ހަބަރު

އަފްރާޝީމް މަރާލި މީހުންނާ އެކަން ރޭވި މީހުން ހާމަ ކުރާނަން: ކޮމިޝަން

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގު މައުލުމާތުތަކާއި އެ މަރުގެ ފަހަތުގައިވާ މީހުން ވަރަށް އަވަހަށް ހަމާ ކުރާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ރަހުމު ކުޑަ ގޮތަކަށް ދީނީ އިލްމުވެރިޔާ އަފްރާޝީމް މަރާލީ ސެޕްޓެމްބަރު 30، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ. އެ މަރަށް ހަތް އަހަރުވިއިރު ވެސް އަދިވެސް އިންސާފު ލިބިފައި ނުވާތީ އެ ކަމުގެ ކަންބޮޑުވުން އަފްރާޝީމްގެ އާއިލާއާއި އާންމުން ދަނީ ފާޅު ކުރަމުންނެވެ.

މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަފުސީލުތައް ކުރިއަށް އޮތް މަދު ހަފުތާތަކުގެ ތެރޭގައި ހާމަ ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އެ ގޮތުން އޭނާ މަރާލުމުގައި ބައިވެރިވި މީހުނާއި އެ ކަން ރޭވި މީހުންގެ މައުލޫމާތު ވެސް ހާމަ ކުރާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް އުފެއްދި އެ ކޮމިޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އަފްރާޝީމްގެ މަރުގެ ފަހަތުގައި ތިބި މީހުން ވަނީ ހޯދިފަ އެވެ. އަދި އެ ތަހުގީގާ ގުޅޭ ރިޕޯޓެއް ވެސް ރައީސްއާ ހިއްސާކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އަފްރާޝީމަށް އިންސާފު ހޯދައި ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަރުގެ ހަގީގަތް ހޯދުމަށް އުފެއްދި ކޮމިޝަނުން ބުނެފައި ވަނީ އަފްރާޝީމާއި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގެ ފަހަތުގައި ވެސް ތިބީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް ކަމަށެވެ.