ހަބަރު

ކެމިކަލް ގަވައިދު ދެ ދުވަހުގެ ތެރޭ ގެޒެޓުކޮށް އަމަލުކުރަން ފަށަނީ

މީހުން ދިރިއުޅޭ ތަންތަނުގައި ކެމިކަލް ގުދަން ހެދުން މަނާކޮށް ކެމިކަލް ގަވައިދު ގެޒެޓް ކުރަން ނިންމައިފި އެވެ.

އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާ ގުޅޭ އިދާރާތަކުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ، މާލޭއަށް ކެމިކަލް އެތެރެކޮށް ގުދަންކުރާ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ކުރި ދިރާސާގެ މައްޗަށް ބިނާ ކޮށް ހަތަރު ކަމެއް ނިންމުނު ކަމަށެވެ. އެގޮތުން، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކެމިކަލް ގުދަންކުރުން މަނާ ކުރުމާއި ބޮޑެތި ކެމިކަލް ގުދަންތައް ހެދުމަށް ތިލަފުށި އަދި ގުޅީފަަޅު ފަދަ ރަށްރަށުން ބިން ދިނުމާއި އެކަން ކުރެވޭނެ މަގުފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަދި، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކެމިކަލް ނައްތާލުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށް އެންވާރަމަންޓާއި ވެމްކޯ ގުޅީގެން އިންތިޒާމުތައް ހަމަޖެއްސުންވެސް ހިމެނޭ ކަމަށާއި ވިހާވެސް އަވަހަށް ކެމިކަލް ގަވައިދު ގެޒެޓު ކުރާނެ ކަމަށް މިއަދު ވިދާޅުވި އެވެ.

"މިހާރުން މިހާރަށް ވީހާވެސް އަވަހަށް ކެމިކަލް ގަވައިދު ގެޒެޓު ކުރުން. މިހާހިސާބަށް ރާއްޖޭގައި ކެމިކަލް ގުދަންކޮށް ގެންގުޅެމުން ދިޔަ އިރު ކެމިކަލާ ބެހޭ ގަވައިދެއް ނެތް ހެދިފަ އެއް،" މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކެމިކަލް ގުދަންކޮށްގެން މާލޭގައި ގެންގުޅެމުން ދިޔަ އިރު ކެމިކަލާ ބެހޭ އެއްވެސް ގަވާއިދެއް ހެދިފައި ނެތް ކަމަށެވެ. އަދި، އެ ގަވާއިދު ތައްޔާރުކޮށް ޑްރާފްޓުކޮށް އޭޖީ އޮފީހާ ހިއްސާކުރަމުން އަންނަ ކަމަށާއި މި ގަވައިދު ދެތިން ދުވަސް ތެރޭ ހެދި އަމަލު ކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

"މި ގަވައިދުގެ މަގްސަދަކީ ނުރައްކާތެރި ކެމިކަލަކީ ކޮބައިކަން ކަނޑައެޅުން. ނުރައްކާތެރި ކެމިކަލް އެތެރެ ކުރާ ފަރާތްތަކުން އަމަލު ކުރަން ޖެހޭ އުސޫލުތައް ކަނޑައަޅާ ބަޔާންކުރުން. ކެމިކަލް ރާއްޖެ އެތެރެކޮށް ބޭނުން ކުރުމުގައި އަމަލުކުރަން ޖެހޭ ގޮތްތަކާއި ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާން ކުރުން،" މާރިޔާ ވިދާޅުވި އެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި އިތުރަށް ވިދާޅުވީ ޑިފެންސް މިނިސްޓްރީން ކުރި ދިރާސާގައި 126 ކެމިކަލް ގުދަން މާލޭގައި ހެދިފައި ހުރި ކަމަށާއި އެ ތަންތަނަކީ މިހާރުވެސް ތަފާތު ވައްތަރުގެ ކެމިކަލް ރައްކާ ކުރެވިފައިވާ ގުދަންތައް ކަމަށެވެ.

އަބަދަށްފަހި މަގުގައި ހުރި ގުދަނެއްގައި ރޭ ރޯވި އަލިފާނުގެ ސަބަބުން ހަތް އިމާރާތެއް އަނދައި، އެކަކު ވަނީ މަރުވެފަ އެވެ. އެ ސަރައްދުގައި ހުރި ހަތަރު ކެމިކަލް ގުދަނެއް އިއްޔެ ރޭގެ އަލިފާނުގައި ވަނީ އަނދާފަ އެވެ.