ހަބަރު

ބީއެމްއެލްއިން ނުކުޅެދުންތެރި ކުދިންނަށް ފަތަން ދަސްކޮށްދެނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ގައުމީ ބޭންކުގެ އިޖުތިމާއީ ޒިންމާގެ ދަށުން "ފެތުން ތަރިން" ގެ ނަމުގައި ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދިނުމެވެ.

ބީއެމްއެލް އިން މި ޕްރޮގްރާމް ފަށާފައިވަނީ މާލެ އާއި ހުޅުމާލޭގަ އެވެ. ފެތުން ތަރިންގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ މި ޕޮރްގްރާމްގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހުނަރެއް ދަސް ވެގެން ދިޔުމަކީ ބީއެމްއެލް އަށް ލިބޭ އުފަލެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އުއްމީދު ކުރައްވަނީ ފެތުން ތަރިން ޕޮރްގްރާމް މެދުވެރިކޮށް ގިނަ ފަރާތްތަކަށް ފަތަން ދަސްވެގެންދާ ޕްރޮގްރާމަކަށް ވެގެން ދިޔުން ކަމަށެވެ.

"ހަމަހަމަ ފުރުސަތުތަކެއް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ލިބި އިތުރު ހުނަރެއް މި ކުދިންނަށް ދަސްވެގެންދާކަމީ އަޅުގަނޑުމެނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮގްރާމް މެދުވެރިކޮށް ގިނަ ފަރާތްތަކަށް ފަތަން ދަސްވެ، އަދި ފެތުމަށް ހުންނަ ޝައުގުވެރިކަން އިތުރުވެގެން ދިޔުން،" ޝަރީފް ވިދާޅުވި އެވެ.

ފެތުން ތަރިން ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ 30 ކުއްޖަކު ބައިވެރިވެ އެވެ. މި ޕްރޮގްރާމް ކުރި އަށް ގެންދަނީ މޯލްޑިވްސް ސުވިމިން އެސޯސިއޭޝަން އާއި ޕެރައޮލިމްޕިކް ކޮމިޓީ އާ ގުޅިގެންނެވެ. މި ޕްރޮގްރާމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފައިވަނީ ބީއެމްއެލް އިންނެވެ.