ޑޮނަލްޑް ޓްރަމްޕް

އިދިކޮޅުން ކުރަން އުޅެނީ ބަޣަވާތެއް: ޓްރަމްޕު

ބޭރު ގައުމެއްގެ އެހީގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އުޅޭ ކަމަށް ބުނެ، ދޮގު ވާހަކަ ފަތުރައި އިދިކޮޅުން މަސައްކަތް ކުރަނީ ބަޣާވާތާކުން ވެރިކަން ނިމުމަކަށް ގެންނަން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

ޓްރަމްޕު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިހާރު ކުރަން ފަށާފައިވާ ބަޣާވާތުގެ ސަބަބުން އެމެރިކާގެ ގިނަ ރައްޔިތުންތަކެއްގެ ހައްގުތައް ނިގުޅައިގެނެވިފައިވާ ކަމަށެވެ. ޓްރަމްޕު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އޭނާގެ ރަނގަޅު ވެރިކަން ނިންމާލަން ފުރަތަމަ ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކޮށް އެކަން ނުވުމުން މިހާރު މަސައްކަތް ކުރަނީ ބަޣާވާތަކުން އޭނާގެ ވެރިކަމުން ވައްޓާލަން ކަމަށެވެ.

"ކޮންމެ ދުވަހަކު މިދަނީ ވަރަށް ގިނަ މައުލޫމާތު ލިބެމުން، މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގޭ ކުރަން މިއުޅެނީ ބޮޑު ބަޣާވާތެއްކަން" ޓްރަމްޕު ވިދާޅުވި އެވެ.

އެމެރިކާގެ ރައީސްކަމުގެ މަގާމުން ޓްރަމްޕު ދުރުކުރުމުގެ، މަސައްކަތް އިދިކޮޅު ޑިމްކްރެޓުން ކުރަން ފެށީ ޔޫކްރޭންގެ ރައީސް ވޮލްޑީމީރް ޒެލެންސްކީ އަށް ޓްރަމްޕް ދާދިފަހުން ކުރެއްވި ފޯނު ކޯލެއްގައި އެމެރިކާގެ ކުރީގެ ނައިބު ރާއީސް ޖޯ ބައިޑަންގެ ދަރިފުޅުގެ ވިޔަފާރިއެއްގެ މައްސަލަ ތަހުގީގު ކުރަން އެންގި ކަމަށް ބުނެ އެވެ.