އުތުރު ކޮރެއާ

އުތުރު ކޮރެއާއިން ކަނޑު އަޑީގައި މިސައިލް ޓެސްްޓު ކޮށްފި

އުތުރު ކޮރެއާއިން އެ ގައުމުގެ ކަނޑު އަޑީގައި ސަބްމެރީނެއް ބޭނުން ކޮށްގެން ބަލެސްޓިކް މިސައިލެއް ޓެސްޓް ކޮށްފައިވާ ކަމަށް ދެކުނު ކޮރެއާއިން ބުނެފި އެވެ.

އުތުރު ކޮރެއާއިން މިސައިލް ޓެސްޓް ކޮށްފައި ވަނީ އެމެރިކާއާއެކު ނިއުކްލިއާ މިސައިލްތަކާ ބެހޭގޮތުން މަޝްވަރާ ކުރަން ތައްޔާރުވެފައި ވަނިކޮށެވެ. މީގެ ކުރިން ވެސް އެމެރިކާއާއެކު ކުރަން އޮތް މަޝްވަރާގެ ވަގުތު ކައިރިވުމުން އުތުރު ކޮރެއާއިން ވަނީ މިސައިލް ޓެސްޓުތަކެއް ކޮށްފަ އެވެ.

ދެކުނު ކޮރެއާއިން ވަނީ އުތުރު ކޮރެއާއިން ޓެސްޓުކުރި ސަބްމެރިން ލޯންޗު ބަލިސްޓިކް މިސައިލް (އެސްއެލްބީއެމް) އާ ގުޅިގެން ކަންބޮނޑުވުން ފާޅުކޮށްފަ އެވެ. މި ބަލިސްޓިކް 450 ކިލޯމީޓަށް ދަތުރުކުރި ކަމަށް ވެސް ދެކުނު ކޮރެއާއިން ބުނެފައި ވެއެވެ. އަދި ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝިޑީ ސޫގާ ވެސް ވަނީ ސަބްމެރިނެއްގައި އުތުރު ކޮރެއާއިން ބަލިސްޓިކް މިސައިލް ޓެސްޓުކުރިކަން ޔަގީންވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ޔޮޝިޑީ ވިދާޅުވީ، އުތުރު ކޮރެއާއިން ޓެސްޓްކުރީ އެއް މިސައިލް ކަމަށެވެ. އަދި 450 ކިލޯ މީޓަރަށް ދަތުރު ކުރުމަށްފަހު ދެ ބައި ވެގެން އަޑިއަށް ގޮސްފައިވާ ކަމަށެވެ. އުތުރު ކޮރެއާއިން އާންމުކޮށް ޓެސްޓްކުރާ މިސައިލްތައް ފޮނުވާލަނީ ޖަޕާނުގެ ކަނޑަށެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ، އުތުރު ކޮރެއާއިން ކެނޑިނޭޅީ ޖަޕާނުގެ ކަނޑަށް ފޮނުވަމުންދާ މިސައިލްތަކުގެ ސަބަބުން އެގައުމުގެ ގައުމީ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށެވެ. އަދި އެއީ ސީރިއަސް މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.