20 ނޫނީ 25 ވަރަކަށް މުވައްޒަފުން މި ތިބެނީ. އެހެންވެ ހުރިހާ އިވެންޓުތަކެއްގައި ބައިވެރި ނުވެވެނީ. ގިނައިން މި އޮންނަނީ ކުޅިވަރުތައް ދެއްތޯ؟ އެހެންވެ ހުރިހާ ކަމެއްގައި އަޅުގަނޑުމެންނަށް ނޫޅެވެނީ،" ތޮއްޔިބު ވިދާޅުވި އެވެ.

ވޯލްޑް ރިކޯޑް އިވެންޓާ ގުޅުވައި އެންމެ ކުޑަ މިނުން ޓްވީޓެއް ކޮށްލަން ވެސް މާގިނަ ބަޔަކު ބޭނުންވޭ ހެއްޔެވެ؟ އެއީ ބިޒީ ވެގެން ކޮށް ނުލެވޭނެ ކަމެއް ހެއްޔެވެ؟

އަޅުގަނޑުމެންގެ 20 ނޫނީ 25 މުވައްޒަފުން މި ތިބެނީ. އެހެންވެ ހުރިހާ އިވެންޓުތަކެއްގައި ބައިވެރި ނުވެވެނީ. ގިނައިން މި އޮންނަނީ ކުޅިވަރުތައް ދެއް ތޯ؟ އެހެންވެ ހުރިހާ ކަމެއްގައި އަޅުގަނޑުމެންނަށް ނޫޅެވެނީ،
ތޮއްޔިބު މުހައްމަދު | އެމްއެމްޕީއާރުސީގެ އެމްޑީ

"ވިޒިޓް މޯލްޑިވްސް" ގެ ޓްވިޓާ އާއި އެފްބީ އަދި އިންސްޓަގްރާމުގައި ވެސް މި ރެކޯޑުގެ ފޮޓޯއެއްހާ ހިސާބު ވެސް މިއަދުގެ އިރުއެރުމާ ހަމައަކަށް ނެތެވެ. އެންމެ ފަހުން ޓުވިޓާއި އެކަމާ ގުޅޭ ރީޓްވީޓެއް ކުރީ މީގެ ގަޑިއެއްހާއިރު ކުރިންނެވެ.

ދުނިޔޭގެ އެތައް މިލިއަން މީހުން ބަލާ، ރާއްޖޭގެ މޫނުމަތި ކަމަށް ވެގެން އޮންނަ އެމްއެމްޕީއާރްސީގެ "ވިޒިޓް މޯލްޑިވްސް" އިން މި އިވެންޓުގެ މައުލޫމާތު ދުނިޔެއަށް ނުދޭނަމަ ދެން އެކަން ކުރާނީ ކޮން ބައެއް ހެއްޔެވެ؟ އެހެން ނަމަވެސް ތޮއްޔިބު ވިދާޅުވީ އެއީ އަދި ނޭނގި އޮތް ކަމެއް ކަމަށެވެ.

"ތީ އަޅުގަނޑަށް ނޭނގި އޮތް ކަމެއް... އެހެން ތޯ؟ މި ބަލަނީ!. ތިޔަ ކަހަލަ ކަންކަން ވާނެ، އަޅުގަނޑުމެންނަށް އަންގާލަ ދެއްވަން،" ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ އިން މި އިވެންޓުގެ މައުލޫމާތު ނުފެނުނީ ކީއްވެގެންތޯ ސުވާލު ކުރުމުން ތޮއްޔިބު ވިދާޅުވި އެވެ.

ވޯލްޑް ރިކޯޑް އިވެންޓު ބޭއްވިކަން އެމްއެމްޕީއާރްސީ ފިޔަވައި ރާއްޖޭގެ އެންމެނަށް އެނގެ އެވެ. ހުރިހާ ޓީވީ ޗެނަލަކުން ލައިވް ކުރި އެވެ. އަދި 500 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ. މީގެ ތެރޭގައި ޓޫރިސްޓުން ވެސް ހިމެނެ އެވެ. އަދި ރާއްޖޭގެ ރައީސުލް ޖުމްހޫއްރިއްޔާ އަމަލީ ގޮތުން އިވެންޓުގައި ބައިވެވަޑައިގެންނެވި އެވެ. ނަމަވެސް ރާއްޖެ ޕްރޮމޯޓް ކުރާ "ވިޒިޓް މޯލްޑިވްސް" އަކަށް މި އިވެންޓު ބޭއްވި ކަމެއް ނޭނގުނެވެ.

ރާއްޖެއިން ދުނިޔޭގެ ރިކޯޑް ހެދި އިވެންޓަށް އާ ސަރުކާރުން ބަޖެޓް ބޮޑުކޮށްދީފައިވާ އެމްއެމްޕީއާރްސީން އަޅައި ނުލި އިރު އެ މީހުންގެ އެއްވެސް ހަރަކާތެއްގައި ދިވެހި ނޫސްވެރިން މިހާރު ބައިވެރި ކުރަނީ އެތެރޭގެ ނިއުސް ކޮންފަރެންސްތަކުގައި އެކަންޏެވެ. އެހެން ނަމަވެސް ބޭރު ގައުމުތަކުގެ އާދައިގެ މެގަޒިންތަކަށް ލިޔެ އުޅޭ މަޝްހޫރު ކަމެއް ނެތް ލިޔުންތެރިންގެ ޓީމްތައް ނޫސްވެރިންގެ ގޮތުގައި ކައިރި ކައިރީގައި ރާއްޖެ ގެނެސް ހަރަދު ކުރެ އެވެ.