ޓެރަރިޒަމް

24 ގަޑިއިރު ބަންދުގައި ބަހައްޓާ ގޮތަށް ޓެރަރިޒަމްގެ ބިލު ބަދަލުކޮށްފި

ޓެރަރިޒަމްގެ ކުށްތަކުގައި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓޭ ގޮތަށް ފުލުހުންނަށް ބާރު ދިނުމަށް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައިވާ މާއްދާ ކޮމިޓީ މަރުހަލާގައި ބަދަލުކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ޝަހީމް) ހުށަހެޅުއްވި އެ ބިލުގައި އެންމެ ފުރަތަމަ އޮތީ ޓެރަރިޒަމްގެ ކުށްތަކުގައި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރުކޮށް، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކޮށް ބަންދުގައި 48 ގަޑިއިރު ބެހެއްޓޭނެ ކަމަށެވެ.

ބިލު ދިރާސާ ކުރި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން، މިހާރު ބިލުގައި ވަނީ ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކު 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހޭނެ ކަމަށެވެ. ކޮމިޓީން ބިލު ދިރާސާ ކުރުމުގައި ކަމާ ބެހޭ މުއައްސަސާތަކުގެ މަޝްވަރާއާއި އާންމުންގެ ހިޔާލު ހޯދި އެވެ.

ކުރިން ބިލުގައި 48 ގަޑިއިރުވަންދެން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް ބަންދުގައި ބެހެއްޓޭނެ ކަމަށް އޮތުމުން އެއީ ގާނޫނު އަސާސީއާ ތައާރަޒުވާ ގޮތަށް އޮތް މާއްދާއެއް ކަމަށް މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ގިނަ މެންބަރުން ފާހަގަ ކުރެއްވި އެވެ. މެންބަރުން ފާހަގަކުރެއްވީ މީހަކު ހައްޔަރުކޮށް 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި އޮންނަ މާއްދާ އެވެ.

ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ބިލުގައި އޮތް މާއްދާ ހަމަ އެ ގޮތަށް ބޭއްވުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. ބިލުގައިވާ ގޮތުން އެ ގޮތަށް ހައްޔަރު ކުރަން ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް ރޭންކުން ފެށީގެން މަތީގެ ރޭންކްގެ އޮފިސަރެއްގެ ހުއްދަ ނަގަން ޖެހެ އެވެ.

މީޑިއާއަށް ނުވަދެވޭ ގޮތަށް ބޮޑު ބައެއް ސިއްރު ކޮށްގެން ކުރިއަށްގެންދިޔަ ކޮމިޓީ މަރުހަލާގައި އެ މާއްދާ އެ އޮތް ގޮތަށް ބާއްވަން ފާސްކުރިއިރު، ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެ މާއްދާ އެ ގޮތަށް އޮވެގެން ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެ ގޮތުން އެ މެންބަރުން ވިދާޅުވީ އެ ހުއްދަ ދެވޭ ގޮތަށް އޮންނަން ޖެހޭ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކުން މަތީގެ ފުލުސް އޮފިސަރުންނަށް ކަމަށެވެ.

އާ ބިލުގައި ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި، ކުށް ކުރާ މިހާ ނޫން އެހެން މީހަކަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ރަހީނުކޮށް ފޮރުވުމާއި، މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނޫނީ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން ހިމެނެ އެވެ.

ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތެއް ނުރައްކަލެއް ކުރިމަތި ކުރުމުގެ އިތުރުން އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުމާއި އާންމު އަސާސީ ހިދުމަތެއް ގަސްދުގައި މެދުކަނޑާލުން ވެސް ހިމެނެ އެވެ. އަދި ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް އުފެއްދުމާއި އެ ތަކެތީގެ ވިޔަފާރި ކުރުމަކީ ވެސް ޓެރަރިޒަމް ކުށެކެވެ.

ޓެރަރިޒަމް ކުށްތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވާ ކުށްތަކުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުން ކަމަށް ބިލުގައިވެ އެވެ.