އީރާން

ސަރަހައްދީ އަމާންކަމަށް ސައުދީއާއެކު މަޝްވަރާ ކުރަން ތައްޔާރު: އިރާން

ގަލްފު ސަރަހައްދުގެ ރައްކާތެރިކާ ގުޅޭ ގޮތުން ސައުދީ އަރަބިއްޔާއާ މަޝްވަރާ ކުރަން އިރާން އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަލީ ލަރީޖަނީ ވިދާޅުވެއްޖެ އެވެ.

އަލީ ސައުދީއާއެކު މަޝްވަރާ ކުރަން ތައްޔާރު ކަމަށް ވިދާޅުވީ، ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އިރާނާއެކު މަޝްވަރާ ކޮށްގެން ގަލްފު ސަރަހައްދުގެ ހަމަނުޖެހުންތައް ނިމުމަކަށް ގެންނަން ބޭނުންވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އަރަމްކޯ ފެސިލިޓީޒްއަށް ހަމަލާދިން މައްސަލައިގައި މުހައްމަދު ވިދާޅުވީ، އިރާނާއެކު ސައުދީން މަޝްވަރާގެ ބަދަލުގައި ހަނގުރާމައަކަށް ގޮސްފިނަމަ ދުނިޔޭގެ އިގްތިސޯދު ހާލާކު ވެގެން ހިނގައިދާނެ ކަމަށެވެ.

"އިރާން މިހާރު އޮތީ ތައްޔާރަށް، ގަލްފުގެ ކޮންމެ ގައުމަކާއެކު ވެސް އަމާންކަމަށް މަޝްވަރާ ކުރަން" އަލީ ވިދާޅުވި އެވެ.

ސައުދީއާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވިއްޖެނަމަ ގަލްފު ސަރަހައްދަށް އަމާންކަން ލިބިގެންދާނެ ކަމަށް އަލީ ވަނީ ވިދާޅުވެފަ އެވެ. އަލީ އތުރަށް ވިދާޅުވީ، އިރާނުގެ ޑިފެންސް ސްޓެރެޖަޓީ ވަރަށް ވަރުގަދަ ކަމަށެވެ. ގަލްފު ގައުމުތަކުގެ ތެރެއިން އެންމެ ވަރުގަދަ ސިފައިންގެ ފައުޖެއް އޮންނަނީ އީރާނުގައި ކަމަށާއި ގަލްފު ސަރަހައްދުގެ ކަނޑާއި އެއްގަން ބަލަހައްޓަން ބޭރު ގައުމުތަކެއްގެ ސިފައިން ބޭނުން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެމެރިކާއަށް ބަރޯސާވެގެން ގަލްފު ސަރަހައްދު ބެލެހެއްޓުން ދޫނުކުރާނެ ކަމަށެވެ.

އިރާނުން ސައުދީއާ މަޝްވަރާކުރަން ތައްޔާރު ކަމަށް ބުނިއިރު، ސައުދީއަކީ ގަލްފު ސަރަހައްދު ބަލަހައްޓާ އެމެރިކާ ސިފައިންގެ ބައިވެރި އެކެވެ. މީގެ އިތުރުން ސައުދީއާއެކު ފަށަން އުޅޭ މަޝްވަރާގައި އިރާނުގެ ނިއުކްލިއާ ޕްރޮގްރާމްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރާނެ އެވެ