ލައިފްސްޓައިލް

ދިވެހި އާޓިސްޓުންގެތެރޭ އިންކްޓޯބާ މަގުބޫލު!

އޮކްޓޯބަރަކީ އާޓިސްޓުންނަށް ހާއްސަ މަހެކެވެ. "އިންކްޓޯބާ" ނަމުގައި ދުނިޔޭގެ އާޓިސްޓުން މެދުގައި ހާއްސަ އާޓް ޗެލެންޖެއް ކުރިއަށްދެ އެވެ. މިއީ އާޓިސްޓުންގެ ހުނަރު ދައްކާލައި ހުނަރު ކުރިއެރުވުމުގެ ގޮތުން އަދި ކުރެހުމުގެ އާދާ އުފެއްދުމުގެ ބޭނުމުގައި ހިންގާ ޗެލެންޖެކެވެ. އޮކްޓޯބަރަކަށް ކަނޑައަޅާފައި އޮންނަ ލިސްޓެއްގައިވާ ގޮތަށް އެމީހުން ކުރެހުމާއި ޕެއިންޓިން އަދި ސްކެޗް ކުރުމަށްފަހު ސޯޝަލް މީޑިއާގައި "#އިންކްޓޯބާ2019" ހޭޝްޓެގް ގައި ހިއްސާ ކުރަނީ އެވެ.

ދިވެހި އާޓިސްޓުންގެ މެދުގައިވެސް އިންކްޓޯބާ ހިނގަ އެވެ. ކުރީގެ އަހަރުތަކުގައި ވެސް މި ޗެލެންޖުގައި ބައިވެރިވެ ދިވެހި އާޓިސްޓުންވަނީ އެ މީހުންގެ އާޓް ހިއްސާކޮށްފަ އެވެ. މިދިއަ އަހަރު އާޓިސްޓުންގެ މެދުގައި މަގުބޫލުވެ އާޓިސްޓުންގެ މަސައްކަތް އެއް އެކައުންޓަކުން ދައްކާލުމަށް އިންސްޓަގްރާމް ގައި އިންކްޓޯބާއެމްވީ އުފައްދާފައި ވެއެވެ. ހޭޝްޓެގް "#އިންކްޓޯބާއެމްވީ" އުފަންވެ ހިނގައިގަތެވެ. އާޓިސްޓުންގެ މެދުގައި މަގުބޫލު މި ޗެލެންޖަށް އާޓިސްޓުންގެ އިންކްޓޯބާއަށް އެ މީހުން އިންތިޒާރު ކުރެއެވެ.

މި އަހަރު ވެސް އިންކްޓޯބާއަށް ބޮޑު ފޯރިއެއް އެބައޮތެވެ. މިފަހަރު ރަސްމީކޮށް އިންކްޓޯބަރު ނެރެފައިވާ ލިސްޓްގެ އިތުރުން ދެ ލިސްޓެއް ކުރިއަށް އެބަދެއެވެ. ދިވެހި ޓްވިސްްޓަކާއެކު އިންކްޓޯބާ ކުރިއަށް ގެންދަނީ އާޓިސްޓުންގެ މެދުގައި އިންކްޓޯބާއަށް ފޯރި އިރުުތު ކުރާށެވެ.

ޒުވާން އާޓިސްޓެއް ކަމުގައި އައިމިނަތު އިޒާނާ ޝަމީމް ބޭނުންވީ އިންކްޓޯބާ ދިވެހި ކޮށްލާށެވެ. އޭނާ އިންކްޓޯބާ އަށް އެކުލަވާލީ ރާއްޖެއާއި ގުޅޭ ދިވެހި އާޓިސްޓުން ރިލޭޓް ކޮށްލެވޭ ލިސްޓެކެވެ.

ރާއްޖެއާއި ގުޅޭ އަދި މޫސުމަށް އަންނަ ބަދަލުތަކަށް މީހުން ހޭލުންތެރި ކުރަން ސޭވް ދަބީޗް އެންޖީއޯގެ ފަރާތުން ތިމާވެއްޓާއި ގުޅޭގޮތުން އިންކްޓޯބާ އަށް ލިސްޓެއް އެކުލަވާފައި ވެއެވެ.

ސޭވް ދަބީޗް އެންޖީއޯ އިން ބުނި ގޮތުގައި އެމީހުންގެ މި ލިސްޓަކީ ކްލައިމެޓް ކްރައިސިސް އާއި ގުުޅުވާލައި ތިމާވެށީގެ ރީތި، ބިރުވެރި އަދި އުއްމީދުތައް ހިމެނޭ ތީމްތަކުން ހުނަރު ދައްކާލުމުގެ ބޭނުމުގައި ހަދާފައިވާ ލިސްޓެެކެވެ.