ހަބަރު

އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ލަފާ ދޭން ކޮމިޓީއެއް

Oct 2, 2019
2

މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ލަފާ ދިނުމަށް 10 މެންބަރުން ދާއިމީ ކޮމިޓީއެއް އުކަލާވަލަން ނިންމައި އެ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

އާބިޓްރޭޝަން ސެންޓަރުން މިއަދު ކުރި އިއުލާނެއްގައި އެ ސެންޓަރު އާބިރޭޝަން ގަވާއިދުތައް މުރާޖައާކޮށް ބޮޑު މެންބަރުންނަށް ލަފާ ދިނުމަށް 10 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަން ބޭނުންވާ ކަމަށެވެ. ވީމާ އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.

އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ލަފާ ދޭ ކޮމިޓީއަށް ކުރިމަތިލާ ފަރާތަކީ ގާނޫނީ ދާއިރާއިން ނުވަތަ ގާނޫނާއި ޝާރީއާގެ ދާއިރާއިން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހެ އެވެ. އަދި އާބިޓްރޭޝަން ދާއިރާގެ އަމަލީ ތަޖުރިބާ ލިބިފައިވުމަކީ ވެސް އެ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ޝަރުތެކެވެ.

އެ ކޮމިޓީއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ކޮއުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށްނަމަ [email protected] އަށެވެ. އީމެއިލް ކުރާނަމަ އެއް މެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް އެޓޭޗްކޮށްފައި ހުންނަން ވާނީ ޕީޑީއެފް ފޯމެޓްގަ އެވެ.

އާބިޓްރޭޝަންގެ ގާނޫނު 2013 ގައި ވުޖޫދުވެ އެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ އާބިޓްރޭޝަން ސެންޓަރު ހުޅުވީ އޭގެ ހަ އަހަރު ފަހުންނެވެ. އަދި އެ ސެންޓަރުގެ ބޯޑު ވެސް މިހާރު އެކުލަވާލެވިފައިވެ އެވެ. އެއީ ބޮޑުގެ ޗެއާޕާސަން އަހުމަދު ޝަހުދީއާއި، ވައިސް ޗެއާޕާސަން ހުސައިން ސިރާޖުގެ އިތުރުން މެންބަރު ސަފާ ޝަރީފެވެ.