ކެމިކަލް ގުދަނުގައި ރޯވުން

ގެއްލުންވި އާއިލާތަކަށް ފެނަކައިން އެއް މިލިއަން ރުފިޔާ

ހެންވޭރު، އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު އާއިލާތަކަށް އެހީވުމުގެ ގޮތުން ފެނަކައިގެ މުވައްޒިފުންގެ ފަރާތުން އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފި އެވެ.

ގެއްލުން ލިބުނު އާއިލާތަކަށް އެހީވާން ފެނަކައިގެ މުވައްޒިފުން ހަދިޔާ ކުރި ފައިސާއާ ހަވާލުވެ ވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް އެހީވުމަށް ރެޑްކްރެސްޓުން ވެސް މަސައްކަތް ކުރެ އެވެ. އަދި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވެސް ވަނީ ބީއެމްއެލްގައި އެކައުންޓެއް ހުޅުވާފައެވެ. އަދި މީޑިއާގެ ބައެއް ފަރާތްތައް ވެސް ޓެލެތޯން ކުރިއަށް ގެންގޮސްފައި ވެއެވެ.

މީގެ އިތުރުން ޕެންޝަން އޮފީހުގެ މުވައްޒިފުންގެ ފަރާތުން ވެސް ވަނީ ގެއްލުން ލިބުނު އާއިލާތަކަށް އެހީވެފަ އެވެ. އެގޮތުން އެ އޮފީހުގެ މުވައްޒަފުން 48،787 ރުފިޔާ ހަދިޔާ ކުރި އެވެ.

އަލިފާނުގެ އެ ހާދިސާގައި އުމުރުން 46 އަހަރުގެ އަންހެނަކު މަރުވެފައިވާއިރު 780 ވުރެ ގިނަ މީހުނަށް ސަރުކާރުން ވަގުތީ ހިޔާ ހޯދައިދޭން ޖެހުނެވެ. އަދި 31 އިމާރާތަކަށް އަލިފާނުގެ އަސަރުކޮށް، އޭގެ ތެރެއިން ނުވަ އިމާރާތެއް އާންމު ރައްކާތެރިކަމަށްޓަކައި ތަޅާލާފައިވެ އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ ފަހުގެ ތާރީޚެއްގައި މާލޭގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ އެވެ.